އިސްރާއީލު މީހުން މަރާފައިވާ ފަލަސްތީނު މީހުން ހިންގާފައި ވަނީ ޓެރަރިޒަމް އަމަލެއް ކަމަށް ބުނެ، ކުށް ސާބިތުވެފައިވާ ފަަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އިސްރާއީލުގެ ޕާލަމެންޓް، ނެސެޓް އިން ގާނޫނެއް ފާސްކޮށްފިއެވެ. ނަމަވެސް ފަލަސްތީނު މީހުން މަރާފައިވާ ޔަހޫދީންނަށް މަރުގެ އަދަބު ދިނުން އެ ގާނޫނު ހުއްދައެއް ނުކުރެއެވެ.
ތިރީސް ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާ މި ގާނޫނަށް ހޯމަ ދުވަހު 120 ގޮނޑި ހިމެނޭ ނެސެޓުގެ އެ ގާނޫނަށް ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް 62 މެމްބަރުން ވޯޓު ދިނެވެ. ގާނޫނާ އެއްކޮަޅަށް 48 މެމްބަރުން ވޯޓު ދީފައިވާއިރު، އެއް މެމްބަަރަކު ވޯޓުގައި ބައިވެރިވެފައެއްނުވެއެވެ.
އެ ގާނޫނު ފާސްވުމަކީ އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއަކަށްވާއިރު، ގާނޫނު އެގޮތަށް ފާސްކުރުމަކީ ސަރުކަރާއެކު ހެދި ކޯލިޝަންގެ މައިގަނޑު އެއް ޝަރުތުގެ ގޮތުގައި ހެދުމަށް އޮޓްޒްމާ ޔަހޫދީ (ޔަހޫދީ ބާރު) ޕާޓީން ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު ވަނީ ވަރަށް ބޮޑަށް ބާރު އަޅާފައެވެ.
ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ބުނީ އެ ބިލަކީ "ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ. އަދި އެއީ ހަތަރު ވަނަ ޖެނީވާ މުއާހަދާއާ ހިލާފު ބިލެއް ކަމަށާއި، "ވަކިން ހާއްސަކޮށް ވަކިވަކި ފަރުދުންނަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި އިންސާފުވެރި ޝަރީއަތްތަކާ ހިލާފު ބިލެއް ކަމަށެވެ.
އެ ގާނޫނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިސްރާއީލުގެ އެތެރެއިންވެސް އަންނަނީ ގާނޫނަށް ފާޑުކިޔަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޑްރާފްޓް ކުރި ގާނޫނާ ގާނޫނާ ދެކޮޅަށް ޑިސެމްބަރު މަހު ބޭއްވި މުޒާހަރާއެއްގައި ފަލަސްތީނާއި އިސްރާއީލުގެ އެކްޓިވިސްޓުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެއިޓް ޖަލާ ކައިރިއަށް އެއްވެފައި. ފޮޓޯ/ރޮއިޓާސް
ގާނޫނު ފާސްވުމުގެ ކުރިން އިސްރާއީލުގެ އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ މި ބިލަކީ ނުހައްގުން އަމަލުކުރުން މުއައްސަސާތަކަށް މަޖުބޫރުވާނެ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރާ ބިލެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.
ޑިމޮކްރެޓިކް ފްރަންޓް ފޯ ޕީސް އެންޑް އިކުއަލިޓީގެ ނެސެޓްގެ މެމްބަރެއް ކަމަށްވާ އޮފަ ކެސިފް ވަނީ އެއީ ނަސްލު ނައްތާލުމަށް ހެދި ގާނޫނެއް ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ގާނޫނެއް ކަމަށް ބުނެފައެވެ.
ހަދާޝް-ތައާލް އިއްތިހާދުގެ ސަމީރު ބިން ސައީދު ވެސް ވަނީ މަރުގެ އަދަބަކީ ޝަރުއީ ގޮތުން ގޯސްވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް އިންޒާރު ދީ، ބިލާ ދެކޮޅު ހަދާފައެވެ.
"އެ ގާނޫނުން ހަގީގީ ހައްލެއް ނުލިބޭ އިރު، އޭގެ ބަދަލުގައި މިހާރު އޮތް ހާލަތު އިތުރަށް އުނދަގޫ ކުރުމަށް މަގުފަހިވެދާނެ،" ބިން ސައީދު އިތުރަށް ބުންޏެވެ.
އިނގިރޭސިވިލާތާއި، ފްރާންސް އަދި ޖަރުމަނުވިލާތުންވެސް ވެސް ވަނީ އެ ގާނޫނު ކުށްވެރިކޮށްފައެވެ. ނަމަވެސް އިސްރާއީލަށް ހުރިހާ ގޮތަކުން އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި 350 ކުޑަކުދިންނާއި 66 އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 9،300 އަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާ ކަމަށް ގައިދީންގެ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި އިސްރާއީލުގެ ޕްރިޒަން ސާވިސް އިން ބުނެއެވެ.
ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ބަންދުގައި ތިބި މީހުންނަށް އަނިޔާކޮށް ބަނޑުހައިހޫނުކަންމަތީ ބައިތިއްބައި، ބޭސް ފަރުވާވެސް ފޯރުކޮށްނުދިނުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ދެހާސް ތޭވިސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލުން ވަނީ ޣައްޒާގައި 72،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ގާތްގަނޑަކަށް 172،000 މީހުން ޒަހަމްކޮށްލާފައެވެ.