ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން ހަވީރު ނޫން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ނިންމެވުމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު އެކަމަށް ތައުރީފް ކުރައްވައިފި އެވެ.
ޝިފާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގު ގެއްލިފައިވާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިސްނެންގެވީތީ އަނިލް އަށް ޝުކުރު ދަންނަވާ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެއީ އޭގެ މައްޗަށް އަމަލު ނުކުރެވޭނެ ބާތިލު އަމުރެއް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ އަމުރާ ހަވީރުގެ ކުރީގެ މުވައްޒަފުން ޚިލާފު ވެއްޖެ ނަމަ އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ކޯޓުން އަމުރު ކޮށްފައިވިޔަސް އެކަން ކުރެވެން ނެތް ކަމަށެވެ. އެއީ ރާއްޖޭގެ އެއްވެސް ގާނޫނަކުން ވެސް އަދި ގާނޫނުއަސާސީގެ ދަށުން ވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ ބާރެއް ހޯމް މިނިސްޓްރަށް ވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް ލިބިގެން ނުވާތީ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ އަމުރަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ އަމުރަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު އަމުރެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.