ދިވެހިބަސް "ދެރަކޮށްލައިފި" ނަމަ 5،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު އެކުލަވާލައިފި

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ -- ސަން ފައިލް ފޮޓޯ

ދިވެހިބަހަށް އިސްކަން ނުދިނުމުގެ އަމަލެއް ހިންގައިފި ނަމަ 500 ރުފިޔާއާ 5،000 ރުފިޔާއާ ދެމެދުން އެފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައަޅައި، ދިވެހިބަހަށް އިސްކަން ދިނުމުގެ ގަވައިދު އެކުލަވާލައި ގެޒެޓު ކޮށްފި އެވެ.

ދިވެހިބަހުގެ އެކެޑެމީން 2016 ޖޫން 29 ވަނަ ދުވަހު ގެޒެޓުކުރި މި ގަވައިދުގައި ބުނާ ގޮތުން، ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ފޮނުވާ ލިޔެކިޔުންތައް ހުންނަން ވާނީ ދިވެހި ބަހުން، ތާނަ އަކުރުން ލިޔެފަ އެވެ. އަދި އޮފީސްތަކުގައި މުއާމަލާތް ކުރުމުގައި ދިވެހިބަހުން މުއާމަލާތް ކުރެވޭ ކޮންމެ ހާލަތެއްގައި ވެސް މުއާމަލާތް ކުރަން ޖެހޭނީ ދިވެހިބަހުން ކަމަށް އޭގައި ވެ އެވެ.

ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ދިވެހީންނަށް އަމާޒުކޮށް ބާއްވާ ޖަލްސާތަކުގައި ތަގުރީރުކުރުމުގައި ދިވެހި ބަހަށް އިސްކަން ދޭންޖެހެ އެވެ. އަދި ރާއްޖެއިން ބޭރުގައި ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ދައުލަތުގެ އިސްވެރިން ދިވެހިބަސް ނޫން އެހެން ބަހަކުން، ދިވެހިންގެ އާންމު މަސްލަހަތާ ގުޅޭ ތަގުރީރެއް ދެއްވައިފި ނަމަ އެ ތަގުރީރު ތަރުޖަމާކޮށް، ގައުމީ އަރުޝީފުގައި ރައްކާކުރަން ވެސް ޖެހެ އެވެ. އެކަމެއް ކުރަން ޖެހޭނީ ތަގުރީރު ދޭ މީހަކު ނުވަތަ އޭނާ ތަމްސީލުކުރާ މުއައްސަސާއިން ކަމަށް ގަވައިދުގައި ވެ އެވެ.

ގަވައިދު ބުނާ ގޮތުގައި ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް ދިވެހިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ޖެހޭ އިރު، ރާއްޖޭގައި ކިޔަވައިދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވާ ކޮންމެ ކޯހެއްގައި ދިވެހިބަސް ނުވަތަ ދިވެހިބަހާ ތާރީޚާ ގުޅުންހުރި މާއްދާއެއް މަޖުބޫރީ ގޮތުން ކޮންމެ ދަރިވަރަކަށް ވެސް ކިޔަވައިދޭން ޖެހެ އެވެ.

ދިވެހިބަހަށް އިސްކަން ދިނުމުގެ ގަވައިދު ބުނާ ގޮތުން ދައުލަތުގެ މުއައްސަސާތަކާ އިދާރާތަކާއި ތަންތަނަށް ނަން ކިޔުމުގައި ދިވެހި ބަހަށް އިސްކަން ދޭންޖެހެ އެވެ. އަދި އޮޑިދޯނިފަހަރާއި ގޭގެއަށާއި އިމާރާތްތަކަށް ވެސް ނަން ކިޔަންޖެހޭނީ އެފަދައިންނެވެ. އެތަންތަނުގައި ހަރުކޮށްފައިވާ ނަން ބޯޑުތަކުގައި އާންމުންނަށް ކިޔަން އެނގޭނެ ފަދައިން ތާނަ އަކުރުން އެތަނުގެ ނަން ލިޔެފައި އޮންނަން ޖެހެ އެވެ.

މި ގަވައިދުގައިވާ ކަންކަމުން އިސްތިސްނާވާ ބައެއް ލިޔުންތައް ވެ އެވެ. އޭގެ ތެރޭގައި އިލްމީ ނުވަތަ ޑޮކްޓަރީ ތަހުލީލު ރިޕޯޓު، ބޭސް ސިޓީ، ރަސްމީ ލިޔުމަކަށް ނުވާގޮތަށް ކުރެވޭ ނޯޓު، ދެލިކޮޕީ ނުވަތަ ޑްރާފްޓުތައް އަދި ދިވެހިބަހުން ލިޔެފި ނަމަ ފަންނީ މައްސަލައެއް ކުރިމަތިވެދާނެ ޓެކްނިކަލް ނުވަތަ ފަންނީ ލިޔުންތައް ހިމެނެ އެވެ.

ދިވެހިބަހުގެ އެކެޑެމީއިން އާންމުކުރި މި ގަވައިދު ބުނާ ގޮތުގައި، ގަވައިދުގައި ހިމެނޭ ކަންކަމާ ޚިލާފަށް ކުރެވޭ ކަމަކީ ކުށެކެވެ. ގަވައިދުގައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާނީ ދިވެހިބަހުގެ އެކެޑެމީގެ މެމްބަރުންގެ ނިންމުމަކުންނެވެ.

އެކެޑެމީން ބުނާ ގޮތުގައި ގަވައިދާ ޚިލާފުވި ފަރާތަކުން އެ ޚިލާފުވި މިންވަރެއް ބެލުމަށްފަހު 500 ރުފިޔާއާ 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް