އަޅުކަމުގެ ސީޒަނެއް ނުނިމޭ!

ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި.- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުތުރު ބަހުން ނުވަތަ މީހެއްގެ ވާހަކަ ރޯދަޔަށްހުރެ ދައްކާނަމަ އެކަކު އަނެކަކަށް "އޭ ރޯދައޭ" ބުނެ އެކަން ނުކުރަން އިލްތިމާސްކުރެ އެވެ. ހަޑިހުތުރުބަހުން ވާހަކަ ދައްކަން ޖެހިލުންވެ އެވެ. ބަސް މަދުކުރެ އެވެ. ގޯސްކޮށް ކަމެއް ކުރެވޭނަމަ "ސާބަހޭ ރޯދައޭ" ބުނެ އެކަން ހުއްޓުވައެވެ. މިއީ ރޯދަ މަހު ފާފަތަކަށް އަރައިގަތުން ހުއްޓުވުމަށް އޮންނަ ފޯރި އެވެ. ކުށްތަކުން ދުރުވެ އަޅުކަމަށް އިސްކަންދެ އެވެ.

ރޯދަމަހު ނަމާދު ކުރުމަށް މިސްކިތުން ޖާގައެއް ހޯދުމަކީ ދަތިކަމެކެވެ. ވުޟޫ ކުރުމަކީ އެއަށްވުރެ ބޮޑު ދައްޗެކެވެ. ޖާގަނުކަތާވަރަށް މީހުން މިސްކިތްތަކަށްދަނީ އެވެ. ނަމާދުގެ އިތުރުން އެކި އަޅުކަންތަކުގައި އެތައްބަޔަކު ވަގުތުތައް ހޭދަކުރެ އެވެ. އެއީ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. ނަމަވެސް ރޯދަމަސް ނިމުމާއެކު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އިއްޔެ މިސްކިތަށް ދިޔަފަރާތްތަކަށްވެސް މިދައްކަން އުޅޭ ވާހަކަ ވާނީ ފާހަގަވެފައެވެ. މިއީ އިއްޔެއަކު މިއަދަކު އާދައެއްނޫނެވެ. އަބަދުވެސް އާދައެވެ. ރޯދަމަސް ވެފައިމިވަނީ އަޅުކަމުގެ ސީޒަނަށެވެ. އެއަށްފަހު އެމަންޒަރު ބަދަލުވެދަނީ އެވެ.

މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

މިއީ މިކަންވާންވާނެ ގޮތެއްނޫނެވެ. ހަމައެކަނި އަޅުކަން ކުރަންވީ ނުވަތަ ރަނގަޅަށް އަޅުކަން ކުރަންވީ މަހަކީ ހަމައެކަނި ރަމަޟާން މަސް އެކަންޏެއްނޫނެވެ. ދީނީ އިލްމުވެރިން ގޮވާލަނީ ރޯދަމަހު ދެއްކި އީމާންތެރިކަމުގެ ނަމޫނާގެ މަތީގައި ދެމިތިބުމަށެވެ. ރޯދަމަހު ނަމާދަށް ފަރުވާތެރިވިފަދައިން ނަމާދަށް ފަރުވާތެރިވުމަށެވެ. ފާހިޝްކަންކަމުން އެއްކިބާވުމަށެވެ.

"ރަމަޟާން މަހަކީ އަހަރުގެ ބާކީ އޮތްތަނަށް ތަމްރީނު ދިނުމަށްޓަކައި ރަނގަޅު އިސްލާމީ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ފަރިތަ ކުރުމަށްޓަކައި އޮންނަ މަހެއް. އަޅުގަނޑުމެންނަށް ވާންވީގޮތަކީ ރަމަޟާން މަހުން މިލިބޭ ތަމްރީން އޭގެ ބޭނުން ހިފައިގެން ކުރިއަށް އޮތްތަނުގައި އަމަލުތައް ބެހެއްޓުން،" ޝެއިހް ފަހުމީ ދީދީ ވިދާޅުވި އެވެ.

ރޯދަމަސް ނިމުމާއެކު މަސައްކަތު ވަގުތުތަކަށާއި ސުކޫލްތައްފަދަ ތަންތަނުގެ ވަގުތުތަކަށް ބަދަލުއާދެ އެވެ. އެހެންކަމުން ރޯދަ މަހު ލިބޭހާ ހުސްވަގުތެއްނުލިބެ އެވެ. ޝެއިހް ފަހުމީ ވިދާޅުވީ ރަމަޟާން މަހު ގުރުއާން ކިޔެވުން ނުވަތަ ރޭއަޅުކަންކުރި ވަރަށް ނުކުރެވުނު ނަމަވެސް ހެޔޮއަމަލު ކުރުމުގައި ދެމިތިބެންޖެހޭ ކަމަށެވެ.

އެހެންކަމުން ރޯދަ މަހަކީ ހަމައެކަނި އަޅުކަންކުރަން އޮންނަ މަސްކަމަށް ގަބޫލްކުރެވޭކުރުން ދޫކޮށް ރޯދަމަހަކީ ތިމާ އަޅުކަން ކުރަން ބާރުއެޅި މަހެއްކަމަށް ގަބޫލްކޮށް ރޯދަމަސް ފިޔަވައި އެހެން މަސްތަކުގައިވެސް ހެޔޮއަމަލުކުރުން މަތީ ދެމިތިބެންޖެހެ އެވެ. އަދި ރޯދަ ގެއްލިދާނެތީ ފާފަތަކަށް އަރައިގަތުމުން ދުރުވިފަދައިން އަޒާބު ލިބިދާނެތީ ފާފަތަކަށް އަރައިގަތުމުން ދުރަންދާންޖެހެ އެވެ.

މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ބަރަކާތްތެރި ރަމަޟާން މަސް އަލްވަދާއު ކިޔާފައިވާއިރު ރޯދަޔާއި އިންވެގެން އަންނަ ސަވާބު ގިނަގުނަ ސުންނަތް ހަ ރޯދަ ހިފުމަށްވެސް ސަމާލުކަން ދޭންޖެހެ އެވެ. މިއީވެސް އީމާންތެރިކަން އިތުރުކުރަން ކުރެވޭނެ ކަންކަމެވެ.

ޝެއިހް ފަހުމީ ވިދާޅުވީ، ހަ ރޯދައަކީ ރަމަޟާން މަހުގެ ތެރޭގައި ކުރެވިފައިވާ އުނިކަންތައްތައް ފިލުވުމަށް ލިބޭ ފުރުސަތަކަށްވާއިރު އެއީ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ އަޅުކަމެއް ކަމަށެވެ.

"ކީރިތި ރަސޫލާގެ ހަދީޘްތަކަށް ބަލާއިރު ރަމަޟާން މަހު ރޯދަ ހިފުމަށްފަހު އެ ހަރޯދަ ހިފައިފިކަމަށްވަނީވިއްޔާ މުޅި އަހަރު ދުވަހު ރޯދަ ހިފިފަދަ ސަވާބުލިބޭކަމަށް އެބަހުރި ހަދީޘް އައިސްފަ. އެހެންވީމަ އެ ހަރޯދަ ހިފޭތޯ މަސައްކަތް ކުރުމަކީ ގަދައަޅައި މަސައްކަތްކުރަންޖެހޭކަމެއް،" ޝެއިހް ވިދާޅުވި އެވެ.

ހަ ރޯދައަކީ ޝައްވާލު މަސް ނިމެންދެން ހިފިދާނެ ސުންނަތް ރޯދަތަކެކެވެ. މެދުކަނޑަމުންވެސް އެ ހަ ރޯދަ ހަމަކުރެވޭނެ އެވެ. ޝެއިހް ވިދާޅުވީ އެހެން ސުންނަތް ރޯދައަށްވުރެ މާގިނައިން އެ ހަރޯދައިން ސަވާބު ލިބޭނެ ކަމަށެވެ.

ރޯދަމަސް ވެގެންގޮސްފައި މިވަނީ ގިނަ ބަޔަކު އަޅުކަންތަކަށް އިސްކަންދިން އަދި ފާފަތަކުން ދުރުހެލިވި މަހެއްގެ ގޮތުގައެވެ. ރޯދަމަހަށްފަހު މިސްކިތްތަކުން ބައިމަދުވާތަން މިދަނީ ފެންނަމުންނެވެ. ދެދުނިޔޭގެވެސް އުފާ ހޯދުމަށްޓަކައި ދީނީ އިލްމުވެރިންގެ ނަސޭހަތަކީ އެގޮތަށް އަމަލު ނުކުރުމެވެ. އަޅުކަމުގައި ދެމިހުރުމެވެ.

comment ކޮމެންޓް