އެހެން އީދުތަކާ ޚިލާފަށް މިފަހަރު މާލެއާއި ހުޅުމާލޭގައި ވަނީ ޢީދުގެ ފޯރި ގަދަވެފައެވެ. ޒުވާނުންގެ އިސްނެގުމާއެކު ކުޅިވަރުގެ އެތަކެއް ހަރަކާތްތަކެއް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެހެން ނަމަވެސް މިފަހަރު މި ކުޅިވަރުތަކުގެ އިތުރުން ގިނަ ބަޔަކު މިވަނީ އީދުގެ އުފާ އެހެން ގޮތަކުން ލިބިގެންފައެވެ. އެއީ ދާދި ފަހުން ހުޅުވި ހުޅުމާލޭ ސެންޓަރުރަލް ޕާކުގެ ހިތްގައިމު މާހައުލެވެ.
މާލޭގެ ހަ ވަނަ އަވަށުގައި ހަދާފައިވާ ސެންޓްރަލް ޕާކަށް އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު ހަވީރުން ފެށިގެން ވަނީ ޖަމާވެފައެވެ. މުޅި އެޕާކް ވަނީ ފުރިފައެވެ. އުރީދޫގެ ހިލޭ ވައިފައިގެ ހިދުމަތާއެކު ހިތްގައިމު އެޕާކުގެ އުފާ އެދަނީ ލިބިގަންނަމުންނެވެ.
"އީދު ދުވަހު އާއިލާއާއެކު ހިނގާލާ މަޖާކޮށްލަން މިއައީ. ވަރަށް ހިތްހަމަޖެހޭ މާހައުލެއް މިއީ، ކުދިންވެސް ވަރަށް އެންޖޯއީ ކުރޭ އެބަ." ދަރިން ގޮވައިގެން ޕާކަށްގޮސްހުރި ބެލެނިވެރިޔަކު ބުންޏެވެ.
އެއްބަޔަކު ދުވަނީއެވެ. އަނެއްބަޔަކު އިށީނދެ ތިބެ އުފާވެރި ވާހަކަތަކުގައެވެ. އަނެއްބަޔަކު އުފާވެރި ހިޔާލުތަކުގެ ތެރޭގައެވެ. ލޯބެރިން ހަޔާތް ރޭވުމުގައެވެ. މުޅި ޕާކް ފުރިފައިވާއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
އެއީ ވަރަށް ފުރިހަމަ ޕާކެކެވެ. މުޅި ސަރަހައްދުގައި ފެހިކުލައިގެ ދޫލައެއް އަޅާލާފައިވާ ކަހަލަ ރީތި ވިނަގަނޑެއް ހައްދާފައިވެއެވެ. ހިޔާދޭ ގަސްތައް ގިނައެވެ. ކޮންމެ ގަހެއްގެ ދޮށުގައި އިށީނދެލާނެ އައްޓެއް ހަދާފައިވާ އިރު ޕާކުގެ އެކި ސަރަހައްދުތަކުގައި އިށީނދެ ތިބެލާނެ ގޮނޑިތައް ވަނީ ބަހައްޓައިފަ އެވެ. އެ ޕާކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދަނީ ހަދާފައިވާ ފެންގަނޑާއި ހިތްގައިމު ބުރިޖުންނެވެ.
ފެހިކަން ގަދަ އެ ޕާކުގައި ހިތްގައިމު ފެންގަނޑެއް، ފެންފައިބާ ގުޅިއަކާ އެކު ހަދާފައިވާ އިރު އެ ފެންގަނޑު ހުރަސްކުރަން ކުޑަ ބުރިޖެއް ވެސް ވަނީ އަޅައިފަ އެވެ. ހަމައެއާ އެކު މުޅި ޕާކް ފެންނަހެން ބަލާލުމަށް އުސްފާލަމެއް ހަދާފައިވެ އެވެ. ކޮންކުރިޓް ޖަންގައްޔެއްގައި ދިރިއުޅޭ އެތައް ބަޔަކަށް އެޕާކުން އީދުގެ އުފާވެރިކަން މިވަނީ ގެނެސްދީފައެވެ.
އަދިވެސް އެޕާކް ތަރައްގީ ކުރުންއޮތީއެވެ. ޕާކުގެ ހުސްކޮށް ހުރި ސަރަހައްދުތަކުގައި ފެންއަރުވާ ވަޑާންތަކާއެކު ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ ނިންމާފައެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ލިބިގެންދާ އުފަލެކެވެ. ވެރިރަށަށް އުފާވެރިކަން މިގެނައީ ސެންޓްރަލް ޕާކުންނެވެ.