ޕީޕީއެމް ކައުންސިލް ބާއްވަން މައުމޫން ނިންމަވައިފި، ބާއްވާނީ އީދަށްފަހު

ޕީޕީއެމްގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބާއްވަން މައުމޫން ވަނީ ނިންމަވާފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ފިތުރު އީދު ބަންދުގެ ފަހުން ޕީޕީއެމް ކައުންސިލުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީން ބުނެފި އެވެ. ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ރައީސް މައުމޫން ނިންމަވާފައި ވަނީ އެ ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިހާރު އެ ޕާޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ކައުންސިލު މެމްބަރުންގެ ހިޔާލުފުޅު ހޯއްދެވުމަށްޓަކައި އެ މެމްބަރުންނާއި ރައީސް މައުމޫން ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމެއް ބާއްވަން އެ ޕާޓީގެ ރައީސް ނިންމަވާފައިވާއިރު ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ސޮއިކޮށް މީގެކުރިން ވެސް ވަނީ ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ތިން ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ކައުންސިލް ބައްދަލުވުމެއް ނުބާއްވާ ރައީސް މައުމޫން ވަނީ އެމަނިކުފާނު ފައްޓަވާފައިވާ ޕާޓީގެ އިސްލާހީ އެޖެންޑާގެ މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގެންފަ އެވެ.

ޕާޓީ އިސްލާހު ކުރުމުގެ ޓައިމް ލައިންގައިވާ ގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަނީ ދެ ކަމަކާ ގުޅިގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމީ ޖަލްސާއާ މެދު ގޮތެއް ނިންމުމެވެ.

comment ކޮމެންޓް