ބަންޑާރަ ނައިބަށް ގޮންޖައްސަވައި، ހަވީރުގެ ހުކުމަށް އަމަލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ހަވީރުގެ އިދާރާ -- ސަން ފައިލް ފޮޓޯ

ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅަށް ގޮންޖައްސަވައި، ހަވީރު ނޫހާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ދަށު ކޯޓުން ނިންމާ ނިންމުމެއް މަތީ މަރުހަލާގެ ކޯޓަކުން ބާތިލްނުކުރާހާ ހިނދަކު އެ ނިންމުމަށް އަމަލު ކުރުމަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އިން ހުރިހާ ފަރާތަކަށް ވެސް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިނަމަވެސް މިހާރުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާ މެދު އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހޯމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހަވާލާދީ މީޑިއާގައި ގެނެސްދީފައިވާ ވާހަކަތަކީ ބާތިލް، ޣައިރު ގާނޫނީ އެމައްޗަށް އަމަލު ނުކުރެވޭނެ ވާހަކަތައެއް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

"...ހުކުމަށް މި ކޯޓުން ނުވަތަ މަތީ މަރުހަލާގެ ކޯޓަކުން ބަދަލުގެނެސް އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެ ހުކުމާ އެއްގޮތަށް ހުކުމް ރައްދުވާ ފަރާތްތަކުންނާއި ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އަދި ދައުލަތުގެ ކަންކަމާ ހަވާލުވެތިބި އެންމެހައި ފަރާތްތަކުން އެމައްޗަށް އަމަލުކޮށް ކިޔަމަންގަންނަން ޖެހޭ ހުކުމެއް ކަމުގައި، ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އަންގައި އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.

ކީރިތި ގުރުއާނުގެ އާޔަތްތަކާ ހާވާލާދީ ސިވިލް ކޯޓުން އިއްވި ހުކުމްގައި ވަނީ ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާާއި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ވަނީ ލާޒިމްކޮށްފަ އެވެ. އަދި އެ އަމުރުގެ ބާރު ހިނގާނީ ދެ އަހަރު ވަންދެން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

comment ކޮމެންޓް