އެމްޔޫ ސްޓޯރުން ވައްކަން ކުރީ ރިސޯޓުތަކަށް އަރައި ވައްކަން ކުރި މީހުން، ދައުވާ ކުރަން ފޮނުވައިިފި

އެމްޔޫ ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާ އާއި 10 ވަނަ ފަންގިފިލާގައި ހުރި ތިޖޫރީތައް ފަޅާލާފައި ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައި. ފައިސާތައް ހޯދައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ޕޮލިސް

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފިލާ ބިލްޑިންގް އާ އިންވެގެން ހުންނަ އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލައި ވައްކަން ކުރި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ރިސޯޓްތަކުންނާއި އެކިއެކި ރަށްރަށަށް އަރައި މޫނު ނިވާކޮށްގެން ތިޖޫރީތައް ފެޅުމުގައި ހަރަކާތްތެރިވި މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ ރަޙީނު ކުރުމަށް ފަހު، އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލާފައި ވަނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ 2:30 އެހާކަށް ހާއިރު އެވެ.

އެމައްސަލައާ ގުޅިގެން ވައްކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ ރޭ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަގުމަތިން ދިޔަ ޓެކްސީއެއްގެ އަމަލުތައް ހުރިގޮތުން، އެ ޓެކްސީ މަޖީދީމަގުން ހުއްޓުވައި ބަލައި ފާސްކުރި އިރު ވައްކަން ކުރުމަށް ބޭނުންކުރެވޭނެ ފަދަ ތަކެތި ޓެކްސީތެރެއިން ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

މައްސަލައާ ގުޅިގެން، ޓެކްސީ ޑްރައިވަރު ވެސް ހިމެނޭ ގޮތުން ފަސް މީހަކު ހައްޔަރު ކުރި އެވެ. އަދި އެމީހުން ހ.ބުރަކިގޭގައި ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގެ ވައިގޮޅި ތެރެއަށް ބޮޑެތި ދަބަސް ތަކެއް އުކާލާފައި ވަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ދަބަސްތަކުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން ފާހަގަކުރެވި އެދަބަސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ 17 ހާސް ޔޫއެސް ޑޮލަރު އެ ދަބަސްތަކުގައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

ވައްކަމުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެކްސީ -- ފޮޓޯ: ޕޮލިސް

އެ ފައިސާ އާއި ތަކެތި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ އިރު، ފުލުހުން ބުނީ އެ މައްސަލާގައި އަތުލައި ގަނެވުނު ފައިސާއަކީ މިހާތަނަށް ކުރެވިފައިވާ ވައްކަންތަކުގައި އަތުލައި ގަނެވުނު އެންމެ ގިނަ އަދަދެއްގެ ފައިސާ ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅީ ފިލާ ބިލްޑިންގުގައި ހުރި މީހާ ރަހީނުކޮށް ވައްކަންކުރި ކަމަށް ބުނެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަން ފެށުމުން ވައްކަން ކޮށްފައި ވަނީ ފިލާބިލްޑިންގުން ނޫންކަމާއި ވައްކަން ކޮށްފައިވަނީ ފިލާ ބިލްޑިންގް އާއި އިންވެގެން ހުރި އެމްޔޫ ސްޓޯރުންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މައްސަލައިގެ ތަހުގީގުން، ވައްކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ދުރާލައި ރާވައިގެން ކަމަށާއި ވައްކަން ކުރުމަށްޓަކައި އޭގެ ތެރެއިން އެކަކު، ވައްކަން ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ދުރާލައި ހޯދަންވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އަދި އެމީހުންނަކީ ކޮން ބައެއްކަން ވަންހަނާ ކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކޮށްފައިހުރިކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ފަސް މީހުންނަކީ އެ މައްސަލައިގައި ޝާމިލުވާ ހުރިހާ މީހުން ކަމަށާއި އެއީ ރިސޯޓްތަކުންނާއި އެކިއެކި ރަށްރަށަށް އަރައި މޫނު ނިވާކޮށްގެން ތިޖޫރީތައް ފެޅުމުގައި ހަރަކާތްތެރިވި މީހުން ކަމަށެވެ. އަދި އެމީހުން ބޭނުންކުރި ފޯނު ނަމްބަރުތަކަކީ މީގެ ކުރިން ކޮށްފައިވާ ބޮޑެތި ވައްކަންތަކުގައި ވެސް ބޭނުންކުރި ނަމްބަރުކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި އެ މީހުން އެހެން ބޮޑެތި ވައްކަންތަކުގައި ބައިވެރިވެވަފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އަދި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޓެކްސީ ޑްރައިވަރުގެ އަތުގައި ޓެކްސީ ކުރުމުގެ ހުއްދަ ނެތް ކަމަށާއި، އެ ޓެކްސީ އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

މައްސަލައިގައި ހިމެނޭ ފަސް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ފަސް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފަ އެވެ.

comment ކޮމެންޓް