އަންހެނަކަށް ވީތީ ލިބޭ ހިތްހަމަޖެހުން ފުރަތަމަ ފަހަރަށް އިހްސާސްކުރެވުނީ ބުރުގާ އެޅުމުން!

މުސްލިމް އަންހެނެއް ---

"އަހަރެންގެ ނަމަކީ ސާރާ އެވެ. އެމެރިކާ އަށް އުފަން މީހަކަށް ވުމުން، އަހަރެން އަބަދުވެސް އަހަރެންގެ ހަށިގަނޑަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނީމެވެ. އަދި އެންމެ ޒުވާން އިރު ފެޝަނާއި މޮޑެލް ކުރުމުގެ ދުނިޔެއަށް އަހަރެން ނުކުތީމެވެ.

އެމެރިކާގެ ގިނަ އަންހެން ކުދިން ފަދައިން، އަހަރެންގެ ހަށިގަނޑަށް އެހެން މީހުންގެ ސަމާލުކަން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމެވެ. އަދި ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނީމެވެ.

އެހެން އުޅުމުގެ ތެރޭގައި ފެޝަންގެ އަޅަކަށް އަހަރެން ވެގެން ދިޔަ އެވެ. ބޭރުފުށުގެ ރީތިކަން އިތުރު ކުރުމަށް ހުރިހާ ވަގުތެއް ހުސްކުރެވުނެވެ. އެއާ އެކު ހަޔާތުން އުފާވެރިކަން ގެއްލި، މުޅި މީހާ ހާސްކަމާއި ވަރުބަލިކަމުގެ ތެރެއަށް ވެއްޓިގެން ދިޔަ އެވެ. އެހާ ހިސާބުން އަހަރެންގެ އެކުވެރިންނަށް ވެގެން ދިޔައީ ރަލާއި މަސްތުވާތަކެއްޗާއި ޕާޓީ ކުރުމެވެ. ދިރިއުޅުމުގެ ހާސްކަން ފިލުވުމަށް އެކި ދީންތަކަށް ވެސް އަހަރެން އުޅުނީމެވެ. އެކަމަކު ހަޔާތަށް އެޅިފައި އޮތް ކަޅު ވިލާގަނޑުން ސަލާމަތެއް ނުވެވުނެވެ.

ހަޔާތުގައި އެއްވެސް މަގުސަދެއް ނެތި ކުރިއަށް ދަނިކޮށް، އަހަންނާ ދިމާވީ އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރަމުން ދިޔަ އެކްޓިވިސްޓަކާ އެވެ. އާ ކަމެއް ކޮށްލުމުން ސިކުނޑިއަށް ލުޔެއް ލިބިދާނެ ކަމުގެ އުންމީދުގައި، އޭނާގެ ގްރޫޕާ އެކު މަސައްކަތް ކުރަން ފެށީމެވެ.

އަހަރެން ކުރަމުން ދިޔަ މަސައްކަތަކީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ވަކި ކުލަޔަކަށް ބެލުމެއް ނެތި އެންމެނަށް ހައްގުތައް ކަށަވަރު ކޮށްދިނުމުގެ މަސައްކަތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް، ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބައެއްކަން އަހަންނަށް ވިސްނުނެވެ.

އަދި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަން ގަބޫލު ކުރެވޭނީ އީމާނެއްގެ ސަބަބުން ކަން ވެސް އަހަންނަށް ވިސްނުނެވެ. އެއާ އެކު އިންސާނުންގެ ހަމަހަމަކަން ބަޔާންކުރާ ދީނެއް ހޯދުމުގެ މަސައްކަތް އަހަރެން ފެށީމެވެ.

އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބުނީ އެންމެ ފޮތަކުންނެވެ. މާތް ވެގެންވާ ކީރިތި ގުރުއާނުންނެވެ. ގުރުއާނުގައިވާ ކަންކަން އުނގެނުމުގެ ކުރިން، މުސްލިމު އަންހެނުންނަކީ ގޭގެ ހަތަރު ފާރުން އެތެރޭގައި ތިބެން ޖެހޭ ބައެއް ކަމާއި، ހެދުން އެޅުމުގައި މުސްލިމު އަންހެނުންނަށް މިނިވަން ކަމެއް ނެތް ކަމަށާއި އަދި މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި އަހަރެން ގަބޫލު ކުރީމެވެ.

އެއީ އަހަންނަށް އިވިފައި ހުރި ވާހަކަތަކެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށްލީ ގުރުއާނުންނެވެ. ގުރުއާނުގެ މޫރިތި އާޔަތްތަކުންނެވެ. އެހާމެ ފުރިހަމަ ފޮތެކެވެ. އެ ފޮތުގައި ނެތް ވާހަކަ އެއް ނެތެވެ. ކާއިނާތު އުފެއްދެވި ގޮތާއި، އެއްކައުވަންތަ ކަލާނގެއާ، އިންސާނުންނާ ދެމެދުގައިވާ ގުޅުން އެނގިގެން ދިޔަ އެވެ.

ގުރުއާނުގައިވާ ވާހަކަތަކުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. އަދި އަހަރެންގެ މުޅި ހަޔާތުގައި ހޯދަން ބޭނުންވެ، ނުލިބި އުޅުނު ހިތްހަމަ ޖެހުމަކީ ކޮބައިކަން ވިސްނުނެވެ. އުފާވެރި ހަޔާތަކަށް އަހަންނަށް ބޭނުންވީ އިސްލާމް ދީނެވެ.

އެއަށް ފަހު ގުރުއާނުގައި އަންހެނުން ހެދުން އެޅުމަށް އަންގަވާފައިވާ ގޮތަށް ދިގު ހެދުމެއް ލައި، ބުރުގާ އަޅައިގެން މަގުމައްޗަށް ނުކުތީމެވެ. ނިވާކަން ކުޑަ ހެދުމުގައި އަހަރެން ކޮންމެ ދުވަހަކު ހިނގާ މަގުތަކެވެ. އެއް މޫނުތަކެކެވެ. ހުރިހާ ކަމެއް އެއްގޮތް ނަމަވެސް، ތަފާތުވީ އަހަންނަށް ކުރެވުނު އިހުސާސެވެ.

ނިވާކަން ކުޑަ ހެދުމުގައި ހިނގާފައިދާ އިރު، މަގުމަތިން މީހުން ފޮށެ ހަދައެވެ. ތުމުން ފުމެ އެވެ. މަގުމަތީގައި ހިތްހަމަޖެހިގެން ހިނގާނުލެވެ އެވެ. އަދި މަގުމަތީގައި މިނިވަންކަމެއް ނެތް ކަމުގެ އިހުސާސް ކުރެވެ އެވެ.

ނަމަވެސް ބުރުގާ އަޅައި، ހަށިގަނޑު ނިވާކޮށްގެން ނުކުތުމުން އަހަންނަށް ރައްކާތެރި ކަމެއްގެ އިހުސާސް ކުރެވުނެވެ. ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ފިރިހެނުންގެ ދަހިވެތި ބެލުން އަހަންނަށް އަމާޒު ނުވާކަން އެނގުނެވެ.

މިނިވަނެއްގެ އިހުސާސް ކުރެވުނު ދުވަހަކީ އެއީ އެވެ. ހީވީ ހަށިގަނޑުން ބޮޑު ބަރެއް ފިލައިގެން ދިޔަހެނެވެ. ބޭކާރު އެއްޗެހި ގަތުމާއި، މޭކަޕް ކުރުމާއި އިސްތަށިގަނޑު ގޮތް ގޮތަށް ސްޓައިލް ކުރުން ހުއްޓާލީ ދެނެވެ. އަދި އިސްލާމް ދީން ގަބޫލުކޮށް ތެދު މަގު ލިބިގަތީމެވެ.

މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށާއި އިސްލާމް ދީނުގައި އަންހެނުންނަށް މިނިވަންކަމެއް ނެތް ކަމަށް ދައްކާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެކެވެ. އިސްލާމްދީނަކީ އިންސާފާއި ހަމަހަމަ ކަމާއި އިންސާނިއްޔަތު ކަމުގެ ދީނެވެ. އިސްލާމްދީނުގައި ލިބިފައި ވަނީ އެއްވެސް ހައްދެއް ނެތް މިނިވަން ކަމެއް ނޫނެވެ. އިސްލާމް ދީން އަންގައިދެނީ އުޅެންވީ ރިވެތި އުސޫލުތަކެވެ.

ހައްގުތަކުގެ ވާހަކަ ދައްކާ އިރު، މުސްލިމުން ބުރުގާ އެޅުން މަނާ ކުރަނީ ކީއްވެ ހެއްޔެވެ؟ އެމީހުންނަށް ފާޑުކިޔާ، ޓެރަރިސްޓުންގެ ލޭބަލް އަޅުވަނީ ކީއްވެ ހެއްޔެވެ؟ ދީނުގެ ކަންކަން ޕްރެކްޓިސްކުރުމާއި ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އެޅުމުގެ ހައްގުން މުސްލިމުން މަހްރޫމު ކުރަންވީ ކީއްވެ ހެއްޔެވެ؟ ހައްގުތައް ހޯދައި ދިނުމަކީ ވަކި ބަޔަކު ނިކަމެތިކޮށް އަނެއް ބަޔަކަށް މޮޅު ހޯދައި ދިނުން ހެއްޔެވެ؟

މި ހުރިހާ ސުވާލަކަށް އިންސާފުވެރި ފުރިހަމަ ޖަވާބެއް ދީފައި ވަނީ އިސްލާމް ދީނުންނެވެ. އަހަންނަކީ މިއަދު ވެސް "ފެމިނިސްޓް" އެކެވެ. ނަމަވެސް "މުސްލިމް ފެމިނިސްޓް" އެކެވެ. އެހެން އިންސާނުންގެ ތެރޭގައި އުޅޭ އިރު، މީހުން ގަދަރު ކުރާ މީހަކަށް ވާން އަހަންނަށް ދަސްކޮށްދިނީ އިސްލާމްދީނެވެ. ބުރުގާ އަޅާ މުސްލިމުންނަށް ފާޑުކިޔާ ފަރާތްތަކަށް ބުނެލަން އޮތީ، ބުރުގާ އެޅުމުން ކުރެވޭ އިހުސާސް ފުރަތަމަ ދެނެގަންނާށެވެ. އޭރުން ވިސްނޭނެ އެވެ."

comment ކޮމެންޓް