ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހުގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާ ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.
މިއަދު ކުރި ހުކުމުގައި ލިބެން ޖެހޭ ސާފުފައިދާގެ އަދަދެއްވެސް، އަދި ހަވީރަށް މިހާތަނަށް ލިބުނު ފައިސާގެ އަދަދެއް ވެސް ހިމަނާފައެއް ނުވެ އެވެ. އެމައްސަލައާ ގުޅިގެން އިއްވި ހުކުމުގައިވާ ގޮތުން ހަވީރު ހުއްޓާލަން ސިވިލް ކޯޓުން އަމުރުކުރި އިރު ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ވަނީ ލާޒިމްކޮށްފަ އެވެ. އަދި އެ އަމުރު މިއަދުން ފެށިގެން ދެ އަހަރު ދުވަހަށް ހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަން އެގޮތަށް ނިންމި ސަބަބެއް ކަމަށް ހުކުމުގައި ބުނެފައި ވަނީ މީޑިއާއަކީ މުވައްޒަފުންނާއި ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާތީ ކަމަށެވެ. އަދި މީގެކުރިން ވެސް ރާއްޖޭގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެއީ ގާނޫނު މަނާކުރާ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އޭގެ އިތުރުން ހަވީރުގެ ތިން ހިއްސާދާރުންނާއި ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ނަމުގައި ހަދާފައިވާ ހަވީރު ނޫސް އެޖެންސީގެ ހުރިހާ މުދާތައް ހަވީރު މީޑިއާ ގުރޫޕުގެ ދަށަށް ބަދަލުކުރީ ތިން ހިއްތސާދާރުން މުދަލާއި ފައިސާ ވަންހަނާކުރުމަށް ކަމަށް ހުކުމުގައިވެ އެވެ. އަދި ހަވީރު މީޑިއާ ގުރޫޕުގެ ދަށަށް ހަވީރު ނޫހާއި އޮންލައިން އަދި ހަވީރުގެ ނަމުގައި ހަދާފައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެހުރިހާ ތަކެތި ހަވީރު ނޫސް އެޖެންސީގެ ދަށަަށް ބަދަލުކުރުމަށާއި ހަވީރު މީޑިއާ ގްރޫޕުގެ ނަން ބަދަލުކުރުމަށް ވެސް ކޯޓު ހުކުމުގައި އަންގާފައިވެ އެވެ. އެއީ ހަވީރު އެނަން ބޭނުންކޮށްގެން އެހެން ކުންފުންޏެއް ނުއުފެއްދޭނެ ކަމަށާއި އެއީ ހަވީރު ނޫސްއެޖެންސީއަށް ނިސްބަތްވާ ނަމެއް ކަމަށް ބުނެ އެވެ.
ތިން ހިއްސާދާރުންނަށް އެމީހުންގެ ހައްގު ކުރިން ނުލިބި އޮތުމަކީ މިހާރު އެހައްގު ނުލިބޭން ޖެހޭ ސަބަބެއް ނޫން ކަމަށް ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ ތިން ހިއްސާދާރުންނަށް އެމީހުންގެ ހައްގު ދޭންޖެހޭނެ ކަމަށެވެ. އެ ތިން ހިއްސާދާރުންގެ ހައްގު ޒާހިރު ހުސައިން "ނިގުޅައިގަތީ ބާތިލު ގޮތުގައި" ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ހަވީރު ހިންގުމަށް ޒާހިރު ހުސައިން އިންވެސްޓް ކުރި ނަމަވެސް އެ ހަރަދުތައްކޮށްފައި ވަނީ ތިން ހިއްސާދާރުންގެ ހައްގު ނިގުޅައިގަނެގެން ކަމަށް ބުނެ ހުކުމުގައި ބުނެފައި ވަނީ ޒާހިރު ހުސައިން އަމިއްލަޔަށް ފަހުން ހަރަދު ކުރި ނަމަވެސް ލިބޭ ފައިދާގެ ހައްގު ތިން ހިއްސާދާރުންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި ހަވީރު ހިންގުމަށް ޒާހިރުގެ ނަމުގައި ލޯނު ނަގައިގެން ހަރަދު ކުރި ނަމަވެސް ތިން ހިއްސާދާރުންނަށް ފައިދާގެ ހައްގު އޮތްކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ހައްގުތަކުގެ ބޭރުން ހޯދާފައިވާ މުދަލެއް ކިތަންމެ ދުވަހެއްވަންދެން ގެންގުޅުމަކީ އެ މުދަލެއް އެމީހަކަށް މިލްކުވާނެ ކަމެއް ނޫންކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ މިހާދުވަސްވަންދެން ތިން ހިއްސާދާރުންގެ ހައްގު ހޯދުމަށް ވަކާލާތު ނުކުރުމަކީ މިހާރު އެހައްގު ނުލިބޭންޖެހޭ ސަބަބެއް ނޫންކަމަށެވެ.
ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.