ދުނިޔޭގެ އެންމެ މަގްބޫލް ފްރެންޗް ކުޒިން އަދި ރާއްޖޭގެ އެންމެ މަގްބޫލް ސްޕާގެ އެވޯޑް ސަން ސިޔާމް އިރުފުއްޓަށް!

ފުރަތަމަ ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓް އެންޑް ސްޕާ އެވޯޑް ރަސްމިއްޔާތުގައި ރާއްޖޭގެ ސަން ސިޔާމް އިރު ފުށި ރިސޯޓަށް ލިބުނު އެވޯޑާ އެ ރިސޯޓުގެ ފަރާތުން ހަވާލުވަނީ ---

ދުނިޔޭގެ އެންމެ މަގްބޫލް ފްރެންޗް ރެސްޓޯރެންޓުގެ އެވޯޑާއެކު ރާއްޖޭގެ ސަން ސިޔާމް އިރުފުއްޓަށް ބައިނަލްއަގްވާމީ ދެ އެވޯޑެއް ލިބިއްޖެ އެވެ.

ސްވިޒަލޭންޑުގައި ހުންނަ ފަސް ތަރީގެ ގްރޭންޑް ކުރޮނެންހޮފް ހޮޓެލްގައި މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ފުރަތަމަ ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓް އެންޑް ސްޕާ އެވޯޑް ރަސްމިއްޔާތުގައި 38 ގައުމަކާ ވާދަކޮށް ސަން ސިޔާމް އިރުފުށި ރިސޯޓަށް ލިބިފައިވަނީ ބައިނަލްއަގްވާމީ އެވޯޑަކާއި ލޯކަލް އެއް އެވޯޑެކެވެ.

އެއީ ސަން ސިޔާމް އިރުފުށީގައި ހުންނަ ފްރެންޗް ރެސްޓޯރެންޓް، "ފްލޭވާސް" އަށް ލިބުނު "ބެސްޓް ފްރެންޗް ކުޒިން" އެވޯޑާއި ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމެ މަގްބޫލް ސްޕާއަށްދޭ، "ބެސްޓް ލަގްޒަރީ ސްޕާ ރިސޯޓް އިން ދަ މޯލްޑިވްސް" ގެ އެވޯޑެވެ.

ސަން ސިޔާމް އިރުފުށީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވީ، މިއީ އެ ރިސޯޓަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެވޯޑް ލިބުމުން އެކަމާ ފަހުރުވެރިވާ ކަމަށެވެ.

"އެންމެ ރަނގަޅު ހޮޓެލް ފުޑް އަށް އެހާ ބޮޑަށް ސަމާލުކަމެއްދޭއިރު، އެފަދަ ދާއިރާއަކުން އެވޯޑެއް ލިބުމަކީ ރިސޯޓުގެ ހުނަރާއި އުފެއްދުންތެރި ކަމާއި ރިސޯޓުގެ ފެންވަރު މަތިކުރުމަށް ރެސްޓޯރެންޓުން ކުރާ މަސައްކަތް މުޅި ދުނިޔެއަށް ދައްކާލުމަށް ލިބުނު އެވޯޑެއް،" ޖީއެމް ތަމްހީދު ވިދާޅުވި އެވެ.

ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓް އެންޑް ސްޕާ އެވޯޑް ރަސްމިއްޔާތުގައި ރާއްޖެ އަށް ވަނީ ދުނިޔޭގެ ފާހަގަކޮށްލެވޭ ފަސް އެވޯޑެއް ލިބިފައެވެ.

ބައިނަލްއަގްވާމީ އެވޯޑް ރަސްމިއްޔާތެއްގައި ސަން ސިޔާމް އިރުފުއްޓަށް ދެ އެވޯޑެއް ލިބިފައިވާއިރު، ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހިމެނޭ ވެބްސައިޓް "ޓްރިޕް އެޑްވައިޒާ"އިން ދޭ ސެޓްފިކޭޓް އޮފް އެކްސެލެންސް އެވޯޑް ވަނީ މިއަހަރު ލިބިފައެވެ.

މީގެ އިތުރުން، ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިންދޭ އިންޑިއާ ކަނޑުގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑް ވެސް ސަން ސިޔާމް އިރުފުށި ރިސޯޓަށް މިއަހަރު ވަނީ ލިބިފައެވެ.

comment ކޮމެންޓް