ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲއަށް ޕާޓީގެ އޮފީސް ހިންގެވުމަށް ދެއްވާފައިވާ ބާރުތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ނަންގަވައިފި އެވެ.
އަބްދުއް ރަހީމްގެ އަތުން އެ ބާރުތައް މައުމޫން ނެންގެވިކަން އޭނާ ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ޕީޕީއެމްގެ އިދާރީ ހިންގުން އަބްދުއްރަހީމްގެ އަތުން ނެންގެވިކަން އެންގެވީ މައުމޫން އޭނާ ފޮނުއްވެވި މެސެޖަކުންނެވެ. މައުމޫންގެ އެ ނިންމެވުމާއެކު ދުވަހުން ދުވަހަށް ޕީޕީއެމުން ކުރަންޖެހޭ އިދާރީ ހިންގުމުގައި އަބްދުއްރަހީމުގެ ރޯލެއް ނޯންނާނެ އެވެ. އަދި އެކަންތައްތަކުގައި ސީދާ ދެން އުޅުއްވާނީ މައުމޫނެވެ.
ރައީސް މައުމޫން އެ ނިންމެވުން ނިންމެވިއިރު، އެމަނިކުފާނު މިވަގުތު ގެންދަވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަރިހުގައި މިހާރު ވެސް ޕީޕީއެމްގެ އޮފީހުގައި ކައުންސިލްގެ ބައެއް މެމްބަރުން އޮފީހުގައި އެބަތިއްބެވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަން ކުރީ އެ ޕާޓީގެ ކައުންސިލުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްއިން އެ ޕާޓީގެ ނައިބު ރައީސަކަށް ޕާޓީގެ މެމްބަރުން އިންތިހާބު ކުރެއްވި އިލްހާމް އަހުމަދު ޕާޓީ ދޫކުރައްވައި ވަަޑައިގެންނެވުމުން، ނައިބު ރައީސްގެ މަގާމު ހުސްވުމުންނެވެ.