ޕަޓްނާ (ޖޫން 28): އިންޑިއާގެ ބިހާރު ސްޓޭޓުގައި ސްކޫލް އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދި ކުދިންގެ ތެރެއިން އެއް ކުއްޖަކު މަކަރު ހެދިކަން ސާބިތުވުމުން އޭނާ ޖަލަށް ހުކުމްކޮށްފަ އެވެ.
ސަތާރަ އަހަރުގެ ރޫބީ ރާއީ ޖުލައި 8 އާ ހަމައަށް ޖަލަށް ހުކުމް ކުރަން ބިހާރުގެ ކޯޓަކުން އިއްޔެ ނިންމީ އޭނާ މީގެ ކުރިން އެންމެ މަތީ މާކްސް ހޯދި އިމްތިހާނު ދެވަނަ ފަހަރަށް ހަދަން ދިނުމުން އެއިމްތިހާނުން ފެއިލް ވުމުންނެވެ.
ރޫބީ އިމްތިހާނުން މަކަރު ހެދި ކަމަށް ތުހުމަތު ކޮށްފައި ވަނީ އޭނާ ކިޔެވި އެއް މާއްދާ ކަމަށްވާ ޕޮލިޓިކަލް ސައިންސާ ބެހޭ ގޮތުން ސުވާލު ކުރުމުން އެއީ ކެއްކުމާ ބެހޭ މާއްދާއެއް ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވުމުންނެވެ.
ރޫބީއަކީ އަދި 18 އަހަރު ނުފުރޭ ކުއްޖެއް ކަމުން އޭނާ ޑިޓެންޝަން ފެސިލިޓީ އަކަށް ފޮނުވުމުގެ ބަދަލުގައި ޖަލަށް ހުކުމް ކުރުމުން ގިނަ ބަޔަކު ވަނީ އެނިންމުމަށް ފާޑު ކިޔާފަ އެވެ. ނަމަވެސް، ސީނިއާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މަނޫ މަހާރާޖު ވިދާޅުވީ ރޫބީއަށް 18 އަހަރު ނުވާކަން އޭނާ "ސާބިތު" ކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަން ސާބިތު ކުރާނެ ގޮތެއް އޭނާ ވިދާޅުވެފައި ނުވެ އެވެ.
ރޫބީގެ އިތުރުން އިމްތިހާނުގައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭ 18 ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ސައިންސް ސްޓްރީމުން އެންމެ މަތީ މާކްސް ހޯދި ނަމަވެސް H2O އަކީ ފެން ކަން ބުނެދޭން ނޭނގުނު ކުއްޖަކު ހިމެނެ އެވެ.
ބިހާރު ސްޓޭޓުގެ މިދިޔަ އަހަރުގެ ސްކޫލު އިމްތިހާނުގައި ދަރިވަރުންނަށް އެހީވުމަށްޓަކައި ބައެއް ބެލެނިވެރިން ސްކޫލު ފާރު މަތިން އަރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވި ފަހުން އިމްތިހާނުގައި މަކަރު ހަދާ ދަރިވަރުންނަށް ޖޫރިމަނާ އާއި ޖަލު ހުކުމް ފަދަ ހަރުކަށި އަދަބުތައް ދޭނެ ކަމަށް ސަރުކާރުން ވަނީ އިންޒާރު ދީފަ އެވެ. (ބީބީސީ)