ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އިންޑިއާގެ ކޮޗިން އަދި ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ވަރުގަދަކޮށްފިއެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ އެފްރިކާގެ ބައެއް ގައުމުތަކުގައި އެބޯލާގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ 'ބުންޑިބުގްޔޯ' ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފައިވާ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.
މިގޮތުން، ބަލި ފެތުރެމުންދާ ގައުމުތަކުން އަންނަ ފަސިންޖަރުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން، ތާމަލް ސްކްރީނިން ހެދުމާއި ސިއްހީ ހާލަތު ބަޔާންކުރާ ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފައެވެ.
އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް (ޑީޖީއެޗްއެސް) އިން ނެރެފައިވާ އެޑްވައިޒަރީގައިވާ ގޮތުން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔޫގަންޑާ އަދި ސައުތު ސޫދާން ފަދަ ގައުމުތަކަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކެވެ. އެހެންކަމުން، މި ގައުމުތަކުން އަންނަ މީހުންނާއި އެ ގައުމުތައް މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް އަމާޒުކޮށްގެން އިންޑިއާގެ މައި އެއާޕޯޓުތަކާއި ކަނޑުގެ ބަނދަރުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ކެރެލާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ އެއާޕޯޓުގެ މެނޭޖްމަންޓާއި އެއާޕޯޓް ހެލްތު އޯގަނައިޒޭޝަން (އޭޕީއެޗްއޯ) ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ.
ދިވެހީން ވެސް އާއްމުކޮށް ގޮސް އުޅޭ, ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ސިއާލް) ގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ބަލީގެ އަލާމާތްތައް ދުރާލާ ދެނެގަތުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެއާޕޯޓުގައި 24 ގަޑިއިރުގެ މޮނިޓަރިން ނިޒާމެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުވެރިންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި، ފާއިތުވި 21 ދުވަހުގެ ދަތުރުގެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، އަމިއްލައަށް ސިއްހީ މައުލޫމާތު ހާމަކުރާ ފޯމެއް ފުރުން މަޖުބޫރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކެރެލާ ސްޓޭޓް ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ބަލި ފެތުރޭ ގައުމުތަކުން އަންނަ މީހުން 21 ދުވަހުގެ މުއްދަތަކަށް ޚާއްސަ ސިއްހީ މޮނިޓަރިންއެއްގެ ދަށުގައި ބޭތިއްބުމަށް ނިންމާފައެވެ. ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ފަރުވާ ދިނުމަށްޓަކައި އެރްނާކުލަމް ޖެނެރަލް ހޮސްޕިޓަލާއި، ކަލަމައްސޭރީ ގަވަރންމަންޓް ހޮސްޕިޓަލް އަދި އާލުވާ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި އައިސޮލޭޝަން ވޯޑުތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ތިން ފަށަލައިގެ މާސްކު ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ދިއްލީ އަދި ހައިދަރްއާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ފަސިންޖަރުންނަށް ޚާއްސަ އެޑްވައިޒަރީއެއް ވަނީ ނެރެފައެވެ. އެގޮތުން، އެބޯލާގެ ނުރައްކާ ބޮޑު ގައުމުތަކުން އަންނަ ނުވަތަ އެ ގައުމުތައް މެދުވެރިކޮށް ދަތުރުކުރާ މީހުން، އިމިގްރޭޝަން ކްލިއަރެންސް ހޯދުމުގެ ކުރިން އެއާޕޯޓުގެ ހެލްތު އޮފިސަރަށް ނުވަތަ ހެލްތު ޑެސްކަށް ރިޕޯޓުކުރުމަށް ވަނީ އަންގާފައެވެ.
ހުން އައުމާއި، ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، މަސްތަކުގައި ރިއްސުމާއި، ހޮނޑުލެވުމާއި، ބޭރަށް ހިންގުން އަދި ސަބަބު ނޭނގި ލޭ އައުން ފަދަ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އެބޯލާ ޖެހިފައިވާ މީހެއްގެ ލެޔާ ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައަކާ ސީދާ ގޮތެއްގައި ބީހިފައިވާ މީހުން ވަގުތުން އެއާޕޯޓުގެ ސިއްހީ އޮފިޝަލުންނަށް އެންގުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި އިންޑިއާއަށް އެތެރެވާތާ 21 ދުވަހުގެ ތެރޭގައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ، އެ މީހެއްގެ ދަތުރުގެ މައުލޫމާތު ސިއްހީ އިދާރާތަކާ ހިއްސާކުރުމަށްވެސް ވަނީ އަންގާފައެވެ.
ޑަބްލިއުއެޗްއޯއިން މި މަހުގެ 16 ވަނަ ދުވަހު އެބޯލާ އަކީ ބައިނަލްއަގުވާމީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅީ، ޑީއާރު ކޮންގޯ އަދި ޔޫގަންޑާގައި މި ބަލި ހަލުވިކަމާއެކު ފެތުރެން ފެށުމާ ގުޅިގެންނެވެ. މެއި މަހުގެ މެދުތެރެއާ ހަމައަށް ޑީއާރު ކޮންގޯއިން އެކަނިވެސް 246 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، 80 މީހަކު ވަނީ މަރުވެފައެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި އެބޯލާ ވައިރަސް ހަށިގަނޑަށް ވަންނަތާ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއްގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގައި އުޅޭއިރު، މިހާރު ފެތުރެމުންދާ 'ބުންޑިބުގްޔޯ' ވޭރިއަންޓަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ.
އިންޑިއާގެ ޔޫނިއަން ހެލްތު ސެކްރެޓަރީ ޕުނިޔާ ސަލީލާ ސްރިވާސްތަވާ ވަނީ ހުރިހާ ސްޓޭޓްތަކެއްގެ ސިއްހަތާ ބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައި، ގައުމީ ފެންވަރުގައި ތައްޔާރީ ހާލަތު ވަޒަންކުރައްވާފައެވެ. މިހާތަނަށް އިންޑިއާއިން އެބޯލާގެ އެއްވެސް ކޭސްއެއް ފެނިފައި ނުވި ނަމަވެސް، ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަކީ މި ބައްޔަށް ޓެސްޓުކުރާ މައި މަރުކަޒުގެ ގޮތުގައި ކަނޑައަޅައި، ބަލި ފެތުރިއްޖެ ހާލަތެއްގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ.
މީގެ ތެރޭގައި އެއާޕޯޓުތަކުގައި ސްކްރީންކުރާނެ ގޮތާއި، ކަރަންޓީނުކުރުމާއި، ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރުން ލެބޯޓަރީ ޓެސްޓުތައް ހަދާނެ ގޮތުގެ ތަފްސީލީ މިންގަނޑުތައް ހިމެނެއެވެ. އަދި އިންޓަގްރޭޓެޑް ޑިޒީޒް ސަވައިލަންސް ޕްރޮގްރާމް (އައިޑީއެސްޕީ) މެދުވެރިކޮށް، ބަލި ފެތުރޭ ގައުމުތަކުން އަންނަ މީހުންގެ ހާލަތު ދަނީ ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ.