މާލެ، ކުޅުދުއްފުށި އަދި ތިނަދޫގައި ސްކޫލް ބަހުގެ ޚިދުމަތް ތިން މަސް ތެރޭގައި ފަށަނީ

އެމްޓީސީސީން ހުޅުމާލެއާ ހުޅުލެއާ ދަތުރުކުރާ ބަހުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ އަދި މާލޭގައި ސްކޫލު ބަހުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އެމްޓީސީސީއާ މީގެ ކުރިންވެސް ވަނީ ސްކޫލް ބަހުގެ ޚިދުމަތް ލ. އަތޮޅުގައި ދިނުމަށް ވެސް ހަވާލު ކޮށްފައި ކަމަށާއި، ތިނަދޫއާއި ކުޅުދުއްފުށި ލައިގެން އާބާދީ ބޮޑު ތިން ސަރަހައްދުގައި މިކަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން، މާލެއަށް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލް ބަހުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްޓީސީސީއާއި އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ބަހުގެ ޚިދުމަތާއި އާންމު ފެރީގެ ޚިދުމަތް ދިނުމަށް ހަވާލު ކޮށްފައި ވަނީ އެމްޕީއެލް އަށެވެ. އެގޮތުން އެމްޕީއެލްއިން އެސަރަހައްދުގައި ދުއްވުމަށް 13 ބަހެއް ގެނެސްފައިވާ އިރު އެބަސްތައް ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި އައްޑުއަށާއި ފުވައްމުލަކަށް ގެންދާނެ އެވެ.

އެމްޓީސީސީއިން މިހާރު ވެސް ހުޅުމާލޭގައި ދަނީ ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ދެހާސް އެގާރަ ވަނަ އަހަރު މާލޭގައި ބަހުގެ ޚިދުމަތް ދޭން ފެށި އެވެ. އެމްވީކޭ މޯލްޑިވްސްއިން ދިން އެ ޚިދުމަތް ވަނީ، އެކި ކަހަލަ ދަތިތަކާ ކުރިމަތިވެގެން ހުއްޓާލާފަ އެވެ.

comment ކޮމެންޓް