އާރުޑީސީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ: އާރުޑީސީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ވަނީ ބަދަލުކޮށްފައި --- ފޮޓޯ/ އެމްޓީސީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އާރުޑީސީގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންވެ، އާރުޑީސީން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއުތަކުގެ ޒިންމާ އުފުލާނީ އެ ކުންފުނިން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ވަނީ ހާމަކުރައްވާފައެވެ.

އެ ކުންފުނި އުވާލަން ނިންމީ، އެފިޝިއެންޓު ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ދިނުމަށް ކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

https://sun.mv/229123

އޭގެފަހުން މިދިޔަ މަހު 14ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، އާރުޑީސީގެ އެމްޑީ ކަމުން އިބްރާހިމް ނަޒީމް ވަކިކުރައްވައި، ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ އައްޔަނުކޮށްފައެވެ.

މަގު ހެދުމުގެ މަސައްކަތަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އުފެއްދެވި އާރުޑީސީއަކީ ވެސް އެ ސަރުކާރާއި ނިމިދިޔަ ޞާލިހުގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވުނު ކުންފުންޏެކެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ހުރެ އެ ކުންފުނި ވެސް ވަނީ މާލީ ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގައެވެ.

comment ކޮމެންޓް