ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ނަޝީދުގެ ވަކީލު ހިސާން ހުސައިން ވިދާޅުވެޖެ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފަހު ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހިސާން ވިދާޅުވީ މީގެ ކުރިން ވެސް ނަޝީދުގެ ފަރާތުން މައްސަލަ އިސްތިއުނާފު ނުކުރީ "ރާއްޖޭގެ އެއްވެސް ކޯޓަކުން ރައީސް ނަޝީދަށް އިންސާފު ނުލިބޭނެކަން އެނގޭތީ" ކަމަށެވެ.
ސުޕްރީމް ކޯޓުގައި ނަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ހުކުމް ކުރިއިރު އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުން ފެށިގެން ނަޝީދުގެ ބައިނަލް އަގްވާމީ ވަކީލުންގެ ޓީމުން ނަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތަށް ފަށާނެ ކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނު ވަކީލު އަމާލް-- ފޮޓޯ/ އޭޕީ
އެގޮތުން ބައިނަލްއަގްވާމީ ގައުމުތަކުން ރާއްޖޭގެ ވަކިވަކި މުއައްސަސާތަކަށް ފިޔަވަޅުއެޅެން ހުރިގޮތްގޮތް ބަލަައި އެކަން ވެސް ކުރާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ ޕްރެޝަރު ރާއްޖެއަށް އަންނާނެގޮތަށް ވެސް މަސްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިމިނަލްކޯޓުގައި ކުރިއަށްގޮސްފައި ވަނީ ހުރިހާ ހައްގުތަކެއް ދެވިގެން އިންސާފުން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލައި ނުގަންނަން ނިންމައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅުކަމަށް ކަނޑައަޅާފައި ވަނީ ރަނގަޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އެހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ތަނެއް ނެތް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.
ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 2015 މާޗު 13 ވަނަ ދުވަހު އެވެ. އެހުކުމުގެ ސައްޚަކަން ކަށަވަރުކުރަން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ކަންބޮޑުވުންފާޅުކުރި ނުކުތާތަކާ މެދު ގޮތެއް ނިންމުމަށް ފަހު މައްސަލަ ބޭރުކޮށްލާފަ އެވެ. އެއީ ރައީސް ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެވެ. އެކަންކަމާ މެދު ގޮތެއް ނިންމީ ހައިކޯޓަށް ލިބިދީފައިވާ ވިރާސީ ބާރުގެ ދަށުންނެވެ.