މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ބާޒާރު

މިހާރު ކުރިޔަށް މިދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކެންޑިޑޭޓުންގެ ގޮތުގައި ތިބެ ކެމްޕޭން ކުރަމުން ދިޔަ އިރު، ކުރީގެ ޓީވީއެމް އިން "ދާއިރާތަކުގެ ބަހުސް"ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަ އެވެ. އެ ސިލްސިލާގައި ޕްރޮގްރާމްތައް ހުށަހެޅުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ކޮންމެ ކެންޑިޑޭޓަކާ ވެސް ކުރުމަށް ސެޓް ސުވާލުތަކެއް ހުރެ އެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވަގުތު ކަނޑައަޅާފައި އޮވެ އެވެ. ސުވާލުތަކަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި އެ ތިއްބެވި ބޭފުޅުން އޭރު ޖަވާބު ދެއްވަމުން ގެންދެވި އިރު އަޅުގަނޑު ހިތަށް އެރި އެވެ؛ މީ ހާދަހާވާ ރަނގަޅު ބައެކެވެ. މި މީހުންނާ އެކު ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލު އެބަ އޮތެވެ. އެއިން ކޮންމެ ބޭފުޅަކު ވެސް ވިދާޅުވީ އެ ބޭފުޅުންނަށް މުހިންމީ ހަމަ އެކަނި ރައްޔިތުން ކަމަށެވެ. އަމިއްލަ އެއްވެސް އެދުމެއް ނެތެވެ. ރައްޔިތުންގެ ހަށީގައި ޖަހަން ޖެހޭ ވިންދު ވެސް ޖަހަނީ އެ ބޭފުޅުންގެ ހަށީގައޭ ހީވާހާ ބޮޑަށް އެ ބޭފުޅުންނަށް ދާއިރާގެ ރައްޔިތުންގެ ހާލަތާއި ވިންދު އެނގެ އެވެ. ނުދައްކާ ހުވަފެނެއް ނެތެވެ. އެކަމަކު މިހާރު އަޅުގަނޑު ވަރަށް ބޮޑަށް މާޔޫސް ވެއްޖެ އެވެ. އެ ވާހަކަ ތައް ހަނދާން ވީމަ ވަނީ ފާޑެއްގެ ފޫއްސެކެވެ.

"ރައްޔިތުންގެ" މަޖިލީހޭ ބުނީމާ އެއީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހޭ ހިތަށް އަރުވާ ހިތްވެ އެވެ. އެކަން ގަބޫލު ކުރާ ހިތްވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަމަ އެކަނި ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރާނެ މީހުން ކަމަށް ވާނެ ނަމަ ހާދަ ރަނގަޅު ވާނެ އެވެ. އެ މީހުންނަކީ ހަގީގަތުގައި ރައްޔިތުންގެ އިހުސާސްތަކާއި ވިންދު ފުރިހަމަޔަށް އެނގޭ މީހުންނަށް ވާނެ ނަމަ ހާދަ ރަނގަޅު ވާނެ އެވެ. އެ މީހުންނަކީ އަމިއްލަ އެދުމެއް ނެތް، ސާފު ސީދާ މީހުން ކަމަށް ވާނެ ނަމަ ހާދަ ރަނގަޅު ވާނެ އެވެ.

އަޅުގަނޑު އެއްވެސް ހާލެއްގައި މި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ އެދުމަށް މަސައްކަތް ކުރާ ބައެކޭ ނޫނެވެ. އަދި އެ ބޭފުޅުން ރައްޔިތުންގެ މަތީން ހަނދުމަފުޅު ނެތިއްޖެ އެކޭ ވެސް އަޅުގަނޑު ނުބުނާނަމެވެ. ހަމަ އެހެންމެ އެ ބޭފުޅުންގެ ނިންމުންތައް ގުޅިފައި ވަނީ ސިޔާސީ ޑީލްތައް ނުވަތަ ފައިސާގެ ބޮޑެތި އަދަދުތަކާ ކަމަކަށް ވެސް އަޅުގަނޑު ބުނާކަށް ނެތީމެވެ.

ހަގީގަތަކީ ކޮންމެ ގޮތަކަށް އޮތް އެއްޗެއް ކަމަށްވީ ނަމަވެސް މި ވާހަކަތައް މިހާރު ދައްކަން ޖެހިއްޖެ އެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެސް މީހަކަށް ގާނޫނުން މަތީގައި ހުރެވިގެން ނުވާނެ އެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނެން ޖެހޭނީ މި އިމުގެ ތެރޭގަ އެވެ. ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުމުގެ ހައްގު މެންބަރުންނަކަށް ވެސް އޮވެގެން ނުވާނެ އެވެ. މެންބަރުންނާ މެދު އެކި ކަހަލަ ވާހަކަތައް އިވޭ އިރު އެ މެންބަރުން ވެސް އެ ކަން ކަމަށް ޖަބާވުދާރީ ވާން ޖެހޭނެ އެވެ. ނުވަތަ ޖަބާވުދާރީ ކުރުވެން ޖެހޭނެ އެވެ. ހަގީގަތް ނޭނގޭ ކޮންމެ ފަހަރަކު އެ ދެކެވޭ ވާހަކަ އަކީ ކޮންމެހެން ދޮގަކަށް ވާކަށް ނުޖެހެ އެވެ. ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނީ ހަމަ އެކަނި ވަޒީރު ބޭފުޅުންނެއް ނޫނެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ.
ގާނޫނު ހަދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ހުރިހާ ގާނޫނެއް ހެދޭތަން މި ފެންނަނީ އެ މެންބަރުންނަށް އެންމެ ފައިދާ ހުރި ގޮތަށެވެ. ފައިވާނަށް ހެޔޮވަރަށެވެ. ބިލުތައް ކޮށާ މަށާތަން މި ފެންނަނީ ކުރީގެ ރައީސަށް ނޫނީ މިހާރުގެ ރައިސަށް އޮފު ވާ ގޮތަށެވެ. ސިޔާސީ ޕާޓީތަކަށް ފަހި ގޮތަށެވެ. ވަކި ބޭފުޅަކު ބޭނުންފުޅުވާ ގޮތަށެވެ. އެކަމަކު ކޮންމެ މެންބަރެއްގެ ދުލު ކުރީގައި ވެސް ހިމާޔަތުގެ ބަހެއްގެ ގޮތުގައި މި އޮންނަނީ "ރައްޔިތުން" ނެވެ. ރައްޔިތުންނަކީ ތިމާގެ ސަލާމަތަށް، ތިމާގެ ޕްރޮމޯޝަނަށް ވިއްކަން އޮތް ބަހެއް ނޫނެވެ. ރައްޔިތުންނަކީ ތިމާ އަނެއްކާ ވެސް ހޮވެން ވީމާ ނުކުމެ މޫނު ދައްކަން ތިބި ބައެއް ނޫނެވެ. އަދި ހަމަ އެހެންމެ ރައްޔިތުންނަކީ ތިމާގެ ސިޔާސީ ނިވާފަތް ގަނޑެއް ވެސް ނޫނެވެ. އެއްވެސް މެންބަރަކަށް ރައްޔިތުންނަކީ އެހާ ދަށު ބައެއްގެ ގޮތުގައި، މާނަ ކުރެވޭނެ ނަމަ އަޅުގަނޑު ބުނަން އޮތީ މެންބަރުންނަށް އެ އަރަނީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އަނެއްކާ ވެސް ނިންމުން އަންނާނީ ހަމަ ރައްޔިތުންގެ އަތް މަތީންނެވެ. މިއަދު ރައްޔިތުން ބިކަ ކުރެއްވިދާނެ އެވެ. ނުވަތަ އޮޅުވައިލެއްވިދާނެ އެވެ. އަޅުގަނޑު މި ބުނަނީ އޮޅުވައިލައްވާ ވާހަކައެއް ނޫން އިނގޭތޯ އެވެ. ނުވަތަ ބިކަ ކުރައްވާ ވާހަކައެއްވެސް ނޫނެވެ.

ކައުންސިލް އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ޕާޓީ ޓިކެޓެއްގައި ގޮނޑިއަށް ހޮވޭ މީހަކު ޕާޓީ ބަދަލު ކޮށްފި ނަމަ އެ ގޮނޑި ގެއްލޭނެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ހޮވޭ މީހަކު ގޮނޑި ބަދަލު ކުރިޔަސް ވާނެ ކަމެއް ނޯވެ އެވެ. މި ގާނޫނުތައް މިއަށް ވުރެ ބޮޑަށް ފުދެން އެބަ ޖެހެ އެވެ. ގާނޫނުތައް ހެދިފައި ހުންނަން ވާނީ ރައްޔިތުންގެ މޫނު މަތީގައި ތަފާލުން ޖެހޭ ގޮތަކަށް ނޫނެވެ. އެއްވެސް މީހަކު އެ މީހަކު ހޮވުނު ހައިސިއްޔަތު ބަދަލު ކޮށްފި ނަމަ އެ މީހެއްގެ ގޮނޑި ގެއްލެން ޖެހޭނެ އެވެ. ނުވަތަ އެ ގޮނޑި ބަދަލު ކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ބަލަން ޖެހޭނެ އެވެ. އެއީ އަމިއްލަ ހައިސިއްޔަތުން ހޮވުނު މީހެއް ވިޔަސް ޕާޓީ ޓިކެޓެއްގައި ހޮވުނު މީހެއް ވިޔަސް ވެހެވެ. އެހެނީ ރައްޔިތުން އެ މީހަކަށް ވޯޓު ދެނީ އެ މީހަކު ކުރިމަތިލާ ހައިސިއްޔަތަށް ވަރަށް ބޮޑަށް ބެލުމަށް ފަހުގައި ކަމަށް ވާތީ އެވެ. އެހެން ކަމުން އެ މީހަކު މަޖިލީހަށް ހޮވުމުގައި އެ ކުރިމަތިލީ ހައިސިއްޔަތު ވަރަށް މުހިންމު ދައުރެއް ކުޅޭ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ހަމަ އެފަދައިން ޕާޓީތަކުން ކުރިމަތިލާ މީހުން ޕްރޮމޯޓު ކޮށް ވިއްކައި ޚަރަދު ކުމުގައި ޕާޓީން ވެސް މުންމު ދައުރެއް އަދާ ކުރާ އިރު ޕާޓީ އަށް ވެސް އެ މެންބަރުންގެ ގޮނޑި "ވިއްކައިލާ އިރު" ބަހެއް ބުނުމުގެ ހައްގެއް އޮންނަން ވާނެ އެވެ.
އެކަމަކު މި ބުނާ ކަހަލަ ގާނޫނެއް ހަދާނީ ކާކު ހެއްޔެވެ؟ ހަދަން ތިބީ މެންބަރުންނެވެ. އެ މީހުންގެ އަމިއްލަ ކަރު މަޅި ބަނދެވޭ ގޮތަށް އެ މީހުން ގާނޫނެއް ނުހަދާނެތާ އެވެ. ގާނޫނުގައި ވާ ގޮތުގެ މަތީން ތިމާމެންގެ އަހަރީ އާމްދަނީގެ ތަފްސީލު މަޖިލީހަށް ހުށަހަޅަން ޖެހުނީމަ އެކަން ވެސް ބައެއް މެންބަރުންނަށް އޮތީ ބޮޑު ކަމަކަށް ވެފަ އެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރު، ތިމާ މަޖިލީހުގައި ހިމެނޭ ހައިސިއްޔަތު ބަދަލު ކުރި އިރު ތިމާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދީ ކޮން މެންބަރެއް ހެއްޔެވެ؟ އެ މެންބަރަކު ނެތެވެ....

މަޖިލީހުގެ މެންބަރުން ރިޝްވަތު ނަގާ ވާހަކަ އާއި ބޮޑެތި ޑީލްތައް ހަދާ ވާހަކަ އަކީ މަޝްހޫރު ވާހަކަ ތަކެކެވެ. ބޭރު ގައުމުތަކުން ފްލެޓްތައް ހޯދާ ވާހަކަ އާއި ޢާއިލާގެ މީހުންނަށް ކިޔަވައި ދިނުމުގެ ޚަރަދުތައް ހޯދުމާއި ފައިސާގެ ބޮޑެތި އަދަދުތައް މެންބަރުން ރިޝްވަތުގެ ގޮތުގައި ނަގާ ވާހަކަ އެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގެ ސެކިޔުރިޓީއެއްގެ ގޮތުން އެތައް މިލިއަން ރުފިޔާ އަކާއި ގެދޮރު ނުވަތަ ބިންތައް ހޯދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް މަޝްހޫރު ވާހަކަ ތަކެވެ.

މި ފަދަ ބައެއް ވާހަކަތަކަށް ބަލާ އިރު، ޑީއާރްޕީގެ މެންބަރު ރެޑްވޭވް ސަލީމް ކުއްލިއަކަށް އެމްޑީޕީ އަށް ބަދަލުވީ އޭނަޔާ ގުޅޭ ގޮތުން އެޓޮލްސް މިނިސްޓްރީއާ ގުޅުވައިގެން ބަލަމުން ދިޔަ މައްސަލަތަކެއް އޮއްބައިލަ ދިނުމާއި އޭރު ރެޑްވޭވްގެ ސަލީމަށް ކުރިމަތި ވެފައިވާ މާލީ އަޑިގަނޑަކުން ސަލާމަތް ވުމަށް ފައިސާގެ އެހީއެއް ދިނުމުން ކަމަށް ދެކެވުނު ވާހަކަ އަކީ މަޝްހޫރު ވާހަކަ އެކެވެ. އެމްޑީޕީ އަށް ބަދަލު ވުމާ ހަމަޔަށް ސަލީމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ހަރުކަށި އިބާރާތުން ފާޑު ވިދާޅުވި މެންބަރެކެވެ. ޑީއާރްޕީގެ ޅަ މެންބަރު އަލްހާން ފަހުމީއާ ގުޅޭ ގޮތުން ވެސް ވާހަކަތަކެއް ފެތުރުނެވެ. ވަރަށް އަގު ބޮޑު ކާރެއްގައި ކުއްލި ގޮތަކަށް އަލްހާން އުޅުއްވާތަން ފެނުމާއި ގިނަ އަދަދެއްގެ ފައިސާ ކޮންމެވެސް ފަރާތަކުން އޭނާ އަށް ޕާޓީ ބަދަލު ކުރުމަށް ދިން ވާހަކަ އެއީ ގަދަ ވާހަކަ އެކެވެ. ކުރިން އަލްހާނަކީ ރައީސް ނަޝީދަށް ވަރަށް ދަށް ފެންވަރުގެ އިބާރާތުން މުޚާތަބު ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނު އަލުން ރައީސް ކަމަށް ހޮވުމަށް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަތޮޅުތަކަށް ކުރި ދަތުރެއްގައި ރައީސް ނަޝީދާ ބެހޭ ގޮތުން އަލްހާން ވާހަކަ ދެއްކެވި އިރު އެ ޖަލްސާގައި އަޅުގަނޑަށް ވެސް އިނދެވުނެވެ. މިހާރު މި ފެނުނީ ޑީއާރްޕީގެ އަލީ ވަހީދު ޕާޓީން ވަކިވެވަޑައިގެންނެވި ތަނެވެ. މި ދުވަސް ވަރު އެންމެ ގަދަޔަށް މިދެކެވޭ ވާހަކަ އަކީ އަލީ ވަހީދު ވެސް ޑީލެއް ހައްދަވާ ވާހަކަ އެވެ. މެލޭޝިއާ އިން އެޕާޓްމެންޓަކާއި ގިނަ އަދަދެއްގެ ފައިސާ ލިބުނު ވާހަކަ އެވެ. އެ ގޮތުން އަލީ ވަހީދުގެ ޕެކެޖުގައި ހިމެނެނީ 95 މިލިއަން ރުފިޔާއޭ އެއްބަޔަކު ކިޔަ އެވެ. އަނެއް ބަޔަކު ކިޔާތީ އިވެނީ އެ ޕެކޭޖުގައި ހިމެނެނީ 29 މިލިއަން ރުފިޔާ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ 17 މިލިއަން ކަމަށެވެ. ޢަލީ ވަހީދުގެ އިސްތިއުފާ މި އައީ މި ޕެކޭޖުގެ ވާހަކަތައް ރަށު ތެރޭގައި ޢާންމު ވެފައި ވަނިކޮށެވެ.

މިއީ ހައްތަހާ ވެސް އިވޭ އަޑެވެ. އެކަމަކު މިއިން ކޮންމެ ވާހަކަތަކެއްގެ ފަހަތުގައި ހަގީގަތްތަކެއް ނެތި ހިނގައިދާނެ އެވެ. މި ކަންކަން ބަލަން ކޮންމެ މަޖިލިސް މެންބަރެއްގެ ފަހަތުގައި ފުލުހަކު ނު ބެހެއްޓޭނެ އެވެ. އެހެން ނަމަވެސް ޝައްކު ކުރެވޭ ކަހަލަ ކަން ކަން ފެންނަ ކަމީ ވެސް ހަގީގަތެކެވެ. މަޖިލީހަށް ހޮވޭ އިރު ވަރަށް އާދައިގެ މެންބަރުން ފަހުން "މުއްސަނދި" ވެގެން އެ ދަނީ ކިހިނެއްތޯ އެއީ ކޮންމެވެސް ބަޔަކު ބަލަން ޖެހޭ ކަމެކެވެ. އެކަމަކު މި ތުހުމަތުތައް ބަލާނީ ކާކު ހެއްޔެވެ؟ މި ފަދަ ތުހުމަތުތަކުގެ އަޑުތައް ކެނޑިނޭޅި އިވޭ އިރު ވެސް ރަސްމީ ފަރާތްކުން ތިބޭތަން މި ފެންނަނީ ކަހާތަން ހިރުވައި ވެސް ނުލަ އެވެ. މީ ވެސް ހަމަ ޑިމޮކްރެސީ ދޮންވެ ފައްކާ ވީމަ ވާ ގޮތްތޯ އެވެ. މި ކަހަލަ ޑިމޮކްރެސީއެއް ރަނގަޅު ވާނީ ރައްޔިތުންނަށް ނުލިބުނިއްޔާ އެވެ.

މި ވާހަކަ ވެސް ދައްކަން ޖެހޭނީ މީޑިއާ އިން އެކަނި ތޯ އެވެ؟ ރައްޔިތޔުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަގުން ކައްސާލައިގެން ދާ ކަމަށް ވާ ނަމަ އެ ކަމަށް އޮތީ ކޮން ހައްލެއް ތޯ އެވެ؟

ހަމަ ގައިމު ވެސް އަޅުގަނޑަށް އިނގޭ ކަމަކީ މިހާރު ކުރިޔަށް މިދާ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ހިތި އިބުރަތްތަކެއް ލިބިއްޖެ ކަމެވެ. މެންބަރުން ކަންކަން ގިނައިން މި ހިންގަނީ ރައްޔިތުން އެދޭ ގޮތަށް ބަލައިގެން ނޫން ކަމެވެ.
މިހާރު ވެސް މާ ގިނަ ވާހަކަ ދެއްކިއްޖެ އެވެ. މިވާހަކަ ދެއްކީމާ އަނެއްކާ އަޅުގަނޑު މަޖިލީހުގެ މެންބަރުންގެ ކަރާމަތާ ބެހުނީ ކަމަށް ނުވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.



ގުޅޭ ޓެގު
comment ކޮމެންޓް