ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި އަދީބާއި އިތުރު ބައެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

އަހުމަދު އަދީބު އަބްދުލް ޣަފޫރު (ކ) އަހުމަދު ފަޔާޒު އަލީ ރިޒާ، މުހައްމަދު އައްލާމް ލަތީފް، އަހުމަދު އިޝްފާހު އަލީ އަދި މުހައްމަދު ހުސައިން ---- ސަން ފައިލް ފޮޓޯ

މީގެ އަށް މަސް ކުރިން ބ. ހިބަޅިދޫ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އަދީބުގެ އިތުރުން އެ މައްސަލާގައި ދައުވާކުރަން ފޮނުވި ބައެއް މީހުން:

  • އެމްއެންޑީއެފްގެ ބަޑިގިދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)
  • މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)
  • މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ
  • އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ)
  • ގ. އޮއިވާލި އިސްހާގު ހުސައިން

އެމީހުންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވެއެވެ. ގ. އޮއިވާލި އިސްހާގު ހުސައިން އަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު އޮއިއްޓޭގެ ކޮއްކޮ އެވެ.

ހިނަޅިދޫން ހަތިޔާރުފެނުނުކަމުގެ މައުލޫމާތު ފުލުހުން މީޑިއާއާ ހިއްސާކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެތަނުން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ބަޑިގުދަނުގައި ބޭނުންކުރާ ބައެއް ހަތިޔާރު ހިމެނޭ ކަމަށް ފުލުހުންނާއި ސިފައިން ވަނީ ބުނެފަ އެވެ.

ހިބަޅިދޫ ފަޅުތެރެއިން ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރެއް ފުލުހުން ދައްކާލަނީ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ބ. ހިބަޅިދޫއަކީ 14 އޯގަސްޓް 2014 ވަނަ ދުވަހު ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލޮމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކަށް ޓޫރިޒަމް މިނިސްޓްރީން އެވޯޑުކޮށްފައިވާ ރަށެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް