އަދީބު ޖަލު ހުކުމްތަކުގެ މުއްދަތު 33 އަހަރަށް އަރައިފި

ހުކުމަށްފަހު ކޯޓުން ނެރުމުން، އަދީބު ހަނާއަޅުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިރޭ އިއްވި ތިން ވަނަ ހުކުމާއެކު އޭނާގެ ޖަލު ހުކުމްތަކުގެ މުއްދަތު 33 އަހަރަށް އަރައިފި އެވެ.

ދެ ފިސްތޯލަ އާއި ގޮވާ ތަކެތި ގެންގުޅުނު ކަން ސާބިތުވެ އަދީބަށްކޮށްފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އަދީބު އިސްވެ ހުންނަވައިގެން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަން ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް ވަނީކޮށްފަ އެވެ.

އޭނާގެ މައްޗަށް މިރޭ ކުރި ހުކުމަކީ ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާތީ އަށް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމެކެވެ.

އަދީބުގެ މައްޗަށް ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމްތަކުގެ މުއްދަތު 33 އަހަރަށް އަރާފައިވާއިރު، އޭނާގެ އުމުރުން މިހާރު 34 އަހަރެވެ.

ހިޔާނާތުގެ ކުށް އަދީބުގެ މައްޗަށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމުގައި ބުނެފައި ވަނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބައިވެރިވި ކަމަށް ސާބިތުވާތީ އޭނާ ވެސް އަށް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

ހަމައެހެންމެ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ވެސް އެ ޚިޔާނާތުގައި ބައިވެރިވިކަން ސާބިތުވާތީ އޭނާ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ހުކުމްގައި ފާހަގަކޮށްފައިވާކަންކަން

  • ކުރެއްދޫ ހޯލްޑިންގްސް އިން ދޫކުރި ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ ޒިޔަތު އެޗެކް އަދީބާ ހަވާލުކޮށްފައިވާކަން ހެކިތަކުން އެނގޭ.
  • 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ފައިސާ ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް އަށް ޖަމާކުރެއްވުމަށްފަހު އެކަން އަދީބު އެ ކުންފުންޏަށް އަންގާފައިވާކަން ހެކިތަކުން އެނގޭ.
  • އެއަށްފަހު އަދީބު އެދިވަޑައިގަތް ގޮތަށް ހަތަރު މިލިއަން ޑޮލަރުގެ ތިން ޗެކު ތައްޔާރު ކުރުމަށްފަހު މީލޭނިއަމް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ ސޮޔާ އެކު މޮންޓަލިއޯން އިންޓަނޭޝަނަލް ކުންފުނީގެ ހިއްސާދާރަކާ ހަވާލުކުރިކަން ހެކިތަކުން އެނގޭ.
  • ބާކީ އެއް މިލިއަން ޑޮލަރު އަދީބު ނަގާފައިނުވާކަން ހެކިތަކުން އެނގޭ.
  • މިލޭނިއަމާއި މޮންޓަލިއޯންގެ އެކައުންޓަށް އެ ފައިސާ ޖަމާވިކަން އެ ދެ ކުންފުނީގެ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓުތަކުން އެނގޭ.
  • ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިނުވާކަން އެ ކުންފުނީގެ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓުން އެނގޭ.

ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބާކީވާ އެއް މިލިއަން ޑޮލަރު އަނބުރާ އަދީބު ނަގާފައިނުވާއިރު، 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އެއްމިލިއަން ޑޮލަރު ފިޔަވައި އިތުރު ފައިސާއެއް މީލޭނިއަމްގެ އެކައުންޓަށް ވަދެފައިނުވާ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތަށް އެކަން އޮތްއިރު، 2014 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެސްޓީއޯ އަށް ޑޮލަރު ވިއްކުމުގެ އެއްބަސްވުމެއްގައި މިލޭނިއަމާއި އެސްޓީއޯއިން ސޮއިކޮށްފައިވާ ކަމަށާއި މިލޭނިއަމްގެ ފަރާތުން އޭގައި ސޮއިކޮށްފައި ވަނީ ހާމިދު ކަމަށް ހުކުމްގައި ވެއެވެ.

comment ކޮމެންޓް