ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އިސްތިއުނާފު ކޮށްފި

ލޯންޗުކޮޅު ގޮއްވާލިކަން ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވުމުން އަދީބު ކޯޓުން ނެރެނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާ ގައި އެއްޗެއް ގޮވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުންނަށް އިއްވި ހުކުމް އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އަދީބު 15 އަހަރަށް އަދި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރު 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ދިފައީ ވަކީލުން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލީ ލޯންޗުކޮޅުގައި އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅަށާއި ލޯންޗުކޮޅުން ދަތުރުކުރެއްވި ފަރާތްތަކަށް ގެއްލުންވެފައިވާތީ އެވެ. ދެ ބޮޑީގާޑުންނަށް ހުކުމް އައީ އަދީބާ އެކު އެކަމުގައި ބައިވެރިވެފައިވާކަން ސާބިތުވުމުންނެވެ.

އަދީބަށް އިއްވާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގައި އެކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ. އަދި ރިކާޒާއި އާމިރަށް އިއްވާފައި ވަނީ އެކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެވެ.

ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ އަދީބު ތައްޔާރުކުރީ ސިފައިންގެ މީހަކު ލައްވާކަން މިރޭ ވަނީ ޝަރީއަތަށް ސާބިތުވެފަ އެވެ. އެ ސިފައިންގެ މީހާ ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސް ދީފައި ކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހަކު ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެއައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފަ އެވެ.

ހެކިބަސް ދެމުން އެ ސިފައިންގެ މީހާ ބުނީ ލޯންޗުކޮޅުގައި ހަރުކުރި އައިއީޑީ ފުރަތަމަ އޭނާ ތައްޔާރުކުރީ ވަރަށް ބާރުގަދަކޮށް ކަމަށެވެ. އަދި ބުނީ އަދީބުގެ ވާހަކަފުޅުތައް ހުންނެވި ގޮތުން ކުރިން ހެދި އައިއީޑީއަށް ވުރެ ބާރުދަށް އެއްޗެއް ތައްޔާރުކުރި ކަމަށެވެ.

ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ.

comment ކޮމެންޓް