ޚިޔާނާތު މައްސަލައިގެ ހުކުމް އިއްވުން ވެސް ގައުމީ ސަލާމަތަށްޓަކައި ސިއްރުކޮށްފި

އަބްދުﷲ ޒިޔަތު (ކ) އަހުމަދު އަދީބު އަދި ހާމިދު އިސްމާއީލް ---- ސަން ފައިލް ފޮޓޯ

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ދައުލަތުގެ ފަސް މިިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކްރިމިނަލް ކޯޓުން ސިއްރު ކޮށްފި އެވެ.

މިރޭ 10:00 ގައި އޮންނާނީ ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމަށްފަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުމެވެ.

މީގެ ތިން ހަފްތާކުރިން ބޭއްވި އެ މައްސަލާގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތަށްޓަކައި އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރެއްވުމަށްފަހު ފޯނުން ގުޅުއްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެންގެވި ކަމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަމްޖަދު އިސްމާއީލް ވަނީ ކޯޓްގައި ހެކިބަސް ދެއްވާފައެވެ.

އަމްޖަދު ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެއްމިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓްގައި ބެހެއްޓުމަށް ފަހު ބާކީ ހުރި ހަތަރު މިލިއަން ޑޮލަރު މޮންޓަލައޯން އިންޓަނޭޝަނަލްގެ އެކައުނަޓަށް ޖަމާ ކުރުމަށް ތައްޔާރު ކޮށްފައިވާ ޗެކްތަކެއް އަދީބުގެ އެދިވަޑިއިގަތުމަކަށް އެކުންފުނީގެ ހިއްސާ ދާރަކަށް ހަވާލުކުރައްވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް