އެއީ މާނައިން ފުރިގެންވީ ބައިތުތަކެކެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ ކަންފަތްތަކުގައި ބީހެންފެށި "މިނިވަންވަޔާ" ލަވަ އަޑުއެހިން ހެއްޔެވެ؟ ރާއްޖޭގެ މިނިވަންކަމާއި އެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ފުރާނައިން ގުރުބާންވި ބަތަލުންގެ ހަނދާންތައް އާކޮށްދޭ ލަވައެކެވެ. އެ ފުރިހަމަ ލަވަ އެފަދަ "ތަފާތު" ގޮތަކަށް ދިވެހިންގެ ކަންފަތްތަކަށް ގެނެސްދިނުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި އެއް ކަނބަލަކީ މިއަދު ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ޑރ. އާމާލް އަލީ އެވެ.
ޑރ. އާމާލްއޭ ބުނެފި ނަމަ ގިނަ ބަޔަކު އޭނާ ދަންނާނީ ތައުލީމީ ދާއިރާގެ މީހެއްގެ ގޮތަށެވެ. ތައުލީ ދާއިރާގައި ޑރ. އާމާލްގެ އަތް ނުބީއްސާ ހިސާބެއް ނެތޭ ވެސް ބުނެވިދާނެ އެވެ. އެ ވާހަކަ އިހަށް ބާއްވާފައި، ޑރ. އާމާލްގެ ތަފާތު ކަމެއްގެ ވާހަކަ ދައްކަމާ ބަހީ އެވެ.
މިއީ ލަވަކިޔުންތެރިއެއް، ނެށުންތެރިއެއްވެސް މެ!
"ލަވަކިޔުމާއި ނެށުމަކީ އެއީ ވެސް ހަމަ ސްކޫލުގެ ހަޔާތުން ފެށިގެން އަންނަ ކަމެއް. ނެށުން ވިޔަސް އަދި ޑްރާމާ ވިޔަސް އަދި ކުޅިވަރުކަމަށް ވިޔަސް ބައިވެރިވެގެން އުޅެން. ދެން އެހެން އުޅެނިކޮށް ފުރަތަމަ ޕްރިފެކްޓްކަން ލިބުނީ. ދެން ކެޕްޓަންކަން. ލިބުނީމަ އިތުރު ހަރަކާތްތަކުގައި ވަރަށް އުޅެން. އެއީ ލަވަކިޔުމާއި ނެށުމުގެ ކަންކަން ފެށުނު ގޮތަކީީ،"
އާމާލް ވިދާޅުވީ ސްކޫލްގައި އުޅުއްވި ދުވަސްވަރު އޭރު ހުންނެވި ހިސްޓްރީ ޓީޗަރު އިސްނަގައިގެން މާލެއިން ބެރުޖަހާ ކުދިންކޮޅެއް ހޯދައިގެން އާމާލްމެންނަށް ނަށަން ދަސްކޮށްދިނީ "ބުޒުރާ ނެހީ" އެ ލަވަޔަށް ކަމަށެވެ. އެއީ ދިވެހިންގެ ތެރޭގައި މިހާރު ވެސް މަގުބޫލު ބުޒުރާ ނެށުމެވެ. އެއަށް ފަހު ނެށުމުގެ ކަންކަމުގައި ފުދޭވަރަކަށް އުޅެވޭ ކަމަށާއި މިނިވަންވަޔާގެ މަސައްކަތް ފެށިގެން އައީ ސްކޫލް ދުވަސްތައް ނިމި އަމީނިއްޔާގައި ޓީޗަރަކަށް ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި އެ މަސައްކަތް ފެއްޓެވީ ސްކޫލްގެ ބައެއް އެހެން ޓީޗަރުންގެ މަޝްވަރާގެ މަތީން ކަމަށެވެ.
"އޭގެ ފަހުން އަޅުގަނޑު ސްކޫލް ޓީޗަރަކަށް ހުރީމާ އަޅުގަނޑު އިސްކޮށް ހުރެގެން މިނިވަންވަޔާ އަށް މި ބަދަލުވީ. މި ލަވައިގެ މަސައްކަތަށް. ބުޒުރާނެހީ މުޖޭ ދިވެހިކޮށްލީ. އަޅުގަނޑު ކޮރިއޯގްރާފް ކޮށްގެން ތަންކޮޅެއް ފުޅާކޮށް 250 ކުދިން ހަމައެކަނި މިނިވަންވަޔާ މި ލަވައަށް ނެއްޓުވީ،" މިނިވަން ވަޔާގެ މަސައްކަތް ފެށުނު ގޮތް ޑރ. އާމާލް ކިޔައިދެއްވި އެވެ.
މިނިވަން 50 ގެ ބިގް ސަޕްރައިޒް!
އާމާލް ވިދާޅުވީ އެ ހިތްގައިމު ލަވައިގެ ވެރިފަރާތް ނުވަތަ ސީދާ ހެއްދެވީ ކޮން ބޭފުޅެއްކަން އެނގެން ނެތް ކަމަށެވެ. ނަމަވެސް އޭރު އާމާލް މެންނާ އެކީގައި އުޅުއްވި އާއިޝަތު ނަސީރާ ފަދަ ބޭކަނބަލުން އެ ލަވައިގެ މަސައްކަތުގައި ބޮޑު ރޯލެއް ކުޅުއްވި ކަމަށް ޑރ. އާމާލް ވިދާޅުވި އެވެ.
ނަސީރާ އިސްކޮށް ލީޑްކުރެއްވި އެ ލަވައިގެ ފަހަތުން އިވިގެން އަންނަނީ އާމާލް އާއި އިތުރު އެއް ކަނބަލެއްގެ އަޑެވެ.
"އެއް ދުވަހެއްގައި ޓީވީއެމް އިން ގުޅީ ނަސީއަށް. ގުޅާފައި ވިދާޅުވީ މިނިވަން ފަންސާސް އިވެންޓްގައި އެބޭފުޅުން ސައިޑް އިވެންޓެއްގޮތަށް ތިން ލަވައެއް ގެނެސްދޭ އިރު މިނިވަންވަޔާ ލަވަ ހުށަހަޅައިދެވޭނެތޯ. ދެން ނަސީ އަޅުގަނޑުމެންނަށް ގުޅާފައި އެވާހަކަ ވިދާޅުވީމާ އަޅުގަނޑުމެން ބުނިން އަޅުގަނޑުމެން ވެސް ބޭނުމޭ އެފަދަ އިވެންޓެއްގައި މިނިވަންކަން ރަމްޒުކޮށްދޭ ގައުމީ ޖޯޝު ގެނެސްދޭ ލަވައެއް ހުށަހަޅައިދޭން،"
އެ ލައްވައަށް ތައްޔާރުވުމަށް ޕްރެކްޓިސްތައް އެބޭފުޅުން ބޭއްވެވި އެވެ. އަދި ނެށުމުގެ ހަރަކާތްތަކެއް ވެސް ތައްޔާރުކުރެއްވި އެވެ. އެ ކަންކަން ލަވައިގެ ތެރެއިން ފެނުނެވެ. ލަވަ އަޑުއަހައި ވީޑިއޯއާ އެކު ބަލައިލުމުން ގައުމީ ޖޯޝެއް ހަގީގަތުގައި ވެސް އާދެ އެވެ.
މިނިވަން ވަޔާ ވީޑިއޯ:
މިއީ އެންމެންގެ ބިގް ސިސްޓާ! ބޭނުން ވަނީ އެހެންމީހުން ކާމިޔާބު ކޮށްދޭން
އާމާލް މިސްއަކީ އޭނާގެ ސަބަބުން އެހެން މީހުން އުފަލުގައި ބޭތިއްބުމަށް ފިސާރި ފޯރިއެއް ހުންނަ ކަނބަލެކެވެ. އެކަމަމާގެ ސަބަބުން އެހެން މީހަކަށް ރިވެތި އަހުލާގެއް ލިބި، ދިރިއުޅުމުގައި ބާއްޖަވެރިވުމަކީ އެއީ ޑރ. އާމާލްގެ އުފަލެވެ.
"މިޖުތަމައަށް އަންހެނުން ހޭލުންތެރިކުރުވުމަކީ އެއީ ވަރަށް ޝައުގު ހުންނަ ކަމެއް އަބަދުވެސް. އަޅުގަނޑު ހިތުން މީހަކަށް އެހީވާ ކަމަށް ވަންޏާ އެމީހަކު ހުރި ހިސާބުން މައްޗަށް ގެނުވާދެވޭތޯ ބަލަން އަބަދު ވެސް. އެމީހެއްގެ ކޮންފިޑެންސް ލެވެލް ރެއިސްކޮށްދެވޭތޯ [މައްޗަށް ނެގޭތޯ] ބަލަން. އެމީހަކަށް މަގުދައްކާދެވޭތޯ ބަލަން. އެއީ އަޅުގަނޑު އޭޒް އަ ބިގް ސިސްޓާ، އަޅުގަނޑަށް ކޮށްދެވިދާނެ ކަމެއް،"
އެންމެ އުފާވި އެއް ދުވަހަކީ ދަރިވަރުންގެ ހަގީގީ ލޯބި ފެނުނު ދުވަސް
އެހެން މީހުން ކާމިޔާބުކޮށްދީ އެ ކާމިޔާބީ ދެކުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ އުފަލެކެވެ. އާމާލްގެ ހަޔާތުގައި މުޅިން ވެސް އޮތީ އެފަދަ އުފާތަކެވެ. އެގޮތުން އަމީނިއްޔާ ހިންގެވުމުގެ ހުންގާނުގައި ހުންނަވައިގެން އަމީނިއްޔާއަށް ލިބޭ ކޮންމެ ކާމިޔާބީ އަކީ ޑރ. އާމާލް އަށް ލިބޭ އުފަލެކެވެ.
ނަމަވެސް އެ ހުރިހާ އުފަލެއްގެ ބޭރުން، މިހާރު ވެސް އެ ވަގުތެއް ހަނދާނަށް އަތުވެއްޖެ ނަމަ އުފަލުގެ ކަރުނަ ލޮލުން އޮހޮރޭ ކަންތައްތަކެއް އާމާލް މިސްގެ ހިތުގައިވެ އެވެ. މިވާހަކަ ކިޔައިދެއްވި އިރު ޑރ. އާމާލްގެ ފަރާތުން ފެނިގެންދިޔަ ޖަޒުބާތުތަކުން އެކަން އެނގުނެވެ.
"ސްކޫލްގައި ޖުލައި 26 އަކަށް އައިޓަމެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކުރަނިކޮށް، އެ އައިޓަމްގެ ރިހާސަލަށް ދާން އޮތް ދުވަހު އަޅުގަނޑަށް ކަންދިމާވި ގޮތުން އަޅުގަނޑަށް ކުއްލިއަކަށް ރަށުން ބޭރަށް ދާން ޖެހުނީ. ދެން އެދުވަހު އަޅުގަނޑު މެސެޖު ކުރިން އަޅުގަނޑަކަށް ނާދެވޭނެއޭ، އެހެންވީމަ އެހެން ޓީޗަރަކާ ހަވާލުކޮށްފައި އޭނަ ލައްވާ ކުރިއަށްގެންދާށޭ،"
އެ ދަތުރަށް ފަހު އާމާލް އަށް އަނބުރާ އާދެވުނީ ތިން މަސް ފަހުންނެވެ.
"ދަތުރު ނިންމާފައި އައިސް އަޅުގަނޑު ސްކޫލަށް ދިޔައީ، ސްކޫލްގައި އެއް ސެޝަން ނިންމާފައި އަނެއް ސެޝަން އަށް އިންނާނެ 20 މިނިޓްގެ ބްރޭކެއް. ދެން ސްޓާފްރޫމަށް ދާން ސްކޫލަށް ވަދެގެން ގޮސް ހޯލާ ހަމައަށް އާދެވުނުތަނާ، ބައިވަރު ކުދިން، އައިތަނެއް ވެސް ނޭނގެ، އިރުކޮޅަކުން އައިސް ހޯލް އެއްކޮށް ފުރިއްޖެ. އަޅުގަނޑު ގައިގައި ބައްދަ ބައްދާފައި އާމާލް މިސް އައިދޯއޭ. ހުރިހާ ކުދިން އުފަލުން، ވަރަށް އުފާވި ދުވަހެއް އެއީ،" އެންމެ އުފާވި ދުވަހުގެ ހަނދާންތައް، ލޮލުން ކަރުނަ ފޮހެލައްވަމުން ޑރ. އާމާލް ހިއްސާ ކުރެއްވި އެވެ.
ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ތައުލީމީ ދާއިރާގެ ޖަވާހިރެއް
އެންމެ ފުރަތަމަ ޑރ. އާމާލް އުޅުއްވީ އަމީނިއްޔާ ސްކޫލްގެ ސުޕަވައިޒަރެއްގެ މަގާމުގަ އެވެ. އެއީ އުމުރުން އެންމެ 18 އަހަރުގަ އެވެ. އެއަށް ފަހު އުމުރުން 24 އަހަރުގައި އަމީނިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލްކަން ލިބިވަޑައިގަތެވެ. އެ ހުރިހާ ދުވަސްތަކެއް އެކަމަނާ ތައުލީމު ހާސިލްކުރެއްވި އަމީނިއްޔާގައި ހޭދަކުރެއްވުމަށް ފަހު ދެން ގުޅިވަޑައިގަތީ އެޑިއުކޭޝަން މިނިސްޓްރީއާ އެވެ.
މިނިސްޓްރީގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ގާތްގަނޑަކަށް ފަސް މަސް ދުވަހު ވަޒީރުކަން ކުރެއްވި އެވެ. ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރުގެ މަގާމެވެ. އޭގެ ފަހުން ދުވަސްތަކެއް ހުސްކޮށް ހޭދަކުރެއްވުމަށް ފަހު ގުޅިވަޑައިގަތީ މައި ކޮލެޖަށެވެ. މިހާރު އެއީ މައިކޮލެޖްގެ ރެކްޓާ އެވެ.
ކުޅިވަރުގައި ވެސް އުޅުއްވި
އާމާލް ވިދާލުވީ ސްކޫލްގައި ކޮންމެވެސް ވަރަކަށް ހޭންޑްބޯލް ކުޅުއްވަން ފެއްޓެވި ކަމަށެވެ. އަދި ޓޭބަލް ޓެނިސް ފަދަ ކަންކަމާއި ބެޑްމިންޓަން ފަދަ މުބާރާތްތަކުގައި ބައިވެރިވެ ސްކޫލް މުބާރާތްތަކުގައި ވެސް ކުޅުއްވި ކަމަށް އާމާލް ވިދާޅުވި އެވެ.
"އޭރު ސްކޫލް ނިމިގެން އުޅުނު ގޭގައި ވެސް އިންނާނެ ނެޓްބޯޅަ ކުޅޭނެ ތަންކޮޅެއް. އެހެންވީމަ އެ ކުޅިވަރު ކޮންމެވެސް ވަރަކަށް ކުޅުނިން ފަހަކާ ޖެހެންދެން ވެސް. ދެން ނެޓްބޯލް ކޯޗިން ދަސްކޮށްގެން ނެޓްބޯލް ކޯޗިން ވެސް ކޮންމެވެސް ވަރަކަށް ދަސްކޮށްދީފައި ހުންނާނެ ސްކޫލް ކުދިންނަށް.،" ޑރ. އާމާލް ވިދާލުވި އެވެ.
އާމާލް ވަނީ، މަރުހޫމް މުހައްމަދު ޒާހިރު ނަސީރު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޒާހިރު އަރިހުގައި އެ ކޮމިޓީގެ ތެރޭގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އޭގެ އިތުރުން ސްކޫލްގައި ޕްރައިމަރީ ޓީޗަރަކަށް އުޅުއްވި އިރު، އަތުގެ ހުނަރުތައް ކިޔަވައިދޭން ޖެހޭތީ، "ޖިންސުއްލަތީފު ރޫހު" ކިޔާ ޖަމިއްޔާއަކާ އެކު އެފަދަ ކަންކަމުގައި ވަރަށް ބޮޑަށް ޝާމިލްވެ އަތްތެރި މަސައްކަތުގެ މައުރަޒުތައް ބާއްވައިހެދުމުގައި އިސްކޮށް އުޅުއްވި ކަމަށް އާމާލް ވިދާޅުވި އެވެ.