މައްސަލަތައް އަވަސްކުރަން ބޮޑެތި މުޖުރިމުންގެ މައުލޫމާތު ރައީސް ހޯއްދަވައިފި

ޓޮޕް އެޗީވާރޒް އެވޯޑު ދިނުމުގެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެޑިއުކޭޝަން

ޖިނާއީ ބޮޑެތި މައްސަލަތައް އަވަސް ކުރުމަށްޓަކައި އެފަދަ ކުށްތަކުގައި ޝާމިލްވާ ފަރާތްތަކުގެ މައުލޫމާތު ރައީސް އަބްދުﷲ ޔާމީން ހޯދަވައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ރައީސް ޔާމީން ދާދިފަހުން ވަނީ މައްސަލަތައް ތަހުގީގު ކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ނުނިމި ހުރި ބޮޑެތި މައްސަލަތަކުގައި ޝާމިލްވާ މީހުންގެ މައުލޫމާތު ހޯއްދަވައިފައެވެ.

އެނގިފައިވާގޮތުގައި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގައި އެދިގެން ޝަރުއީ ދާއިރާއިން އެމަސައްލަތަކަށް އަވަހަށް ގޮތެއް ނިންމުމަށެވެ.

މިމަހު ކުރީކޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޖިނާއީ ބޮޑެތި ކުށްތައްކުރުން އިތުރުވަނީ، ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާ ދިގުދެމިގެން ދާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވަން ސަރުކާރަށް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިންނާއި ޝަރުއީ މަރުހަލާތަކުގެ ތެރެއިން ވެސް މަސައްކަތްތައް ކުރައްވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ހުރި މަރުގެ މައްސަލަތަކާއި ޖިނާއީ ކޯޓަށް ހުށަހެޅިފައި ހުރި މަރުގެ މައްސަލަތައް ވަރަށް އަވަސް މުއްދަތެއްގައި ނިމޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް