އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 26 ހަމައަށް އިތުރުކޮށްފި

މިދިޔަ އަހަރު ބޭއްވި މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސ. ފޭދޫ ޓީމް ޓްރޮފީ އާއި އެކު އުފާފާޅު ކުރަނީ ---

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ "މިނިވަން ފުޓްބޯޅަ މުބާރާތް" ގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް އިތުރު ކޮށްފައިވާއިރު ކޮންމެ އަތޮޅަކުން ވެސް އެ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ކުރިއަށް ގެންދަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފި އެވެ.

މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތް ކުރި އަށް ގެންދިއުމަށް އެފްއޭއެމުން ނިންމާފައި ވަނީ ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެއް ރަށެއްގަ އެވެ. އެގޮތުން އެ އަތޮޅެއްގައި މުބާރާތް ކުރިއަށް ގެންދާނެ ރަށެއް ހޮވާނީ އެކަމަށް އެދި މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ފޯމް ފުރިހަމަ ކުރުމަށް ފަހު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިންނެވެ.

އެފްއޭއެމް އިން ބުނީ އަންނަ މަހު 26 ގައި ފެށުމައް ހަމަ ޖެހިފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތުގެ މުއްދަތު އިތުރު ކުރީ ވީހާ ވެސް ގިނަ ރަށް ތަކަކަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ބައިވެރިވާ ބޭނުންވާ ރަށް ތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މުބާރާތުގެ ކަންތައްތަކުގައި ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަމްބަރު އިނގޭނެ ގޮތަށް ލިއަމަކުން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސްބަތުގައި މިދިޔަ އަހަރު ވަނީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުގައި ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާފަ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ހޮސްޓް ކުރާ ރަށުގައި ކުރިއަށް ގެންދިއަ ނަމަވެސް ޒޯން ޗެމްޕިއަންނުންގެ މެދުގައި ކުޅެވޭ ދެ ވަނަ ބުރުގެ ކުޅުން ކުރިއަށް ދާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުން ވެސް އެއް ޓީމަކަށެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ އިރު ބައިވެރިވާ ޓީމުތަކުން ޖުލައި 14 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެފްއޭއެމަށް ހުށަހަޅަން ޖެހެ އެވެ.

comment ކޮމެންޓް