ބިޒްނަސް އިމޭޖަށް 78 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް ހުކުމް ކޮށްފި

ކުރީގެ އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް --- ފައިލް ފޮޓޯ

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ އެމްއެންބީސީއާ ބިޒްނެސް އިމޭޖް ގުރޫޕާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ގުރޫޕަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި އޮތުމުން އެފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

އެމައްސަލަ ނިންމައި މިމަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ އެމްއެންބީސީ އިން ބިސްނެސް އިމޭޖް ގުރޫޕަށް ދައްކަން ޖެހޭ 5،644،874.88 ރުފިޔާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 72،931،785 ރުފިޔާއާ އެކު ޖުމްލަ 78،576،659.88 ރުފިޔާ އެމްއެންބީސީ އިން ބިސްނެސްއިމޭޖް ގުރޫޕަށް ދައްކަން ޖެހޭނެ ކަމަށެވެ. އެއީ އެމްއެންބީސީ އިން ބިޒްނެސް އިމޭޖް ގުރޫޕަށް ދައްކަންޖެހި ނުދައްކަވާ ފައިސާކަން ޝަރީއަތަށް ސާބީތުވާތީ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރަން ހުކުމް ކޮށްފައި ވަނީ އެމްއެންބީސީގެ ޣައިރު ހާޒިރުގަ އެވެ.

އެމްއެންބީސީ އަކީ ދައުލަތުގެ މީޑިއާ ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ކުންފުންޏެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ އެކު ދައުލަތުގެ މީޑިއާ ހިންގަން ފެއްޓީ، ކުރިން ވެސް އޮތް ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އެމްބީސީގެ ގާނޫނު އުވާލައި ދައުލަތުގެ މީޑިއާ ހިންގަންވާނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނަމުގައި އުފައްދާ ކުންފުންފުންޏަކުން ކަމަށް ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން މިހާރު ދައުލަތުގެ މީޑިއާ ހިންގަނީ ޕީއެސްއެމް އިންނެވެ.

comment ކޮމެންޓް