އަތްނުފޯރާ ފަށަށް ފުލެޓުގެ އަގު އުފުލެމުންދާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ): އަތްނުފޯރާ ފަށަށް ފުލެޓުގެ އަގު އުފުލެމުންދާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބަލައިގަންނަން މަޖިލީހުން ފާހެއް ނުވި -- ސަން ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ދެމުންދާ ފުލެޓުތަކުގެ އަގު އަތްނުފޯރާ ފަށަށް އުފުލެމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ތާއީދާ އެކު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި، ގަރާރު ބަލައިގަތުމަށް ތާއީދު ކުރެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި 58 މެމްބަރުންގެ ތެރެއިން 22 މެމްބަރުންނެވެ.

ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ.

ރައްޔިތުން މަޖިލީހުގެ 142ވަނަ މާއްދާގައި ބުނެފައި ވަނީ، ގަރާރު ފާސްކުރަނީ މަޖިލީހުގެ މަސައްކަތް ހިންގާނެ އުސޫލުތައް ބަޔާންކޮށްދިނުމަށާއި، މަޖިލީހުގެ ހިންގުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށާއި، މަޖިލީހުގެ ގަވާއިދަށް ގެނެވޭ ބަދަލުތަކާއި އަދި މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭގޮތް ހަމައެކަނި ހާމަކުރުމަށްޓަކައި ކަމަށެވެ.

ރުކުމާ އެ ގަރާރު ހުށަހެޅުއްވީ ކުރީގެ އަރަބިއްޔާ އާއި ގާކޮށީގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކުރި ފްލެޓުތަކުގެ ކުއްޔަށް ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް ހައުސިން މިނިސްޓްރީން އެންގުމާ ގުޅިގެންނެވެ.

އެ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުން ހަމަޖެއްސި އުސޫލަކީ 25 އަހަރު ތެރޭގައި އެ ފްލެޓުތަކުގެ ކުލި ދައްކައި ޚަލާސް ކުރުން ކަމަށެވެ. އެއިރުން މަހަކު ދައްކަންޖެހޭ އަދަދު 400 ޑޮލަރަށްވުރެ ބޮޑު ނުވާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން މި ސަރުކާރުން ހަމަޖެއްސުމުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުން ލަސްވެ، ރައްޔިތުން ފުލެޓު އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ރުކުމާ ވިދާޅުވި އެވެ.

ރުކުމާ ވިދާޅުވީ މި ސަރުކާރުގައި ފުލެޓުގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައިވާ ސަބަބު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަންޖެހޭ ކަމަށާއި ބޯހިޔާވަހިކަމުން ރައްޔިތުން މަހުރޫމުވާތީ އެކަން ވެސް މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.

comment ކޮމެންޓް