ލެސްޓާ ސިޓީގެ އިންގްލެންޑް ފޯވާޑް ޖެމީ ވާޑީ ގެންދަން އާސެނަލް އިން މަސައްކަތް ކުރި ނަމަވެސް އޭނާ ލެސްޓާ ސިޓީ ދޫކޮށްލާނޭ ކަަމަށް ގަބޫލު ނުކުރެވޭކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
ވެންގާ އެގޮތަށް ވާހަކަ ދައްކާފައި ވަނީ، ޕްރިމިއަރ ލީގު ޗެމްޕިއަން ދޫކޮށް ވާޑީ ނުދާނޭ ކަމަށް އެ ކްލަބުގެ ވެރިޔާ އަޔަވަތު ސުރިވައްދަނަޕްރަބާ ބުނުމާ ގުޅިގެންނެވެ. އެހެން ނަމަވެސް އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާޑީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
"ނޫން ނޫން، ޖެމީ ވާޑީ މިވަގުތު ހުރީ ލެސްޓާގައި. އަދި އަހަންނަށް އެނގިފައިވާގޮތުން އޭނާ އެ ކްލަބްގައި މަޑުކުރާނެ،" ވެންގާ ބުންޏެވެ.
ވާޑީ ގެންދަން އާސެނަލުން 20 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅައިފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އުމުރުން 29 އަހަރުގެ ފުނަރުވެރި ފޯވާޑް އިހްތިޔާރުކުރީ އެކަމާ ގުޅޭގޮތުން މިވަގުތު އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.
"އަހަރެންގެ ވިސްނުން މިވަގުތު ހުރީ ހަމައެކަނި ފްރާންސްގައި ކުރިއަށްދާ މުބާރާތަށް. އެހެން ކަމަކާ ވިސްނާނީ މުބާރާތަށްފަހު،" ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހު ސްލޮވާކިއާ އާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ވާޑީ ބުންޏެވެ.
ލެސްޓާއިން އެދުނު ނަމަވެސް އާސެނަލުން މިހާރު ހުށަހަޅާފައިވާ ފީ އިތުރަށް ބޮޑުކުރާން އެ ކްލަބުން މަސައްކަތް ނުކުރާނޭ ކަމަށް، ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސި ނޮން-ލީގު ކްލަބެއް ކަމަށްވާ، ފްލީޓްވުޑް ޓައުންއިން 2012 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގައި ލެސްޓާއަށް ބަދަލުވި ވާޑީ ވަނީ މިދިޔަ ފެބްރުއަރީ މަހު، ލެސްޓާއާއެކު އިތުރު ހަތަރު އަހަރު ދުވަހަށް އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްފައެވެ.
މިދިޔަ ސީޒަންގައި ލެސްޓާއަށް 24 ލަނޑު ކާމިޔާބުކޮށް، އެޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެހީތެރިވި ވާޑީ ވަނީ މިހާރު ކުރިއަށް ދާ ޔޫރޯގައި އިންގްލޭންޑް 2-1 އިން ވޭލްސް އަތުން މޮޅުވި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި އިންގްލޭންޑް މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.