ހުޅުމާލޭގައި ބެޗުން ހަދާ އެޕާޓްމަންޓްތައް އިފްތިތާހުކޮށްފި

ބެޗް އެޕާޓްމަންޓްސް ހުޅުމާލެ، މެރީނާ ވިއުގައި ހިމެނޭ އެޕާޓްމަންޓެއްގެ ޑިޒައިން --- ސަން ފޮޓޯ

ހުޅުމާލޭ މެރީނާ ވިއުގައި ބެޗް ކޮންސްޓްރަކްޝަން އިން އިމާރާތް ކުރާ 69 "މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް"ތައް އިފްތިތާހުކޮށް، އެ ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕާޓްމަންޓުތައް އިފްތިތާހުކޮށްދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

"ބެޗު އެޕާޓްމަންޓްސް ހުޅުމާލެ، މެރީނާ ވިއު" އަކީ އެ ކުންފުނިން ހުޅުމާލެ ފިތުރޯނުމަގު ހުޅަނގުފަޅީގައި އެޅުމަށް ހަމަޖެހިފައިވާ 69 މިކްސްޑް ޔޫސްޑް ރެސިޑެންޝަލް ޔުނިޓުގެ 10 ބުރީގެ އިމާރާތެކެވެ.

އެ އިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ޝޮޕިން މޯލް އަކަށެވެ. އަދި ދެވަނަ ފަންގިފިލާ އިން ފެށިގެން މައްޗަށް ހަދާ އެޕާޓްމަންޓްތަކަކީ އާންމުން ދިރިއުޅުމަށް ހަދާ އެޕާޓްމަންޓުތަކެއް ކަމަށް ބެޗު ކޮންސްޓްރަކްޝަނުން ބުންޏެވެ.

ބެޗު އެޕާޓްމަންޓްސް ހުޅުމާލެ، މެރީނާ ވިއުގައި ހިމެނޭ އެޕާޓްމަންޓެއްގެ ޑިޒައިން --- ސަން ފޮޓޯ

އެ ކުންފުނިން ބުނީ ހުޅުމާލޭ މެރީނާ ވިއުގައި ހަ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނޭ ކަމަށެވެ. ދެވަނަ ފަންގިފިލާ އިން ފެށިގެން އަށް ވަނަ ފަންގިފިލާ އާ ހަމައަށް ހިމެނެނީ އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.

އޭގެ ތެރޭގައި މޫދު ފެންނަ އެޕާޓްމަންޓުތަކާއި މާލެ ސިޓީ ފެންނަ އެޕާޓްމަންޓުތައް ހިމެނެ އެވެ.

ނުވަ ވަނަ އަދި ދިހަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓުތަކަކީ ޕެންޓްހައުސް އެޕާޓްމަންޓުތަކެކެވެ. އެއިން ކޮންމެ އެޕާޓްމަންޓެއްގައި ޕްރައިވެޓް ޓެރެސް އެއް ހިމެނޭނެ ކަމަށް ބެޗް ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން، އެ އިމާރަތުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ޕާކިން އޭރިއާ އެއްވެސް އެ ސަރަހައްދުގައި ގާއިމު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ބެޗު އެޕާޓްމަންޓްސް ހުޅުމާލެ، މެރީނާ ވިއުގައި ހިމެނޭ އެޕާޓްމަންޓެއްގެ ޑިޒައިން --- ސަން ފޮޓޯ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ގުޅިގެން، ހުޅުމާލޭ މެރީނާ ވިއު އިން އެޕާޓްމަންޓް، ޕެންޓް ހައުސް އަދި ޝޮޕިންގ މޯލްގެ ޔުނިޓުތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މެރީނާ ވިއުގެ ރެޖިސްޓްރޭޝަން އަދި އެޕްލިކޭޝަން ފޯމުތައް މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 24 މަސް ދުވަހުގެ ތެރޭގަ އެވެ.

ބެޗު އެޕާޓްމަންޓްސް ހުޅުމާލެ، މެރީނާ ވިއުގައި ހިމެނޭ އެޕާޓްމަންޓެއްގެ ޑިޒައިން --- ސަން ފޮޓޯ

މިއީ މެދުފަންތީގެ 7،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓުގެ ދަށުން ދިން ޕުރޮޖެކްޓެކެވެ.

އެޗްޑީސީ އިން ވަނީ ބެޗް ކޮންސްޓްރަކްޝަންގެ އިތުރުން، ދަމާސް އާއި އެޕޯލޯ ހޯލްޑިންގްސް އަދި އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ ވެސް އެ ހައުސިން ޔުނިޓްތަކުން ބައެއް ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް