މަކުނުދޫ ރައްޔިތުން ކާޑު ހުސްވެދާނެކަމުގެ ބިރުގައި!

އެސްޓީއޯގެ ހަކުރު ގުދަނުން ލޯރިއަކަށް ހަކުރު ބަރު ކުރަނީ-- ސަން ފައިލް ފޮޓޯ

އާބާދީގައި 1700 އަށްވުރެ ގިނަ މީހުން ހިމެނޭ ހދ. މަކުނުދޫއަކީ ރާއްޖޭގެ އެހެން ރަށްތަކާ ވަކިން އޮންނަ ރަށެކެވެ. މީހުން ދިރިއުޅޭ ރަށެއް ފެންނާކަށް ނޯވެއެވެ. ނަތީޖާ އަކީ މޫސުން ގޯސްވާ ކޮންމެ ފަހަރަކު އެރަށުން ކެއިންބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ހުސްވުމުގެ ބިރު ހީވުމެވެ.

މަކުނުދޫ ކައުންސިލް މެމްބަރަކު ސަން އަށް ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުވެސް އެރަށް ކާޑަށް ޖެހިފައިވާ ކަމަށާއި، މި ރޯދަމަހާ ދިމާކޮށްވެސް ރަށުން ކާޑުގެ ބާވަތްތައް މަދުވެ ފިހާރަތަކުން ވިއްކުން ލިމިޓް ކުރަން ޖެހުނު ކަމަށެވެ.

އެހެން ދިމާވަނީ ރަށަކީ އެކަހެރިކޮށް އޮންނަ ރަށަކަށްވުމާއެކު މޫސުން ގޯސްވުމުން އޮޑިދޯނި ފަހަރު ދަތުރު ނުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މޫސުން ގޯސްވެ ދަތުރު ކުރާ ބޯޓް ފަހަރު ދަތުރު ނުކުރެވި ވާތީވެ މިކަމާއި {ކާޑް ހުސްވުމާއި} މި ދިމާވަނީ. ބައެއް ފަހަރު ފެރީއަށްވެސް ދަތުރު ނުކުރެވޭ ކުޅުދުއްފުއްޓާއި ހިސާބަށްވެސް، ގަދަވެގެން،" އޭނާ ވިދާޅުވިއެވެ.

މަކުނުދޫ: މޫސުން ގޯސްވެ ދަތުރުކުރެވޭނެ ގޮތެއް ނެތުމުން އެރަށުން ވަނީ ކާޑުގެ ބާވަތްތައް ހުސްވުމުގެ ބިރުހީވެފައި--

އެރަށަށް މިފަހުން ދިމާވި ކާޑު މަދުވުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އެކަން ހައްލުކުރީ ދޯންޏެއް ކުއްޔަށް ހިފައިގެން ކުޅުދުއްފުށިން ރަށަށް ކާޑުގެ ބާވަތްތައް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ގޭސް ލިބުމުގައި ދަތިތަކާއި ދިމާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޭތެރެދޭތެރޭން އެރަށް ކާޑަށް ޖެހިދާނެކަމުގެ ބިރު ހީވާތީ އެރަށު ކައުންސިލްގެ އެދުމަކީ ވީހާވެސް އަވަހަށް އެރަށުގައި ކާޑު ގުދަނެއް ހަދައިދިނުން ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

"ކަމާބެހޭ ފަރާތްތަކަށް އަންގަމުން މިދަނީ މަކުނުދޫގައި ބޭސް ފިހާރަ ހުރިގޮތަށް މަކުނުދޫގައި ކާޑުގެ ބާވަތްތައްވެސް ލިބޭނެގޮތް ހައްދަވައިދެއްވާށޭ. އެއީ ކަންނޭންގެ ހައްލަކީ،" މެމްބަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެސްޓީއޯގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

ކާޑުގެ ބާވަތްތައް މަދުވެ ހުސްވާން ކައިރިވުމުން އެރަށުގެ ރައްޔިތުން ދަނީ ނަމޫނާ ދައްކަމުން ކަމަށްވެސް ކައުންސިލުން ބުނެއެވެ. އެގޮތުން އެ ގެއަކަށް ފުދޭވަރަށް ކާޑުގެ ބާވަތްތައް ބެހެއްޓުމަށްފަހު ދެންހުންނަ ބައި އެހެން މީހުންނަށް ބަހަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދޫއާއި އެންމެ ކައިރިއަށް އޮންނަ ށ. ކަނޑިތީމަށް ވެސް ލޯންޗެއްގައި ދެވެނީ 30 މިނެޓުންނެވެ.

comment ކޮމެންޓް