ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ.
މި އަހަރުގެ އީދު ބޮނޑިބަތް ބަހާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައެވެ.

ދިރާގުން ކުރިއަށް ގެންދިއަ ޢީދު ބޮނޑިބަތް ބެހުމުގެ ހަރަކާތުގެ ތެރެއިން... ފޮޓޯ/ ދިރާގު
މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު އީދު ނަމާދަށް ފަހު، މާލޭގެ ސަލްމާން މިސްކިތް ސަރަހައްދުގައާއި ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.
ދިރާގުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. މިއީ ކޮންމެ އަހަރަކު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އެ ކުންފުންޏަކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރަމުންނެވެ.
މިގޮތުން ސަގާފީ ކަންކަމާއި އިޖްތިމާއީ ގުޅުން ބަދަހިކުރާ މިފަދަ ހަރަކާތްތަކަށް އެ ކުންފުންޏަކުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ.