ކާމިޔާބީއަކީ ގަދަ އަޅައި މަސައްކަތް ކޮށްގެން ހޯދާ އެއްޗަކަށްވާ އިރު، އެ ކާމިޔާބީ ހޯދުމަށް ވަކި ގޮތަކަށް ކުރަން ޖެހޭ ކަންކަން ހުރެ އެވެ. ކާމިޔާބު މީހަކަށް ވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އެބަ އޮތެވެ. އެކަން ކުރުމަށް ފަސޭހަ ގޮތެއް ވެސް އެބަ އޮތެވެ. އެއީ، އަހަންމައިދީއަށް އަންގާލުމެވެ. އަހަންމައިދީ ހުރީ އެހީތެރިވެ ދިނުމަށް ހޭވައްލާ ތައްޔާރަށެވެ.
ގ. ރެޑިއަމްގޭ އަހްމަދު ހަސަން ދީދީ ނުވަތަ އަހަންމައިދީ އަކީ ތަފާތު ޝަޚުސިއްޔަތެކެވެ. އޭނާ ބޭނުންވަނީ އިޖްތިމާއީ މަސައްކަތްތަކެއް ކޮށްދޭށެވެ. ވީހާވެސް ގިނަ ދާއިރާތަކަކުން އާންމުންނަށް ޚިދުމަތް ކޮށްދޭ ޚިދުމަތްތެރިއަކަށް ވުމަށެވެ. އެކަން އޭނާ ދަނީ ހާސިލު ކުރަމުންނެވެ.
ސްކޫލު ނިންމެވުމާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވި އަހަންމައިދީ، އެ އޮފީހުން ވަކިވެވަޑައިގަތީ 2010 ވަނަ އަހަރުގަ އެވެ. އާދައިގެ ވަޒީފާއަކުން ފައްޓަވައި، އެ އޮފީހުން ނުކުމެވަޑައިގަތީ އެތަނުގެ ޑިރެކްޓަރުކަމާއި ޕާމަނަންޓް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ.
ފެށުނީއްސުރެ ސިވިލް ސާވިސް ވަޒީފާ އަދާކުރެއްވުމަށް ފަހު ރައީސް އޮފީސް ދޫކުރައްވައި، އަހަންމައިދީ ދެން އައްޔަނުވީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށެވެ. ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ވެސް ހޮވިވަޑައިގަތެވެ.
އެ ކޮމިޝަނުގައި އަހަންމައިދީގެ ދައުރު ހަމަވެ ނިމުމާއި އެކު ރަސްމީކޮށް ސަރުކާރުގެ ވަޒީފާ އަދާކުރުން ވެސް ނިމިއްޖެ އެވެ. ދެން އޭނާ ފެއްޓެވި މަސައްކަތަކީ އިޖްތިމާއީ ޚިދުމަތް ކުރެއްވުމެވެ. އެންމެ ކުރާހިތުން އަހަންމައިދީ ކުރާ މަސައްކަތަކީވެސް އެއީ އެވެ. މީހުން ބިނާ ކުރުމެވެ.
ސިވިލް ސާވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ވެސް ވަޑައިގެން ތަމްރީނުތައް ދެއްވާ އަހަންމައިދީގެ މިހާރުގެ އެންމެ ޚާއްސަ މަސައްކަތަކީ ކާމިޔާބު މީހަކަށް ވާން ބޭނުންވާ މީހުންނަށް އޭނާ ހިންގަވާ ތަމްރީނުތަކެވެ.
"މިއީ އެންއެލްޕީ ކިޔާ އެއްޗެއް. ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިންގ. ކާމިޔާބު މީހުން ކާމިޔާބުވާ ސަބަބުތައް. މި ތަމްރީނުކުރަނީ މިކަންކަމުގެ މައްޗަށް ބިނާކޮށް،" އޭނާ ވިދާޅުވިއެވެ.
އަހަންމައިދީ ސިންގަޕޫރަށް ވަޑައިގެން، އެންއެލްޕީ ޓްރެއިނަރަކަށް ވި އެވެ. އަދި ރާއްޖެ އައިސް، އެޚިދުމަތް އެކި މީހުންނަށް ދޭން ފެށި އެވެ. ފުރަތަމަ ފެށީ ކުޅިވަރު ޖަމިއްޔާތަކުންނެވެ. ކުޅިވަރު ޖަމިއްޔާތަކުގެ ކުދިންނަށް އެންއެލްޕީ ޓްރެއިނިންގ އަހަންމައިދީ ދެއްވި އެވެ.
އެންއެލްޕީއަކީ، ކާމިޔާބު މީހުން ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލައިފްސްޓައިލާއި އާދަތަކަށް ބަލައި، ހެދިފައިވާ ރީސާޗުތަކެއްގެ މައްޗަށް ބަލައި ހިންގާ ތަމްރީނެކެވެ.
އަހަންމައިދީ ވިދާޅުވާ ގޮތުގައި، ކާމިޔާބު އެންމެން ވެސް އެއް ގޮތަކަށް ކުރާ ބައެއް ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި ފަތިހު ހޭލައި، މެޑިޓޭޓު ކުރުމާއި މަޑުމައިތިރި ވަގުތުކޮޅެއް ހޭދަކުރުން ހިމެނެ އެވެ.
"ވަރަށް މުހިންމު ކަމެއް ކާމިޔާބު މީހަކަށް ވުމަށް، ހެނދުނުގެ އާލީ އަވާސްގައި މެޑިޓޭޓް ކުރުން. އަޅުގަނޑުމެންނާ ވަރަށް ގުޅޭވެސް ކަމެއް. އިސްލާމް ދީނުގައި އޮވޭ ދަމު ނަމާދު ކުރުމާއި ﷲ އަށް ދެންނެވުން ފަދަ ކަންކަން ވެސް،" އަހަންމައިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކާމިޔާބު މީހުންނަކީ ދުވަހުގެ ހުރިހާ ކަމެއް ރާވައިގެން ކުރާ ބައެއް ކަމަށެވެ. އަދި އެމީހުންގެ ދުވަހުގެ ޕްލޭން ރާވާލަނީ ފަޖުރުގެ މަޑުމައިތިރި ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންއެލްޕީއަކީ ހަމައެކަނި މެންޓަލް ކަމެއް ނޫން. މި ކޮންސެޕްޓް އެޕްލައި ކުރެވޭނެ އެހެން ކަންކަމަށް ވެސް. މީހާ ވާހަކަ ދައްކާ ގޮތާ، ސަލާން ކުރާނެ ގޮތާ، ލައިފްސްޓައިލް ބައްޓަން ކުރާނެ ގޮތަށް ވެސް،" އޭނާ ކިޔައދެއްވިއެވެ.
އަހަންމައިދީ ހުރީ، އޭނާއަށް ލިބިފައިވާ ތަޖުރިބާ އެހެން މީހުންނާ ހަމައަށް ފޯރުކޮށްދޭން ތައްޔާރަށެވެ.
ކުޅިވަރުގެ ދާއިރާގައި ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާ އަހަންމައިދީ، ކްރިކެޓް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަމަށް 1996 ވަނަ އަހަރު ވަޑައިގަތެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް އަހަންމައިދީ ހުންނެވީ އެ އެސޯސިއޭޝަނުގަ އެވެ. 2008 ވަނަ އަހަރު އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ވަޑައިގެން ފަހުން، ދެވަނަ ދައުރަކަށް 2012 ވަނަ އަހަރު ވެސް ރައީސްގެ މަގާމަށް އިންތިޚާބުވީ އަހަންމައިދީ އެވެ.
މީގެ އިތުރުން ބައިސްކަލު ދުއްވުމުގެ ހަރަކާތް ކުރިއެރުވުމަށްޓަކައި އަހަންމައިދީއާއި އޭނާގެ އާއިލާގެ ބައެއް މީހުން ވެގެން "ބައިކް މޯލްޑިވްސް"ގެ ނަމުގައި ޖަމިއްޔާއެއް ވެސް ހިންގައެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އަހަންމައިދީ އަކީ އެކި ހުނަރުން ފުރިގެންވާ ފަންނީ މީހެކެވެ. ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫނެވެ. މާސިންގާ ނަވެކެވެ. ރާއްޖޭގެ ގިނަ އިދާރާތަކެއް ހިންގުމުގެ މާސްޓާ ޕްލޭނުގެ ފަހަތުގައި ވެސް ހުންނެވި މޭސްތިރިއެކެވެ.