ކުޑައިރު ވަކި ހާއްސަ މީހަކަށް ވާކަށް އޭނާ ބޭނުމެއް ނުވި އެވެ. ޑަކްޓަރަކަށް އިންޖިނިއަރަކަށް ނުވަތަ ޕައިލެޓަކަށް ވާން ހިތަށް އެރި ދުވަހެއް ވެސް ހަނދާނަކު ނެތެވެ. ބޭނުންވީ އެންމެ ކަމެކެވެ. މީހުންނަށް އެހީ ވާށެވެ. މުޖުތަމައު އަށް އެއްބާރުލުން ދޭށެވެ. މިއަދު އޭނާ އަކީ އެކަމުގެ ނަމޫނާ އެކެވެ.
ރާއްޖޭގެ އިތުރުން ބައިނަލްއަގްވަމީ މައިދާނުގައި ވެސް އޭނާ އަކީ ޒުވާން ހިދުމަތްތެރިއެކެވެ. ޒުވާނުންނަށް ހުރި ނަމޫނާ އެކެވެ. ގިނަ ބަޔަކު އޭނަ ދަންނަނީ ވެސް ވޮލަންޓިއާ ނުވަތަ ދަރުމަވެރިއެއްގެ ގޮތުގަ އެވެ.
"ޖަމާލުއްދީން ސްކޫލުގަ އުޅުނު ދުވަސްވަރު ވަނީ ކަބް ސްކައުޓަށް. އިތުރު ހަރަކާތެއްގަ އުޅެލަން ވެގެން ފުރަތަމަ ވަނީ. ނަމަވެސް އޭގެން ތަޖުރިބާތަކެއް ލިބެން ފެށުމުން އެއީ ކުރަން ރަނގަޅު ކަމެއް ކަން އިނގިއްޖެ. މީހަކަށް ކަމެއް ކޮށްދިނީމަ އެ ލިބޭ ހިތްހަމަޖެހުން އެއީ ވަރަށް ބޮޑު އެއްޗަކަށްވި،" މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ދަރުމަވެރިޔާ މޫސާ ޝިފާޒު އޭނާ ދަރުމަވެރިއަކަށްވި ގޮތް ކިޔައިދެމުން ބުންޏެވެ.
މޫސަ ބުނީ، ދަރުމަވެރިއެއްގެ ގޮތުގައި އޭނާ އުޅުމަށް އެންމެ ބޮޑަށް ފަސޭހަ ވެގެންދިޔައީ ސްކައުޓްގެ ތެރެއިންނެވެ. އެގޮތުން ސްކައުޓަށް ވަން ފަހުން މީހުންނާ ގުޅިގެން ކަންތައްތަކުގައި ޝާމިލް ވެގެން އުޅެން ދަސްވުމާއި އެހީތެރިވުމާއި މުޖުތަމައު އަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ދަސްވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ. ފަސްޓް އެއިޑްގެ ރޮނގުން މޫސަ ހޯދި ކުރިއެރުންތަކަކީ ވެސް ސްކައުޓުން އޭނާ ހެދި ތަމްރީންތަކުގެ ނަތީޖާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މޫސަ އަށް ރެޑު ކްރެސެންޓު ވެސް ސަޅިވީ ސްކައުޓުން ދަސްވެފައި ހުރި ހުނަރުތައް ބޭނުންކުރެވޭނެ ހަރަކާތަކަށް އެކަން ވުމުންނެވެ. އެ ޖަމިއްޔާއަށް މޫސަ ހިތްޖެހުނީ ތަޖުރިބާ ކުރަން ރަނގަޅު ދާއިރާއެއް ކަމަށް ފެނިގެންނެވެ. ދުވަސްތަކެއް ނުވެ އެ ޖަމިއްޔާގެ ތަމްރީންތަކެއް އޭނާ ހަދަން ފެށި އެވެ. އެއަށް ފަހު އެމްއާރުސީއާއެކު ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ، ފަސްޓް އެއިޑް ޓްރެއިނަރަކަށްވި އެވެ.
ކާރިސާތަކުގައި ހަރަކާތްތެރިވާނެ ދަރުމަވެރިއަކަށް މޫސަ އެހިސާބުން ފެށި ދަތުރަށް އިތުރު ހިއްވަރެއް ލިބިގެންދިޔައީ، ސަރަހައްދީ ފެންވަރުގައި ކާރިސާތަކުގައި ހަރަކާތްތެރިވުމަށް ފޮނުވާ ޓީމުތައް ތަމްރީން ކުރުމަށް ބަންގާޅުގައި ބޭއްވި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ލިބުމެވެ. ރާއްޖެއިން އެ ފަހަރު ފޮނުވީ ތިން މީހުންގެ ތެރޭގައި މޫސަ ހިމެނުނު އިރު އޭރު އޭނާގެ އުމުރުން އެންމެ 20 އަހަރެވެ.
"ވަރަށް އުދަނގޫ ތަމްރީންތަކެއް ހަދަންޖެހުނީ. އާންމުކޮށް ދިރިއުޅުމުގައި ކުރި ކަމެއް ވެސް ނޫން ވީމާ. އެކަމަކު ޓްރެއިނިންގުން ރަނގަޅު ނަތީޖާއާ އެކު ފާސްވި. ދެން ފެސިލިޓޭޓަރުންނާއި ޕާސިޕެންޓުންނާ އެކު ބޭއްވި އިންޓަވިއު ސެޝަންއެއްގައި އެމީހުން ބުނީ އެހެން ގައުމުތަކަށް ފޮނުވޭނެ ކަމަށް. އަދި ވަރަށް މޯޓިވޭޓްވި އެ ތަމްރީން ހެދި އެންމެ ޔަންގް މީހާ އޭ ބުނީމަ،" މޫސަ ބުންޏެވެ.
އެ ތަމްރީނަށް ފަހު، ކާރިސާއެއްގެ ހާލަތުގައި މަސައްކަތް ކޮށް، ބަޔަކަށް އެހީތެރިވެދިނުމަށް ކެތްމަދުވެފައި ހުރި މޫސައަށް، އެފަދަ މަސައްކަތެއް ކުރުމަށް ބަންގްލަދޭޝަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އޭގެ ފަހުން މޫސަ ވަނީ ފިލިޕީންސަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެރި ޓައިފޫނުގައި ވެސް ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެ އިން ފޮނުވި ދިވެހި ދަރުމަވެރިއެއްގެ ގޮތުގައި ދިޔަ ހަމައެކަނި މީހަކީ ވެސް މޫސަ އެވެ.
މިހާތަނަށް ދުނިޔޭގައި ރިކޯޑް ކުރެވުނު އެ ޓައިފޫން ސައިންސްވެރިން ވެސް ސިފަކޮށްފައިވަނީ "މޯންސްޓާރ ޓައިފޫން"ގެ ގޮތުގަ އެވެ. ޓައިފޫން ހައިޔަންގެ ނަން ދީފައިވާ އެ ޓައިފޫނުގައި ގާތްގަނޑަކަށް ގަޑިއަކު 320 ކިލޯ މީޓަރަށް ވައި ޖެހުނު އިރު، އެ ހާދިސާގައި ފިލިޕީންސް ބިމާހަމަވެ ގާތްގަނޑަކަށް 8000 މީހުން މަރުވި އެވެ.
"ފިލިޕީންސް އަށް އެރި ޓައިފޫންގައި އެހީތެރިވާން އޭރު ވެސް ހިތަކަށް ނާރާ ދާންޖެހޭނެ ކަމަކަށް. ޓައިފޫން އެރިތާ ދެ ހަފްތާ ފަހުން، އެމްއާރުސީ އިން ބުނީ އެކޮޅަށް ދެވޭނެ ހޭ. ކާރިސާއެއްގައި ހަރަކާތްތެރިވާން ބޭނުންވެފަ ހުރީމަ އޭއެކޭ ބުނީ. އޭރުވެސް ހިތަކަށް ނާރާ ކިހާވަރެއްގެ ކަމަކާ ކަމެއް ކުރިމަތިލި ލަނީކީ އެއްވެސް. ފުރަން ދިޔަ އިރުވެސް ވަރަށް ބިރުން ހުރެ ދިޔައީ. ގޮސް މަސައްކަތްކުރަންޖެހުނީ ވެސް އެންމެ ހާލުގައި ހުރި ތަންތަނުގައި،"
ފިލިޕީންސް އަށް ދިޔަ ޓީމުގައި ދިވެހި ގައުމު ރަމްޒު ކޮށްދިނީ ވެސް ހަމައެކަނި މޫސަ އެވެ. އެތަނުގައި، އެމަސައްކަތް ކުރުމުގެ ތަޖުރިބާގެ ގޮތުންނާއި އުމުރުން ވެސް ދޮށީ ބަޔަކާ އެކު މަސައްކަތް ކުރަންޖެހުނު މޫސައަކީ އެމީހުންގެ ތެރެއިން އެންމެ ޒުވާން ދަރުމަވެރިޔާ އެވެ.
ދަރުމަވެރިއެއްގެ ދަތުރުގައި މޫސަގެ ދަތުރު މިހިސާބުން ނިމުނީއެއް ނޫނެވެ. އޭޝިއާ ބައްރުން އެހެން ބައްރަކަށް ފޮނުވި އޭޝިއާގެ ފުރަތަމަ ޓީމުގައި ވެސް ހިމެނުނު ދެ މީހުންގެ ތެރެއިން މޫސަ ހިމެނެ އެވެ.
"އެފްރިކާގެ މަލާވީއަކީ ތަފާތު އެކްސްޕީރިއަންސެއް. މޫސުމީ ކަންތައްތައް ބަލާއިރު މަލާވީގައި މަސައްކަތް
ތަފާތު ތަޖުރިބާތަކެއް ވިޔަސް، މިހާތަނަށް މޫސަ ކުރި އެންމެ ބިރު ވެރި ދަތުރަކީ އަދި މިއެއް ނޫނެވެ. އޭނާގެ އެންމެ ބިރުވެރި ތަޖުރިބާ އަކީ ނޭޕާލަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އައި ބިންހެލުމެވެ. އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ ކައިރިއަށް 7.8 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބާރުގަދަ ބިން ހެލުމަށްފަހު ލިބުނު ގެއްލުންތަކުގައި އެހީވުމަށް އޭރު މޫސަ ހުރީ ނޭޕާލުގައެވެ.
"ނޭޕަލަށް އައި ދެވަނަ ބިންހެލުން (6.6 މެގްނެޓިއުޑްގެ ބާރު މިނުގައި) އައީ އެތަނުގައި ހުއްޓާ. އެއީ ކުރިން އެކްސްޕީރިއަންސް ނުކުރެވި އޮތް ކަމެއް ވީމަ އެއީ އަދިވެސް ހަނދާނުން ފޮހެލަން އުދަނގޫ ދުވަހެއް. ދުވަހަކު ވެސް އެހާ ބިރެއް އަދިއެއް ނުގަނޭ،"" މޫސަ ބުންޏެވެ.
މިއަދު އުމުރުން އެންމެ 23 އަހަރުގެ މޫސަ އަކީ އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން މެނޭޖަރެވެ. ސްކައުޓެއްގެ ގޮތުގައި އަދިވެސް ހިދުމަތް ކުރަމުން އަންނަ މޫސަ އަކީ ޒުވާނުންނަށް ނަމޫނާ އެކެވެ. ރާއްޖެއަށް ރީތިނަން ހޯދައި ދީފައިވާ ޒުވާނެކެވެ.