އަދީބު، ޒިޔަތު އަދި ހާމިދަށް ހުކުމް އިއްވުން ފަސްކޮށްފި

އަބްދުﷲ ޒިޔަތު (ކ) އަހުމަދު އަދީބު އަބްދުލް ޣަފޫރު އަދި ހާމިދު އިސްމާއީލް ---- ސަން ފައިލް ފޮޓޯ

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލްޢަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި މ. ޝުރާމަންޒިލް ހާމިދް އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި އެވެ.

އެ މައްސަލާގައި ހުކުމް އިއްވުން އިއްވަން ތާވަލްކުރީ މިރޭ 11:00 އަށެވެ. ނަމަވެސް މިހާރު ވަނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

އެ މައްސަލަ އަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ މައްސަލާގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތަށްޓަކައި އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

ހާމިދުގެ ހިއްސާ އޮންނަ މިިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރެއްވުމަށްފަހު ފޯނުން ގުޅުއްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެންގެވި ކަމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަމްޖަދު އިސްމާއީލް ވަނީ ކޯޓްގައި ހެކިބަސް ދެއްވާފައެވެ.

އަމްޖަދު ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެއްމިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓްގައި ބެހެއްޓުމަށް ފަހު ބައިކީ ހުރި ހަތަރު މިލިއަން ޑޮލަރު މޮންޓަލައޯން އިންޓަނޭޝަނަލްގެ އެކައުނަޓަށް ޖަމާ ކުރުމަށް ތައްޔާރު ކޮށްފައިވާ ޗެކްތަކެއް އަދީބުގެ އެދިވަޑިއިގަތުމަކަށް އެކުންފުނީގެ ހިއްސާ ދާރަކަށް ހަވާލުކުރައްވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް