މައްސަލަ ދިގުލައިގެން ދިޔުމުން ކުންފުނި ބަނގުރޫޓުވުމާ ގާތްވެއްޖެ: ހަވީރު މީޑިއާ ގްރޫޕް

ހަވީރު އިދާރާގެ ބޭރުގައި ބަޔަކު -- ސަން ފައިލް ފޮޓޯ/

ހަވީރު ނޫހާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ދިޔުމުގެ ސަބަބުން ކުންފުނި ބަނގުރޫޓުވުމާ ގާތްވެއްޖެ ކަމަށް ހަވީރު މީޑިއާ ގްރޫޕުން ބުނެފި އެވެ.

ހަވީރު މީޑިއާ ގްރޫޕްގެ ޑިރެކްޓަރު ވާއިލް މުހައްމަދު ޒާހިރު ހުސައިން ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހަވީރު ނޫހާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް އެކުންފުނިން ތަދައްޙުލްވީ ހަވީރު ނޫސް އެޖެންސީގެ ބައިވެރިވުން ނެތް ގޮތުގައި އެ ކުންފުނީގެ މުދާތަކާއި ބޭންކް އެކައުންޓުތަކާއި ފިކުރީ މުދާތައް ބޭނުން ނުކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުމުން ކަމަށެވެ.

މައްސަލަ ދިގުލައިގެން ދިޔުމުގެ ސަބަބުން ކުންފުނީގެ އެއްވެސް މުދަލަކުން ވިޔަފާރިއެއް ނުކުރެވޭ އިރު، ބޭންކް އެކައުންޓުގައި ހުރި ފައިސާ ވެސް ބޭނުންނުކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި އެކަންކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތުމުން މުވައްޒަފުން އަމިއްލައަށް ވަޒީފާ އިން ވަކިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކަންތައް އެގޮތަށް ހިނގާފައި ވާތީ ސިވިލް ކޯޓުގައިވާ މައްސަލައަށް އެކުންފުނިން ތަދައްޚުލްވެފައިވާ ތަދައްޚުލްވުން އަނބުރާ ގެނެސް، އެ މައްސަލައިން އެ ކުންފުނި ވަނީ ބޭރުވެފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޑރ. މުހައްމަދު ޒާހިރު ހުސައިން ވެސް ހިމެނޭ ގޮތަށް ހަވީރުގެ ހުރިހާ ހިއްސާދާރުން އެއްބަސްވާ އޮޑިޓްފާމަކާ މިހާރު ވަނީ އެތަން އޮޑިޓްކުރަން ހަވާލުކޮށްފަ އެވެ. އެއީ ސިވިލް ކޯޓުން އަންގައިގެން ކުރި ކަމެކެވެ.

އޮޑިޓް ކުރަން ހަވާލުކުރި ފަހުން އެ މައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެ އެވެ.

މިހާރު ސިވިލް ކޯޓު އޮތީ ރިސެސްގައެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސިވިލްކޯޓު ރިސެސްއަށް ދާނެ އެވެ.

comment ކޮމެންޓް