މިއީ އާއިލާ މީހުންގެ ބަނޑުފުރާނަ މުއްތި ކުރާނެ ފައިސާ ހޯދަން ސީރިއާގެ ރެފިއުޖީ ކުދިން އުޅޭ ހާލު!

ލެބަނަން އެއްގެ ފަހާ ފެކްޓަރީއެއްގައި މަސައްކަތްކުރާ ސީރިއާގެ ރެފިއުޖީ ކުއްޖެއް: އާއިލާއަށް ފައިސާ ހޯދުމަށް އެކުދިންނަށް ވަނީ މަޖުބޫރުވެފައި ---

ސީރިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގާތްގަނޑަކަށް 4.5 ބިލިއަން ރެފިއުޖީން ވަނީ ރައްކާތެރިކަން ހޯދަން މިސްރާއި އިރާގު ތުރުކީގެ އިތުރުން ޖޯޑަން އަދި ލެބަނަން އަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފަ އެވެ.

ލެބަނަންގެ އެކި ހިސާބުތަކުގައި ވިއްސި ވިހާލިވެފައި 1.1 މިލިއަން ސީރިއާގެ ރެފިއުޖީން ދިރިއުޅެމުންދާ އިރު، ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދުމަށް އެމީހުން އުޅެނީ ދަތި ހާލުގަ އެވެ. ލެބަނަންގައި ދިރިއުޅޭ ރެފިއުޖީ ކުޑަކުދިންގެ ތެރެއިން ސްކޫލް ތައުލީމް ހޯދަނީ އެންމެ 30 ޕަސެންޓް ކުދިންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ލެބަނަންގައި ގާއިމްކޮށްފައިވާ 12 ރެފިއުޖީ ކޭމްޕުގެ ހާލަތު ވެސް ދަނީ ދަށްވަމުންނެވެ. އެ ކޭމްޕުތަކުގައި ބޯނެ ފެން ނެތް އިރު އެކަށީގެންވާ ވަރަކަށް ކަރަންޓެއް ނެތެވެ. މިކަމުގެ ބުރަ އެންމެ ބޮޑަށް އުފުލަންޖެހެނީ ރެފިއުޖީ ކުޑަކުދިންނެވެ. ގިނަ ކުދިންނަކީ ބައްޕަ ނެތް ކުދިންނަށްވާ އިރު، އާއިލާއަށް ބަނޑުފުރާނެ މުއްތި ކުރާނެ އެއްޗެހި ގަންނަން މަސައްކަތްކުރަން މަޖުބޫރުވެފައި ވަނީ މައުސޫމް އެކުދިންނަށެވެ.

މުހައްމަދު އަލީ އޭނާ މަސައްކަތްކުރާ މާރުކޭޓުގައި ---

މިއީ އެންމެ އަށް އަހަރުގެ މުހައްމަދު އަލީ އެވެ. އޭނާ ވަނީ ސީރިއާގެ އިދްލީބުން އާއިލާއާ އެކު ލެބަނާނަށް ހިޖުރަކޮށްފަ އެވެ. މުހައްމަދު އަލީ މަސައްކަތްކުރަނީ ލެބަނާނުގެ ވެރިރަށް ބެއިރޫތްގެ ސަބްރާގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުގައި ހުންނަ މާރުކޭޓެއްގަ އެވެ.

މާ ވިއްކައިގެން ފައިސާ ހޯދާ އަހުމަދު އަބްރޫޗް ---

މިއީ އަހުމަދު އަބްރޫޗް އެވެ. އުމުރުން އެންމެ އަށް އަހަރުގެ އަހުމަދު ސީރިއާގެ އަލެޕޯ އިން ލެބަނަން އަށް ބަދަލުވީ އޭނާގެ އާއިލާއާއެކުގަ އެވެ. އާއިލާއަށް ފައިސާ ހޯދަން އަހުމަދު ކުރާ މަސައްކަތަކީ ބެއިރޫތުގެ ބީޗް ސަރަހައްދުގައި މާ ވިއްކުމެވެ.

އަލީ ރަޖަބް އޭނާ މަސައްކަތްކުރާ ފިހާރައިގަ ފުޅިތަކަށް ސެންޓު އަޅަނީ ---

މިއީ 13 އަހަރުގެ އަލީ ރަޖަބް އެވެ. ފައިސާ ހޯދުމަށް ބެއިރޫތުގެ ފިހާރައެއްގައި އޭނާ ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރެ އެވެ. ފިހާރައެއްގައި ސެންޓު ފުޅިތަކަށް ސެންޓު އެޅުމާއި ފިހާރަ ސާފުކުރުމާއި މޯބައިލް ފޯނު ވިއްކުމަކީ އޭނާ ކުރާ މަސައްކަތެވެ. މައިންބަފައިންނާ ހަ ބޭބެ އާއި ދައްތަ އާ އެކު ސީރިއާގެ އަލެޕޯ އިން އަލީ ރަޖަބް ލެބަނަން އަށް ހިޖުރަކުރީ މީގެ ދެ އަހަރު ކުރިންނެވެ. އޭރުއްސުރެ އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.

އަލް އަޝްރަމް އޭނާ މަސައްކަތްކުރާ ސުޕަ މާރުކޭޓުގެ ރެކެއްގައި މުދާ ޖަހަނީ ---

އުމުރުން އެންމެ 12 އަހަރުގައި މުހައްމަދު އަލް އަޝްރަމް މަސައްކަތްކުރަމުން ދަނީ ސުޕަ މާރުކޭޓެއްގަ އެވެ. ސީރިއާގައި އުޅެނިކޮށް އަޝްރަމްގެ ބައްޕަ ވަނީ މަރުވެފަ އެވެ. މަންމަ އާއި ކުޑަ ތިން އަންހެން ކޮއްކޮ އުޅޭ ކުޑަ އެޕާޓްމަންޓަށް ފައިސާ ދައްކަން އަޝްރަމް ސުޕަ މާކެޓްގައި މަސައްކަތްކުރާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.

comment ކޮމެންޓް