ދުނިޔޭގެ އެންމެ ބާރުގަދަ އަންހެނަކީ އެންޖެލާ މާކެލް!

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް: އެކަމަނާ ވަނީ ދުނިޔޭގެ އެންމެ ބާރު ގަދަ އަންހެނުންގެ ލިސްޓުގެ އެއްވަނަ ހޯދާފައި ---

އެމެރިކާގެ ވިޔަފާރި މަޖައްލާ، ފޯބްސް އިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ ބާރު ގަދަ އަންހެނާގެ މަގާމު ހަ ވަނަ ފަހަރަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ހޯދައިފި އެވެ.

އެންޖެލާ މާކެލް އެ މަގާމް ހޯދާފައިވާ އިރު، އޭނާ އަކީ މަޝްހޫރު ޓައިމް މެގަޒިން އިން ހޮވި މިދިޔަ އަހަރުގެ އެންމެ ނުފޫޒު ގަދަ ޝަޚުސިއްޔަތެއްގެ ގޮތުގައި ވެސް ކަނޑައެޅި މީހާ އެވެ.

އެންމެ ބާރުގަދަ އަންހެނުންގެ ލިސްޓުގެ ދެ ވަނަ ހޯދީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަން އަށެވެ. އެމެރިކާގެ ފެޑެރަލް ރިސާވްގެ ޗެއާ ޖެނެޓް ޔެލެން އަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ.

ފޯބްސް އިން ކޮންމެ އަހަރަކު އިއުލާންކުރާ ދުނިޔޭގެ އެންމެ ބާރުގަދަ 100 އަންހެނުންގެ ލިސްޓުގައި މިއަހަރު ސިޔާސީ އާއި ވިޔަފާރީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން 29 ގައުމެއްގެ އަންހެނުން ހިމެނެ އެވެ. އެ އެންމެންގެ ފައިދާ އެއް ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް އެ މަޖައްލާއިން ބުނެއެވެ.

އޭގެ ތެރެއިން އެންމެ ބާރުގަދަ އަންހެނުންގެ ލިސްޓުގައި އެމެރިކާގެ 51 އަންހެނަކު ހިމެނޭއިރު، ދެވަނަ އަށް އެންމެ ގިނަ އަންހެނުން ހިމެނެނީ އޭޝިއާގެ ބޮޑު ބާރު، ޗައިނާ އިންނެވެ.

ލިސްޓުގައި 32 ޗީފް އެގްޒެކެޓިވް އިން ހިމެނޭއިރު ދުނިޔޭގެ 12 ލީޑަރުންނާއި 11 ބިލިއަނަރަކު ހިމެނެ އެވެ. ލިސްޓުގައި ހިމެނޭ އަންހެނުންގެ އެވްރެޖް އުމުރަކީ 57 އަހަރު ކަމަށްވާއިރު، އެންމެ ޒުވާން އަންހެނަކީ ޔާހޫ ގެ ޗީފް އެގްޒެކެޓިވް، އުމުރުން 41 އަހަރުގެ މެރީސާ މޭޔާ އެވެ.

އެންމެ ދުވަސްވީ އަންހެނަކީ އުމުރުފުޅުން 90 އަހަރުގެ އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތް ދެވަނަ އެވެ. އެކަމަނާ ހިމެނިވަޑައިގަންނަ ވަނީ ލިސްޓުގެ 29 ވަނައިގަ އެވެ.

މައުލޫމާތު: ސްކައި ނިއުސް

comment ކޮމެންޓް