ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ބެހޭގޮތުން ޒުވާނުންނަށް ޚާއްސަ ލެކްޗާތަކެއް "ރަފީ" ޖަމިއްޔާއިން ކުރިއަށް ގެންގޮސްފި

ރަފީ ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން -- ފޮޓޯ/ ރަފީ އެންޖީޢޯ

ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ބެހޭގޮތުން، ޒުވާނުން ހޭލުންތެރިކުރުވުމުގެ ގޮތުން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ޒުވާނުންނަށް ޚާއްސަ ލެކްޗާ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

ރަފީ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، އަހަރަކު ހަތަރު ފަހަރު މި ޕްރޮގްރާމް ކުރިޔަށް ގެންދަން ރާވާފައިވާ އިރު، ހޮނިހިރު ދުވަހުގެ ހަވީރު އެ ޖަމިއްޔާއިން ވަނީ މީގެ ފުރަތަމަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ.

އެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ، ހަތަރު ދާއިރާއެއްގެ ތަޖުރިބާކާރުން ދެއްވި ހަތަރު ލެކްޗަރާ އެކުގައެވެ.

އެގޮތުން ފުރަތަމަ ލެކްޗާ ދެއްވި މާސްޓާ ޓްރެއިނާ މަސްއޫދު އަލީ ވާހަކަ ދެއްކެވީ، ރަނގަޅު ހަޔާތެއް ބިނާކުރުމަށް އުންމީދުކުރުމުގެ މައްޗަށެވެ.

ދެވަނައަށް ލެކްޗާ ދެއްވީ ކޭޕީއެމްޖީ މޯލްޑިވްސްގެ ޕާޓްނަރު އެމްއެންއެމް ޝަމީލް އެވެ. ޝަމީލް ވާހަކަ ދެއްކެވީ "އެޓިޓިއުޑް ފޯ ޗޭންޖް" މި މައުޟޫއުއަށެވެ.

ތިންވަނަ ލެކްޗާ ދެއްވި ބިޒްނަސް ޑިވެލޮޕްމެންޓް ގެޓަވޭ މޯލްޑިވްސްގެ ޑިރެކްޓަރު ޑރ ސަނީ އުމަރުގެ ލެކްޗާ ބިނާކުރެއްވީ އިންސާނިއްޔަތަށް އިހްތިރާމު ކުރުމާ ބެހޭގޮތުންނެވެ.

ފަހު ލެކްޗާ ދެއްވި އެޗްޑީއެފްސީގެ ހެޑް އޮފް ފިނޭންސް މުހައްމަދު ޝަފީގު ވާހަކަދެއްކެވީ ފުރިހަމަކަން ހޯދުމަށް މަސައްކަތް ކުރުމުގެ މައްޗަށެވެ.

ރަފީ ޖަމިއްޔާއިން ބުނާ ގޮތުގައި މި ޕްރޮގްރާމުގެ މަގުސަދަކީ ޒުވާނުން އެކަކު އަނެކަކާ ބައްދަލުވެ، އަމިއްލަ ނަފްސަށް ކުރާ އިރުބާރާއި ޔަގީންކަން އިތުރު ކުރުމަށް މަގުފަހި ކޮށްދިނުމެވެ.

ރަފީ ޖަމިއްޔާއިން އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ އިތުރު ސެޝަންތަކެއް މި އަހަރު ކުރިޔަށް ގެންދާނެ ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

comment ކޮމެންޓް