ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރި ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އުމުރުން 30 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ މީހުން ތިބީ ކައިވެނި ނުކޮށް ކަމަށް ބައިނަލްއަޤުވާމީ އާ ދިރާސާއަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ނެރުނު، 2026 ވަނަ އަހަރުގެ ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭ ރިޕޯޓު "ސަކްސީޑިން ޖެނެރޭޝަންސް: އެމްޕަވަރިން ޔަންގް ޕީޕަލް ޓު ޗާޓް ދަ ފިއުޗާ" ގައެވެ.
ދުނިޔޭގެ 73 ގައުމަކުން 18 އަހަރާއި 39 އަހަރާ ދެމެދުގެ 108,000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި، ޒުވާނުންގެ 70 އިންސައްތަ މީހުން އެންމެ ބޭނުންވަނީ ކައިވެނިކުރާށެވެ. އަދި 91 އިންސައްތަ މީހުން ދަރިން ހޯދަން ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ ޚަރަދުތަކާއި މާލީ ދަތިކަމުގެ ސަބަބުން ކައިވެނިކުރުމާއި ދަރިން ހޯދުމުގެ މަރުހަލާ އޮންނަނީ 30 އަހަރު ފަހަށް ފަސްކުރަން ޖެހިފައެވެ. ދަރިން ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ދަތިކަން ކަމަށް ސާވޭގައި ބައިވެރިވި 72 އިންސައްތަ މީހުން ވަނީ ބުނެފައެވެ.
ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޑިއޭން ކެއިޓާ ވިދާޅުވީ، ޒުވާނުން އާއިލާއެއް ބިނާކޮށް މިނިވަން ދިރިއުޅުމެއް އުޅެން ބޭނުންވި ނަމަވެސް، އިގްތިޞާދީ ދަތިތަކާއި ބޯހިޔާވަހިކަމުގެ އަގުތައް އިންތިހާއަށް އުފުލިފައިވުމުން އެ އުންމީދުތައް ހާސިލުކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ބޭނުންވާ އިގްތިޞާދީ، ތައުލީމީ އަދި ސިއްހީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، ލިޔަންކިޔަން ދަތުމުގެ ނިސްބަތް 98 އިންސައްތައިގައި ހުރި ނަމަވެސް، ޒުވާނުންގެ 19 އިންސައްތަ ކުދިން ވަޒީފާއެއް ނެތި، ތައުލީމާއި ތަމްރީނުން ވެސް މަހުރޫމުވެފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މާލޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުގެ ފަރަގު ބޮޑުވުމަކީ ދިވެހި ޒުވާނުންނަށް ވެސް ކައިވެނިކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި ރިޕޯޓުގައި ބާރުއަޅާފައިވަނީ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައި އެކަށޭނަ ވަޒީފާތަކާއި، ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، އެކުދިންނަށް ބޭނުންވާ އިޖްތިމާއީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.