ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެފައިވާއިރު މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރާކަށް "އެއްވެސް އިރެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފެއް މަސައްކަތް ކުރައްވާފައެއްނުވާ،" ކަމަށެވެ.
ކުރީގެ ޕީޖީ އަދި މިހާރު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހުތާޒު ވިދާޅުވީ، ސީޕީ އަރީފް އެފަދަ ކޯޓު އަމުރަކަށް އެދިވަޑައިގަތީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ، ފަހުން އެ މައްސަލަ އަރީފް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
މުހުތާޒު ވިދާޅުވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.