14 އަހަރުގެ ދެ ކުދީން މަރާލިގޮތް މިއޮތީ!

މިދިޔަ ހުކުރު ދުވަހު ހިިންގި ދެ މާރާމާރީގައި މަރާލާފައިވާ 14 އަހަރުގެ ދެ ކުދިން---

މިދިޔަ ހުކުރު ދުވަހު ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އާއި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ މަރާލިއިރު އެ ދެކުދިންގެ މަރާ ގުޅުންހުރި މާރާމާރީގެ ވީޑިއޯ ފުލުހުން މިއަދު ނޫސްވެރިންނަށް ދައްކާލައިފިއެވެ. ތިރީގައި އެވަނީ އެ ދެމާރާމާރީ ހިނގިގޮތެވެ.

އިރުޝާމްގެ މަރު

ހުކުރު ދުވަހުގެ 5:30 ކަންހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި މާފަންނު ގުރޫޕެއްކަމަށްވާ "ވައިކަންމައްޗަށް" ނިސްބަތްވާ ކުދިންތަކެއް އެމަގުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިއްބެވެ. އޭގެ ތެރޭގައި އިރުޝާންވެސް ހިމެނެއެވެ.

ކަރަށް ވަޅިހެރުމުން މަރުވި އަހުމަދު އިރުޝާމް ---- ފޮޓޯ: ފޭސްބުކް

އެކުދިން އެހެން ތިއްބައި ކުއްލިއަކަށް ހައެއްކަ ކުދިންގެ ގުރޫޕެއް އެތަނަށް އައިސް ތަޅައިގަތެވެ. ހަމަ އެ ދެ ގުރޫޕު ދެގުރޫޕަށް ތެޅީއެވެ. އޭގެ ތެރެއިން އިރުޝާންވެސް ދެން އައި ގުރޫޕު ކުދިންގެ ގައިގައި ދިޔައީ ތަޅަމުންނެވެ.

ކުއްލިއަކަށް ފެނުނީ އެތަނުން އެއްކުއްޖަކު އިރުޝާންގެ ކަރަށް ވަޅިން ހަމަލާދޭތަނެވެ. އެ މާރާމާރީ ހިނގިގޮތުން އެއީ ސީދާ އިރުޝާނަށް ދޭންވެގެން ދިން ހަމަލާއަކަށްވުރެ ބޮޑަށް ބެލެވެނީ ހަމަ މާރާމާރީގެ ތެރެއިން އެކަކު ޒަހަމްކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައެވެ.

ވަޅިން ހަމަލާދިނުމަށްފަހު އެ ސަރަހައްދަށް އައި ހަ ކުދިންގެ ގުރޫޕް އެސަރަހައްދުން ދިޔައެވެ. އޭރު އިރުޝާންގެ ކަރާ ދިމާލުން އެއްފަޅި ވަނީ ލެއިން ތަތްތެޅިފައެވެ. ނަމަވެސް އޭނާ ހަމަ ހިނގާފައި އުޅުނެވެ. ދެން ފެންނަނީ ކުއްލިއަކަށް އެމީހުން އިރުޝާން ގޮވައިގެން ދުއްވައިގަންނަތަނެވެ. ބޮޑަށް ބެލެވެނީ ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ.

މާލޭގައި މިރޭ މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ކިޔުންތެރިއެއް

ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މާރާމާރީގައި އެ ހަރަކާތްތެރިވަނީ މާފަންނުގައި އޮންނަ ދެ ގުރޫޕު ކަމަށްވާ "ވައިކަންމަތި" އަދި "އީގަލްސް" ނަމަކަށް ކިޔާ ދެ ގްރޫޕަކަށް ނިސްބަތްވާ ކުޑަކުދިންތަކެކެވެ.

ފާތިރުގެ މަރު!

ފުލުހުން މައުލޫމާތު ދޭގޮތުގައި ފާތިރަކީ އިރުޝާން މަރާލި މާރާމާރީގައި ހަރަކާތްތެރިވި ކުއްޖެކެވެ. ފާތިރަށް ހަމަލާދޭ ވީޑިއޯގައި ފެންނަނީ ފާތިރު އައިސް އެގޭ ދޮރޯށި ހުޅުވައިލާއިރަށް ދެ މީހަކު ވަދެގަންނަތަނެވެ. އެތަނުން އެކަކަކީ ކުޑަކުއްޖެކެވެ. އަނެ ކަކަށް 18 އަހަރު ފުރިފައިވާނެ ކަމަށްބެލެވެއެވެ.

އެގެއަށް ވަން ދެކުދިންގެ ތެރެއިން ކުޑަކުއްޖާގެ ސޯޓް ދަށުން ވަޅިއެއް ނަގައި ފާތިރަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ދެވަނަ ހަމަލާގައި މަރާލާފައިވާ ފާތިރު--

ފުލުހުން މައުލޫމާތު ދޭގޮތުގައި ހަމަލާދިނުމުން ފާތިރު އެ ގޭތެރެއަށް ސިޑިން އަރަން މަސައްކަތްކުރުމުން ސިޑިމަތިންވެސް އެކުދިން އޭނާއަށް ހަމަލާދިނެވެ.

އެދެ މާރާމާރީގައިވެސް ގިނައިން ހަރަކާތްތެރިވެފައިވަނީ ކުޑަކުދިން ކަމަށްވާއިރު އެކުދީން މިހާރު ދެނެގަނެވި ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެމާރާމާރީގައި މަރުވި އިރުޝާން އާއި ފާތިރު އަކީ މީގެކުރިން ކުށުގެ މައްސަލަތަކުގައި ފުލުހުން ހުއްޓުވާފައިވާ ކުދިން ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް