ޝުހާދު ގަޔަށް ފަރީދު ވަޅިހެރިތަން ފެނުނު ކަމަށް ހެކިން ބުނެފައި އެބަހުރި: ދައުލަތް

ޙަސަން ފަރީދު ކޯޓުން ނެރެގެން ގެންދަނީ: ކްރިމިނަލް ކޯޓުން ވަނީ، ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލުމުގެ ކުށުގައި ފަރީދުގެ މެރުމަށް ހުކުމް ކޮށްފައި -- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ޏ. ފުވައްމުލައް ކަރަންކާގޭ ހަސަން ފަރީދު އެރަށު ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު ގަޔަށް ވަޅިހެރިތަން ފެނުނު ކަމަށް ހެކިން ބުނެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގައި މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ފަރީދު ޝުހާދަށް ހަމަލާދިންތަން ފެނުނު ކަމަށް ބުނެ ހެކިން ސީދާ ޖަވާބެއް ދީފައިނުވާ ކަމަށް ފަރީދުގެ ވަކީލާ ވިދާޅުވި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހެކިބަސް މީހުންގެ ތެރެއިން ތިން މީހަކަށް ފަރީދު ވަޅިހެރިތަން ފެނުނުކަމަށް ހެކިބަސް ދިން ކަމަށެވެ. އޭގެ އިތުރުން ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދިޔަ ކަމަށްބުނެ ފަރީދުގެ ވަކީލު ފާހަގަ ކުރި ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ މައްސަލާގައި ވަކީލަކު ބޭނުންވޭތޯ ދަށު ކޯޓުގައި އެހުމުން ދައުލަތުގެ ހަރަދުގައި ވެސް އަދި އަމިއްލަގޮތުން ވެސް ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ފަރީދު ބުނެފައިވާ ކަމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ޕޮއިންޓަށް ރައްދުދެއްވާ ފަނޑިޔާރު އަލީ ސަމީރު ވެސް ވަނީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައްދުދެއްވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ މައްސަލަ ނިންމި ރިޕޯޓުގައި ބުނެފައިވާ ގޮތުން ވަކީލެއް ބޭނުން ނޫން ކަމަށް ފަރީދު ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުން އެފުރުސަތު ނުދިނީކަމަށް ބުނެވެން ނެތް ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީސްތަކުގައި ވާހަގަކުރި ގޮތަށް ފަރީދުގެ ވަކީލު މިއަދު ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ހެކިބަސް ދިން ފަރާތްތަކުން ޝަރީއަތުގެ މަޖިލީހުގައި މާބޮޑު ވާހަކައެއް ދައްކަން ބޭނުންނުވެ، ކުރާ ސުވާލުތަކަށް އާއެކޭ ނުވަތަ ނޫނެކޭ ބުނެ ނިންމާލި ކަމަށް ބުނެ ދެއްކި ވާހަކަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އާއެކޭ ނުވަތަ ނޫނެކޭ ބުނެ ވާހަކަ ދައްކާފައި ވަނީ އެގޮތަށް ޖަވާބުދެވޭ ގޮތަށް ކުރި ސުވާލުތަކަށް ކަމަށެވެ. އެގޮތުން ޝަރީއަތުގައި ތިބި މީހުން ދަންނަންތޯ ނުވަތަ ފަރީދު ވަޅި ހެރިތަން ފެނުނުތޯ ބުނުމުން އާއެކޭ ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 13 މެއި 2015 ވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ 2015 ޖޫން މަހުގެ ތެރޭގަ އެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް