ދޯނި ބިނދުނީ މާގިނައިން މުދާ އެރުވުމުން، ގެއްލުން 95000ރ. އަށް: ވެރިމީހާ

އައްޓަމަސް ދޯނީގައި ތިބި މީހުން ކޯސްޓްގާޑުގައި: އެކަކުގެ އަތަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު -- ސަންފޮޓޯ// ފާތިމަތު ސައީދު

މާލެއިން ފުރައިގެން ވ. ފުލީދުއަށް ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދަނިކޮށް އިއްޔެ ބިންދައިގެން ދިޔަ "އައްޓަމަސް" ދޯނި ބިނދުނީ މާގިނަ އިން މުދާ އެރުވުމުން ކަމަށާއި އެ ދޯނި އިންޝުއާ ވެސް ނުކުރާ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފި އެވެ.

ސަފާރީ ހިންގުމުގެ ވިޔަފާރިކުރާ އަހުމަދު ވަހީދު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ އައްޓަމަސް ދޯންޏަކީ އޭނާގެ ޑައިވިން ދޯނި ކަމަށާާއި ވަރަށް ދުވަސްވެފައިވާ އެދޯނިން އިއްޔެ އުފުލި ތަކެއްޗަކީ އޭނާ ރަށުގައި ހަދާ ގެސްޓް ހައުސްއަކަށް ގެންދިޔަ ތަކެތި ކަމަށެވެ.

އެދޯނި ބިންދައިގެން ގޮސްފައި ވަނީ މާގިނައިން މުދާއެރުވުމުން ކަމަށާއި ދޯނި ބިންދައިގެން ދިޔަ އިރު ދޯނީގައި 150 ބަސްތާ ހިލަވެއްޔާއި 40 ލަކުޑި ފިލައާއި 50 ފުލައިވުޑް ހިމެނޭ ކަމަށެވެ. އެބޯޓް ބިންދައިގެން އަޑިއަށް ގޮސްފައިވާ އިރު އެ ވަގުތަކީ މޫސުން ވެސް އެހާ ރަނގަޅު ނޫން ވަގުތެއް ކަމަށް އޭނާ ބުންޏެވެ.

"ގެނެވޭނެހޭ ބުނީމާ ކެޕްޓަން ބުނީ އެގެނެވޭނޭ، އަޅުގަނޑު ބުނިން ކެޕްޓަންއަށް ފެންނަންޔާ ގެންނާށޭ، އެހެންވީމާ މިވާގޮތަކީ އެވަރަށް ނުވިސްނާ ގެގަނޑުމައްޗަށް ޖަހާފައި ހުރީމަ އެލަނޑު މިލިބުނީ،" އަހުމަދު ބުންޏެވެ.

އޭނާ ބުނީ އެ ދޯނި އިންޝުއާނުކޮށްވާ އިރު އެއީ 95000 ރުފިޔާގެ ގެއްލުމެއް ކަމަށެވެ.

އެ ދޯނިން އެތަކެތި ހިފައިގެން އައުމުން ފައިބަރުޖަހައި ހެދުމަށް އެހެލުމަށް ނިންމާފައި ވަނީ މިއަދެވެ.

އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ބިދޭސީ އެކެވެ. އޭގެތެރެއިން ދިވެއްސެއްގެ އަތަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް މާކަބޮޑު އަނިޔާއެއް ލިބިފައެއްނުވެ އެވެ.

comment ކޮމެންޓް