ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވި ނިއުޒީލޭންޑްގެ ކުރީގެ ވޯލްޑް ކަޕް ކޯޗު ރިކީ ހާބަޓް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ދެންމެ ވިދާޅުވީ ކޯޗް މަގާމުން ވަކިކޮށްފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ އާއި ކޯޗާއި މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކަމަށެވެ.
ގައުމީ ޓީމްގެ ކޯޗު ކަމާއި ހަވާލުވެ ވޭތުވެ ދިޔަ އަށް މަސްދުވަހުގެ ތެރޭގައި ޓީމުން އެކަށީގެންވާ ކުރިއެރުމެއް ނުފެނުނުއިރު ދިވެހިން އެންމެ ބޭނުންވާ ކުޅުން ނުފެނި ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖްރިބާކާރުންގެ ގިނަ ފާޑު ކިޔުންތަކެއް ވަނީ ހާބަޓް އަށް އަމާޒް ވެފައެވެ.
ހާބާޓް އާއި އެކު ގައުމީ ޓީމްގައި މަސަތްކަތް ކުރި ގިނަ ކޯޗިން ސްޓާފުންނާއި މައްސަލަ ޖެހި އެ ފަރާތްތަކުން ޓީމާ ދުރަށް ގޮސްފައިވާ އިރު ހާބަޓް ބުނަމުން ދިޔައީ ޓީމް ބައްޓަން ކުރުމަށް އޭނާ އަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި އެފްއޭއެމްގެ އިންތިހާބް ނުބޭއްވި ދުގުލައިގެން ދިއުމުން ވެސް އޭނާގެ މަސަތްކަތް ތަކަށް ގިނަ ގޮން ޖެހުން ތަކެއް ކުރިމަތިވި ކަމަށެވެ.
ހާބަޓްގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ރަނގަޅު ނަތީޖާ އެއް ނުނެރުވުނު އިރު ދިވެހިންގެ އުންމީދު ތަކާއި ގުޅި ލާމެހިފައިވާ ސާފް ސްޒުކީ ކަޕުގައި ވެސް ހާބަޓް އަށް ވަނީ ދިވެހިން ހެއްވާލެވޭ ގޮތް ނުވެފައެވެ.
ސާފް ސުޒުކީ ކަޕަށް ފަހު ބަންގާޅުގައި އޮތް މުބާރާތުން ރާއްޖެ އަށް ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނު އިރު އޭސިއަން ގޭމްސްގައި ވެސް ރާއްޖޭގެ ޒުވާން ޓީމް ވަނީ ކަޓައިގެން ގޮސްފައެވެ. އޭގެ ފަހުން އޭސިއަން ކަޕް ޕްލޭ އޮފްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔަމަން އަތުން ބަލިވި މެޗަށް ފަހު ސަޕޯޓަރުންގެ ކެއްތެރިކަން ކޮޅުންލައި ހާބަޓްގެ އިސްތުއުފާ އަށް ވެސް ވަނީ ގޮވާފައެވެ.
ނަތީޖާ އެއްގެ ގޮތުން އޭއެފްސީ އޭޝިއަން ކަޕް ޕްލޭ އޮފް ދެވަނަ ލެގްގައި ޔަމަންއާ ދެކޮޅަށް ގައުމީ ޓީމް ކުޅޭ މެޗަށް މިއަދު ހެނދުނު ފުރީ އެސިސްޓެންޓް ކޯޗު އަހުމަދު މަހްފޫޒް(އިންމަ)ގެ ބެލުމުގެ ދަށުންނެވެ.