އަދީބު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

އަދީބު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ---- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މިއަދު ހެނދުނު ބޭއްވި އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި އަދީބުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތައްޓަކައި ސިއްރުކޮށްފައިވާ އަޑުއެހުމަކަށްވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

އަދީބު ދިރިއުޅުއްވި އެޕާޓްމެންޓުގައި ދެ ފިސްތޯލައާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށްބުނެ ތިން މީހަކު ވަނީ ސިއްރުން ހެކިބަސް ދީފި އެވެ.

ހެކިބަސް ދިން ތިން މީހުން ވެސް ބުނީ ގ. ހުމަށިީގޭގައި އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތެރޭގައި އެމަނިކުފާނު ފިސްތޯލަ އަކާއި ގޮވާތަކެތި ގެންގުޅުއްވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު ކަމަށެވެ.

ހެކިބަސް ދިން ދެ މީހަކު ބުނީ ކަޅުކުލައިގެ ދަބަހަކަށްލާފައި އޮތް ދެ ފިސްތޯލަ އަދީބު އެ ދެ މީހުންނަށް ދެއްކެވި ކަމަށެވެ. އަދި އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ވެސް އެ ދަބަސްތެރޭގައި އޮތް ކަމަށާއި އެއީ ގޮވާއެއްޗެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް އެ ދެ މީހުން ބުންޏެވެ.

"ފާޑެއްގެ ފޯނު ކަހަލަ ޑިވައިސްއެއް ފެނުމުން އަޅުގަނޑު ދެންނެވިން ކޯއްޗެއްހޭ. އަދީބު ދެންނެވީ އެއީ ގޮވާ އެއްޗެއް ކަމަށް،" ހެކިބަސް ދިން މީހަކު ބުންޏެވެ.

ތިން ވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އަދީބު ދިރިއުޅުއްވި އެޕާޓްމަންޓުގައި އޭނާ ދެ ފިސްތޯލައަކާއި ގޮވާތަކެތި ގެންގުޅުވިއިރު، ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓްމަންޓުގައި އޭނާ އިންނެވި މޭޒުމަތީގައި ފިސްތޯލަ އަކާއި ގޮވާތަކެތި ހުއްޓައި ފެނުނު ކަމަށެވެ. ނަމަވެސް އޭނާ އަށް އަދީބު ފިސްތޯލަ ދައްކާފައިނުވާ ކަމަށް ހެކިބަސް ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ރެހެންދި ފްލެޓުގެ އެޕާޓްމަންޓުގައި އަދީބު ގެންގުޅުއްވި ފިސްތޯލަ އާއި ގޮވާތަކެތީގެ ފޮޓޯ ސިއްރުން އޭނާ މޮބައިލް ފޯނުން ނަގާފައިވާނެ ކަމަށެވެ. އަދި ފުލުހުންނަށް އެ ފޯނު ހަވާލުކުރި ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.

"އަޅުގަނޑު ފޯނު ފުލުހުންނާ ހަވާލުކުރި އިރު ވެސް އެ ފޮޓޯ ފޯނުގައި ހުންނާނެ،" ހެކިބަސްދިން މީހާ ބުންޏެވެ.

ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ އަދީބު ގެންގުޅުއްވީ އަސްލު ފިސްތޯލަކަން އެއަށް ބެލުމުން އޭނާ އަށް އެނގުނު ކަމަށެވެ.

"އެއީ ނޯމަލް ފިސްތޯލައެއް. ޓޯއީ އެއްޗެއް ނޫންކަން އެނގޭ. ކުރީގަ ކެޑޭޓުގައި އުޅުނުއިރު ގިރިފުށިން ދުށިން ފިސްތޯލަ،" ފުރަތަމަ ހެކިބަސް ދިން މީހާ ބުންޏެވެ.

ހެކިބަސްދިން ދެވަނަ މީހާ ބުނީ އަދީބުގެ އެޕާޓްމަންޓުން ފިސްތޯލަ ފެނުމުގެ ކުރިން އޮރިޖިނަލް ފިސްތޯލައެއް އޭނާ ދެކެފައިނުވާނެ ކަމަށެވެ.

"އަސްލު ފިސްތޯލައެއް އަޅުގަނޑު އޭގެކުރިން ނުދެކެން. ފިލްމުތަކުން ދެކެން ފިސްތޯލަ،" ދެވަނަ އަށް ހެކިބަސްދިން މީހާ ބުންޏެވެ.

ހެކިބަސް ދިން ދެ މީހަކު ބުނީ އެދުވަސްވަރު އެ މައްސަލަ ފުލުހުންނަށް ހުށަނޭޅީ އަދީބަކީ ދައުލަތުގެ ވެރިއަކަށްވެފައި، އެފެންވަރުގެ ބޭފުޅުން ފިސްތޯލަ ގެންގުޅުމަކީ މައްސަލައެއް ކަމެއް ނޭނގޭތީ ކަމަށެވެ.

ހެކިބަސް ދިން ދެ މީހަކު ބުނީ މޭޑޭ މުޒާހަރާއަށް އިޝާރާތްކޮށް، ގޯސްކޮށް ކަމެއް ހިނގާނަމަ އެމަނިކުފާނަށް އިޝާރާތް ކޮށްދެއްވުމަށް އަދީބު އެދިވަޑައިގަތް ކަމަށެވެ. އަދި މޭޑޭގައި ގޯސްކޮށް ކަމެއް ވިޔަ ނުދިނުމަށް ވެސް އަދީބު އެދިވަޑައިގަތް ކަމަށް ހެކިބަސްދިން އެ ދެ މީހުން ބުންޏެވެ.

"އަދީބު އެދިވަޑައިގަތީ މޭޑޭގައި ގޯސްކޮށް ކަމެއް ވިޔަ ނުދިނުމަށް. އަޕްޑޭޓުތައް ބަރާބަރަށް ދިނުމަށް. އެކަންތައްތައް ގޯސްކޮށް ދިޔަ ނުދިނުމަށް އެދިވަޑައިގަތް،" ހެކިބަސް ދިން މީހަކު ބުންޏެވެ.

"އަދީބު ވިދާޅުވި ރައީސް ޔާމީނާއި މިކޮޅަކާ ނުކުޅެވޭނެއޭ. އެންމެން މިތިބީ ސޭފްކޮށޭ،"

comment ކޮމެންޓް