ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތަށްޓަކައި އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށެވެ.
މިިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރެއްވުމަށްފަހު ފޯނުން ގުޅުއްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު އެންގެވި ކަމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަމްޖަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީއަށް ލިބުނު އެ ފަސް މިލިއަން ޑޮލޮަރު ޖަމާކޮށްފައި ވަނީ ހާމިދުގެ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ކުންފުނީގެ އެކައުންޓަށް ކަމާއި އެ ފައިސާ ޖަމާކުރުމުގެ އަޑީގަައި ހުރީ އަދީބުކަން ހެކީންގެ ހެކިބަހުން އެނގެ އެވެ. އެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މިލޭނިއަމްގެ އެކައުންޓުން ދެން އެ ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ހިއްސާ ކުރިން އޮތް މޮންޓަލިއޯން އިންޓަނޭޝަނަލްގެ އެކައުންޓަށެވެ. އެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ އަދީބު އަންގައިގެން ކަމަށް ހެކިބަސްދިން މީހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނެ ދުވަހެއް އަދި ކްރިމިނަލް ކޯޓުން ނުބުނެއެވެ.