މިއަދު ބާއްވާ އަދީބުގެ ދެ އަޑުއެހުން "ގައުމީ ސަލާމަތަށް ޓަކައި" ސިއްރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މީގެކުރިން ކޯޓަށް ހާޒިރުކުރަނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކާ ގުޅިގެން ޚުލާސާ ބަޔާން ހުށަހަޅަން މިއަދު ބާއްވާ އަޑުއެހުންތައް ގައުމީ ސަލާމަތީ ސަބަބުތަކަށް ޓަކައި ސިއްރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މިއަދު ހެނދުނު 9:00 ގައި ބާއްވަން ތަވަލްކުރީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު އަދީބު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ބުނާ މައްސަލާގައި އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެވެ. އެއަށް ފަހު މިއަދު ބާއްވަނީ ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެވެ.

"ގައުމީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެ ދެ އަޑުއެހުން މިއަދު ސިއްރުކޮށްފައި ވަނީ،" ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ.

އަދީބު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ބުނެ ތިން މީހަކު ވަނީ ހެކިބަސްދީފަ އެވެ. އޭގެތެރެއިން ދެ މީހަކު ބުނީ އަދީބު އޭނާ އެންމެ ފަހުން ދިރިއުޅުއްވި ގ. ހުމަށީގައި ދެ ފިސްތޯލަ އާއި ގޮވާއެއްޗެއް ގެންގުޅުއްވި މަންޒަރު އެމީހުންނަށް ފެނިފައިވާ ކަމަށެވެ.

ހެކިބަސްދިން އަނެއްމީހާ ބުނެފައި ވަނީ ހުމަށީގައްޔާއި ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެ ޕާޓްމަންޓުގައި އެމަނިކުފާނު ފިސްތޯލަ އާއި ގޮވާތަކެއްޗާ އެކު އުޅުއްވަނިކޮށް އޭނާ އަށް ފެނިފައިވާ ކަމަށެވެ.

ޚިޔާނާތުގެ މައްސަލައަކީ ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެކުންފުނިން ދައުލަތަށް ދިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލަ އެވެ. އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޒިޔަތުގެ މައްޗަށެވެ. އަދީބާއި ހާމިދުގެ މައްޗަށް އުފުލާފައި ވަނީ އެ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އަބްދުﷲ ޒިޔަތު (ކ) އަހުމަދު އަދީބު އަބްދުލް ޣަފޫރު އަދި ހާމިދު އިސްމާއީލް ----ސަން ފައިލް ފޮޓޯ

އެ މައްސަލައިގެ ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފަ އެވެ.

މިއަދު ބާއްވާ އަދީބުގެ ދެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރިނަމަވެސް ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިރޭ ބާއްވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

comment ކޮމެންޓް