ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެގެން އައިއީޑީއެއް ހެދިކަމަށް ސިފައިންގެ މީހަކު ސިއްރުން ހެކިބަސްދީފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ސިއްރުން ހެކި ދެމުން އެމީހާ ބުނީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އަދީބު އޭނާއަށް ގުޅުއްވި ކަމަށާއި އަދި އެ ލޯންޗުކޮޅުގައި ގޮވީ އޭނާ ތައްޔާރުކުރި އައިއީޑީކަމަށް ވިދާޅުވި ކަމަށެވެ.
"ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އަދީބު އަޅުގަނޑަށް ގުޅުއްފައި ވިދާޅުވީ، ލޯންޗުކޮޅުގައި ގޮވީ، އަޅުގަނޑު ތައްޔާރުކޮށްދިން އައިއީޑީކަމަށް. ދެން ވިދާޅުވީ ސައިލެންޓުކޮށް ހުރުމަށް،" ސިރުން ހެކިބަސްދެމުން އެމީހާ ކިޔައިދިނެވެ.
އޭނާ ބުނީ، އެ އައިއީޑީ އަދީބު އޭނަ ލައްވައި ތައްޔާރުކުރީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަންކަމަށް ބުނެ ކަމަށެވެ. އައިއީޑީ ތައްޔާރުކުރަން ތަކުރާރުކޮށް އަދީބު ތަކުރާރުކޮށް އެދިވަޑައިގަތް އިރު ދެއްކެވި ވާހަކަފުޅުތަކުން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކުރިން 200 ގްރާމްގެ އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ނިންމުމަށްފަހު އެންމެފަހުން ތައްޔާރުކޮށްދިނީ 60 ގްރާމްގެ އެކްސްޕްލޯސިވްއެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވިފަހުން ފޯނުން ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި އަދި ހެކިވެރިޔާގެ ގެ ފުލުހުން ބަލައިފާސްކޮށްފާނެ ކަމަށް އަދީބު ވިދާޅުވި ކަމަށެވެ.
އަދީބާއި އޮންނަނީ ކޮންގުޅުމެއްތޯ ހެކިވެރިޔާއާ ފުލުހުން ސުވާލުކޮށްފިނަމަ ފަޔާވޯކްސްގެ ކަންތައް ކުރާ މީހަކަށްވާތީ ގުޅުން އޮންނަ ކަމަށް ވިދާޅުވާން އަދީބު އެދިވަޑައިގަތް ކަމަށް ހެކިބަސްދިން މީހާ ބުންޏެވެ.
އައިއީޑީ ތައްޔާރުކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓްމަންޓު ތެރޭގައި އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ. އަދި އައިޑީއީ ތައްޔާރުކުރަން ބޭނުންކުރި ތަކެތިވެސް އޭނާ ކިޔައިދިނެވެ.
ލޯންޗުކޮޅުގައި ގޮވި އައިއީޑީ އަކީ ރިމޯޓުން ކޮންޓްރޯލް ކުރެވޭގޮތަށް ތައްޔާރުކުރި އެއްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އެއައިއީޑީއަށްވުރެ ކުރިން މޭޑޭ މުޒާހަރާއާ ދިމާކޮށް ގޮއްވާލަން އަދީބުގެ އެދިވަޑައިގަތުމަށް އައިއީޑީއެއް ތައްޔާރުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އަދީބު އެދިވަޑައިގަތީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ ކާރުކޮޅު މޭޑޭއާ ދިމާލަށް ގޮއްވާލަން އައިއީޑީއެއް ތައްޔާރުކުރަން ކަމަށާއި އެގޮތަށް އެދިވަޑައިގަތުމުން މީހުންގެ ފުރާނައަށް ގެއްލުންވާގޮތަށް އެކަހަލަ އެއްޗިހި ނަހަދާނެ ކަމަށް ބުނެފައިވާނެ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
"ދެން އަދީބު ވިދާޅުވީ ޕޮލިސް ޓޯޔާޑު ކައިރިއަށް ސީޕީ ހުސައިން ވަހީދުގެ ކާރު މަޑުކޮށް ހުސައިން ވަހީދާއި އޭނާގެ ބޮޑީގާޑު ފޭބުމުން އެކާރު ގޮއްވާލަން. އެއީ މޭޑޭގައި ޝައިޚް އިމްރާން ހައްޔަރުކުރަން ކުރާ ކަމެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ކޮމިޝަނަރ އޮފް ޕޮލިސް އަވަހާރަކޮށްލަން ހަމަލާދޭނެ ކަމުގެ އިންޒާރުދީ ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއަކީ އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.
އެމީހާގެ އިތުރުން މިއަދު ސިއްރުން ހެކިބަސްދިން ދެ ފުލުހަކު ބުނީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު އެ ދެ މީހުންނަށް ގުޅުއްވައި މިއަދު ސިއްރުން ހެކިބަސްދިން ފުރަތަމަ މީހާ އަކީ ފަޔާވޯކްސް ކަންތައް ކުރާ މީހެއް ކަމަށާއި އޭނާ އަކީ ރަނގަޅު މީހެއް ކަމަށް އަދީބު ފޯނުކުރައްވައި ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.