ބެންޗު އުވާލައި އަދީބުގެ ބައެެއް މައްސަލަތަކާ ބާރީ ހަވާލުވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު (ކ)، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުލް ބާރީ ޔޫސުފް: އަދީބުގެ ތިން މައްސަލައަކާ ބާރީ ވަނީ ހަވާލުވެ ވަޑައިގެންފައި -- ސަންފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް ބަލަމުން ދިޔަ ބެންޗު އުވާލައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ބައެއް މައްސަލަތަކާ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ހަވާލުވެ ވަޑައިގެންފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން މިހާތަނަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ފިސްތޯލަ ގެންގުޅުނު ކަމުގެ ތުހުމަތުގައި އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މައްސަލާގެ މިއަދު އޮތް އަޑު އެހުމުގައި ގާޒީ ބާރީ ވިދާޅުވީ މައްސަލަ ބަލާ ބެންޗު އުފާލާ އެމަނިކުފާނު މައްސަލަ ބެލުމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.

ކުރިން ފިސްތޯލަ މައްސަލަ ބަލަމުން ދިޔައީ ތިން ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ގާޒީ ބާރީ ހިމެނިވަޑައެއް ނުގަންނަވަ އެވެ.

ފިސްތޯލަ މައްސަލައިގެ އިތުރުން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާއާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައާ ވެސް ގާޒީ ބާރީ ހަވާލުވެވަޑައިގެންފައިވާ ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ވެސް ގާޒީ ބާރީ ވަނީ ބޮޑެތި މައްސަލަތަކެއް ބައްލަވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލި ބެންޗުގައި ބާރީ ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަ އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްސަލަ ވެސް ބެއްލެވީ ބާރީ އެވެ.

comment ކޮމެންޓް