އާ ޓާމިނަލް އެޅުމަށް ބިންލާދިން ގްރޫޕާ ހަވާލުކުރީ 300 މިލިއަން ޑޮލަރަށް: އާދިލް

އައިއެންއައިއޭ ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ތަސައްވަރެއް- ފޮޓޯ/ އައިއެންއައިއޭ

ގައުމީ ވައިގެ ބަނދަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި އަލަށް އިމާރާތް ކުރާ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އެޅުމަށް ސައުދީ އެރެބިޔާގެ ބިންލާދިން ގްރޫޕާ ހަވާލު ކުރީ 300 މިލިއަން ޑޮލަރަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73،000 އަކަ މީޓަރުގެ ބިމުގައި ހަދާ ޓާމިނަލް ބިންލާދިން ގްރޫޕާ ހަވާލުކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބިންލާދިން ގްރޫޕަށް އެެ މަސައްކަތް ހަވާލުކުރީ ކިހާވަރަކަށް ކަމެއް އެރެއަކު ނުބުނެ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު "ސަން" އަށް ވިދާޅުވީ، އާ ޓާމިނަލްގެ މަސައްކަތް ސައުދީގެ ބިންލާދީ ގްރޫޕާ ހަވާލުކޮށްފައި ވަނީ 300 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އެއީ އައިއެންއައިއޭ ތަރައްގީކުރަން ހަރަދުވާ 800 މިލިއަން ޑޮލަރުގެ ބައެއް ކަމަށް އާދިލް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު މި ޕްރޮޖެކްޓަށް ހަރަދުވާނެ. އެއީ އެއާޕޯޓް ތަރައްގީކުރާ ފައިސާ [800 މިލިއަން ޑޮލަރު]ގެ ތެރެއިން އާ ޓާމިނަލްގެ ކޮމްޕޮނެންޓް،" އާދިލް ވިދާޅުވި އެވެ.

މަސައްކަތްތައް މިހާރު ކުރިއަށްދާ މިންވަރު ހިއްސާކުރައްވަމުން އާދިލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިދާރީ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ބިންލާދިން ގްރޫޕުގެ ގާތްގަނޑަކަށް 3000 ވަރަކަށް މުވައްޒަފުން މަސައްކަތްތަކުގައި އަބަދު ވެސް ހަރަކާތްތެރިވާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ހިންގާނެ ރަނގަޅު ނިޒާމެއް ދެފަރާތުން ވާހަކަ ދައްކައިގެން ރާވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، އާ ޓާމިނަލްގެ ސީދާ އަމަލީ މަސައްކަތްތައް ފެށުމަށް ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އަދި މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށް ތިނެއް ނޫނީ ހަތަރު އަހަރު ވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓާމިނަލަށް [ނިންމަން] އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު އަހަރު ނަގާނެ ކަމަށް. ހަމަ ގައިމު ވެސް ތިން އަހަރު ތެރޭ ފިޒިކަލް ހުރިހާ މަސައްކަތެއް ނިމޭނެ. އެހެން ނަމަވެސް އޮޕަރޭޝަން ފަށަން ނަގާނެ ވަގުތު [ކޮޅެއް]. އެއީ އިންޓަނޭޝަނަލް ޓާމިނަލެއްގައި އޮޕަރޭޝަން ފަށާނީ އެހާ ސިމްޕަލްކޮށެއް ނޫން. މުޅި އޮޕަރޭޝަން އެހެން ތަނަކަށް ބަދަލުކުރާ އިރު ހުންނާނެ އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކެއް،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ތެރެއިން އާ ރަންވޭގެ މަސައްކަތަށް ބަލާއިރު އާދިލް ވިދާޅުވީ، އެ މަސައްކަތްކުރާ ކުންފުނީގެ ބައެއް ތަކެތި މިހާރު އެތަނަށް ގެނެސްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މަސައްކަތުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

އާ ޓާމިނަލް އަޅަނީ އަހަރުގެ ތެރޭގައި އަހަރު ދުވަހުގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އެއާޕޯޓް މިހާރު ބޭނުން ކުރަނީ އަހަރަކު އެވްރެޖުކޮށް ތިން މިލިއަން ފަސިންޖިރުންނެވެ. އާ ޓާމިނަލް އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި މިހާރު ހިދުމަތް ދެވޭވަރަކީ އެއްފަހަރާ 1000 މީހުންނަށެވެ.

އާ ޓާމިނަލްގެ ހާއްސަ ކަންކަން:

  • 40 ޑީޕާޗާ ގޭޓް
  • ހިޔާކޮށްފައިވާ 12 ޖެޓީ
  • 78،000 އަކަ މީޓަރު ބޮޑު
  • 38 އިމިގްރޭޝަން ކައުންޓަރު
  • ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
  • ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
  • ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
  • ފިއުލް ހައިޑްރެންޓް ސިސްޓަމް
comment ކޮމެންޓް